ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވުން ރާބިޠަތުލް ޢާލަމިލް އިސްލާމީގެ އަމީން ޢާންމު އައްޝައިޚު މުޙައްމަދު ބިން ޢަބްދުލްކަރީމު އަލް ޢީސާއާ ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު ހަވާލު ކުރައްވައިފިއެވެ.
އައްޝައިޚު މުޙައްމަދުލް ޢީސާއަކީ ސުޢޫދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރެއް ވެސްމެއެވެ. ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވުމަށާއި ނަމިރާ މިސްކިތުގައި އެ ދުވަހު އިމާމުވެ ނަމާދު ކުރެއްވުން އައްޝައިޚު މުޙައްމަދުލް ޢީސާއާ ސުޢޫދީ ރަސްގެފާނު ޙަވާލު ކުރެއްވީ އިއްޔެ ނެރުއްވި ޝާހީ އަމުރުފުޅަކުންނެވެ. މިއީ އާލު ޝައިޚުންނާއި މުފުތީންގެ ދާއިރާއިން ބޭރު ބޭފުޅަކާ މި މަސައްކަތް ޙަވާލު ކުރެވުނު ފުރަތަމަ ފަހަރެވެ.
ސުޢޫދީ ޢަރަބިއްޔާގެ ޙަރަމައިނިއާ ބެހޭ އިދާރާއިން މި ޚުޠުބާ ވަގުތުން ދުރަށް ފޮނުވާނެއެވެ. އަދި ވަގުތުން ދުނިޔޭގެ 14 ބަހަކަށް ތަރްޖަމާކޮށް ދުރަށް ފަތުރާނެއެވެ. ޙަރަމައިނިގެ އިދާރާ ބުނާގޮތުގައި ދުނިޔޭގައި 150 މިލިއަނެއްހާ މީހުން މި ޚުޠުބާ އަޑުއަހާނެއެވެ.

މުޙައްމަދުލް ޢީސާއަކީ ކޮން ބޭފުޅެއް
އައްޝައިޚު މުޙައްމަދުލް ޢީސާއަކީ އަލްއިމާމު މުޙައްމަދު ބިން ސުޢޫދު ޔުނިވަރުސިޓީގެ ދަސްވެންޏެކެވެ. އޭނާ ފުރަތަމަ ދަރަޖަ ޙާޞިލުކުރައްވައިފައި ވަނީ އަޅައިބެލުމުގެ ފިޤްހުންނެވެ. އެއަށްފަހު މާސްޓަރސްއާއި ޕީއެޗްޑީ ޙާޞިލް ކުރައްވައިފައި ވަނީ ޤަޟާއީ (ޖުޑިޝަރީ) ދާއިރާއިންނެވެ.
އޭނާ 2009ވަނަ އަހަރު ޖަސްޓިސް މިނިސްޓަރުކަމަށް ޢައްޔަންކުރެވުނެވެ. އެއަށްފަހު ހަމަ އެ އަހަރު ޝާހީ ދަރުބާރުގެ މުޝީރުގެ މަޤާމަށް ޢައްޔަން ކުރެވުނެވެ. މިއީ ވަޒީރުންގެ ދަރަޖައިގެ މަޤާމެކެވެ.
ސުޢޫދީ ޢަރަބިއްޔާގެ ނޫސްތައް ސިފަކުރާ ގޮތުގައި އައްޝައިޚު ޢީސާއަކީ މެދުމިނުގެ މައިދާނުގައި ފާހަގަކޮށްލެވޭ ރަމްޒެކެވެ. އޭނާއަކީ އިސްލާމީ ދުނިޔޭގައްޔާއި ބައިނަލްއަޤްވާމީ ދާއިރާގައި އިޙްތިރާމާއި ޤަދަރު ލިބިވަޑައިގެންފައިވާ އިސްލާމީ ޢާލަމީ ޝަޚްޞިއްޔަތެއް ކަމަށް މި ނޫސްތައް ބުނެއެވެ.



advertisment