Support Us

ޖަރްމަނުގެ މުސްތަޝާރު އޮލާފް ޝުލްޓްޒް އަދި ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން (ވ)

ޕޫޓިން ރާއްވަވައިފައިވަނީ ދިގުދެމިގެންދާނެ ހަނގުރާމައަކަށް: ޖަރުމަން

ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ޔުކްރޭންގައި ރާއްވަވައިފައި ވަނީ ދިގުދެމިގެންދާނެ ހަނގުރާމައަކަށް ކަމަށް ޖަރްމަނުގެ މުސްތަޝާރު އޮލާފް ޝުލްޓްޒް ވިދާޅުވެއްޖެއެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ވާހަކަދައްކައިގެން "އަރާރުން" ނިންމުމަށް ވޮޝިންގްޓަން ތައްޔާރުވެފައެއް ނުވެއެވެ.

ހަނގުރާމަ ނިމުމުން ޔުކްރޭނަށް ބޭނުންވާ ސަލާމަތީ ޖާމިނުވުމާ ބެހޭގޮތުން ޖަރްމަނުގެ ބައިވެރީންނާއެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ޝުލްޓްޒް ވިދާޅުވިއެވެ. އޭނާ އެ ޤައުމުގެ ޓީވީ ޗެނެލެއްގައި ވާހަކަފުޅު ދައްކަވަމުން ހާމަކުރެއްވި ގޮތުގައި ޔުކްރޭނަށް ލިބޭ ޖާމިނުވުން ނޭޓޯގެ މެންބަރު ޤައުމުތަކަށް ލިބޭ ސަލާމަތީ ޖާމިނުވުމުގެ ދަރަޖައާ އެއްވަރަށް މަތިވެގެން ނުދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމަށް ޓަކައި ތައްޔާރުވަމުން ދަނީ ޑިޕްލޮމެޓިކް ފެންވަރުގައެވެ. ހަނގުރާމަ ނިމޭ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

ޖަރްމަނުގެ މުސްތަޝާރު ވިދާޅުވިގޮތުގައި މޮސްކޯއާ ދެކޮޅަށް "އަހުރެމެން އަޅަމުންދާ ފިޔަވަޅުތަކުގެ ހިތި ރަހަ ރޫސީ އިޤްތިޞާދަށް ދަނީ ކުރަމުންނެވެ."

އެހެނަސް ޝުލްޓްޒް އެމެރިކާގެ ސީބީއެސް ޓީވީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ދިގު މުއްދަތަކަށް ހަނގުރާމަ ކުރެއްވުމުގެ ޤާބިލުކަން ރައީސް ޕޫޓިނަށް ލިބިވަޑައިގެންފައި ވެއެވެ. ޝުލްޓްޒް ވިދާޅުވިއެވެ. "ޕޫޓިން ހަނގުރާމަ ކުރިއަށް ގެންދަވާނީ ކިހާ ދުވަހަކަށް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. އޭނާ ވަނީ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބައްލަވައި ހަނގުރާމަ ރާއްވަވައިފައެވެ."

ރަޝިޔާއިން ޖަރްމަނަށް ދެމުންދިޔަ ގޭސް މަދުކޮށްލުމުން ހަކަތައިގެ އަގު ފަޅައިގެން ގޮސް އަތްނުފޯރާފަށަށް ހިނގައިދާނެތީ ބަރުލިނުން ދަނީ އެކަމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުން ކަމަށް މުސްތަޝާރު ޝުލްޓްޒް ވިދާޅުވިއެވެ.

އަނެއްކޮޅުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރްޖަމާނު ޖޯން ކަރބީ ވިދާޅުވާ ގޮތުގައި ވާހަކަދައްކައިގެން ހަނގުރާމައިގެ ހުޅުގަނޑު ނިއްވާލުމަށް ތައްޔާރަށް ހުންނެވިކަން ރައީސް ޕޫޓިންގެ ފަރާތްޕުޅުން އަދިއެއް ނުފެނެއެވެ.

ރަޝިޔާގެ ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް ވިދާޅުވާ ގޮތުގައި ހުޅަނގުން ދަނީ ޔުކްރޭނުގައި ހިނގަމުންދާ ޢަސްކަރީ ޙަމަލާތައް ކުރިއަށް ގެންދާން ކިޔީވަށް ހިތްވަރު ދެމުންނެވެ. ރަޝިޔާގެ ޓީވީ ޗެނެލް 1 އަށް އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި އެމެރިކާގެ ޒަޢާމަތުގެ ދަށުގައިވާ ހުޅަނގުން ހަނގުރާމަ ހުއްޓުމާމެދު ވިސްނައި ފިކުރުކުރާނެ ފުރްސަތެއް ކިޔީވަކަށް ނުދެއެވެ. ސުލްޙަ ޤާއިމު ކުރުމާމެދު ޔުކްރޭނަކުން ނުވިސްނައެވެ. ޔުކްރޭންގެ ޙާލަތު މައިތިރި ކުރުމަށް ޓަކައި ނެގިފައިވާ އިސްނެގުންތައް ވަނީ ފޭލްވެފައެވެ.

ހަނގުރާމައިގެ މައިދާނަށް ބަލާއިރު ޔުކްރޭންގެ ލޮގާންސްކް ސަރަޙައްދު ރޫސީ ސިފައިން މިނިވަންކޮށްފި ކަމަށް ރޫސީ ދިފާޢީ ވަޒީރު ޝްވިގޯ ރައީސް ޕޫޓިނަށް ރޭ ދަންނަވައިފިއެވެ. ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޔުކްރޭން ސިފައިންގެ ކިބައިން ލޮގާންސްކް ޖުމްހޫރިއްޔަތު މިނިވަން ކުރެވިއްޖެ ކަމަށް ދިފާޢީ ވަޒީރު ރަޝިޔާގެ ސިފައިންގެ އެންމެ އިސްވެރިޔާ ޕޫޓިނަށް ދަންނަވައިފިއެވެ.

ދިފާޢީ ވަޒީރު ޝްވިގޯ ހާމަކުރެއްވި ގޮތުގައި ލޮގާންސްކް މިނިވަން ކުރުމުގައި ރޫސީ ސިފައިންނާއެކު ލޮގާންސްކްގެ ސިފައިން ވެސް ބައިވެރިވިއެވެ.

ޔުކްރޭނުން ވަނީ ލޮގާންސްކް ސަރަޙައްދުން ފައިބައިފިކަން އިޢުލާންކޮށްފައެވެ. ޔުކްރޭނުން ބުނާގޮތުގައި އެ ޤައުމުގެ ސިފައިން ލޮގާންސްކް ސަރަޙައްދުން ފޭބީ ރޫސީ ސިފައިންގެ ޢަދަދު ގިނަކަމުން ޔުކްރޭން ސިފައިންގެ ފުރާނަތައް ސަލާމަތް ކުރުމަށް ޓަކައެވެ. ރޫސީ ސިފައިން އިއްޔެ ވަނީ މި ސަރަޙައްދުގައި ޔުކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތް ލެސިކަންސްކް ސަހަރާއި މި ސަހަރާ އަވަށްޓެރިވެގެން އޮތް ހުރިހާ ތަންތަން ހިފައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *