Support Us

ރަޝިޔާގެ ތެލާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ތެޔޮ ފީފާއެއް 380 ޑޮލަރަށް މައްޗަށް ހިނގައިދާނެ

އެމެރިކާއާއި ޔޫރަޕުން ރަޝިޔާގެ ތެލާ ދެކޮޅަށް އަޅަން ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާއިން އުފައްދާ ތެޔޮ މަދުކޮށްލައިފިނަމަ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 380 ޑޮލަރަށް މައްޗަށް ހިނގައިދާނެ ކަމަށް ޖޭޕީ މޯގަންގެ މުޙައްލިލުން ވިދާޅުވެއްޖެއެވެ.

ޖީ-7ގެ ޤައުމުތަކުން މަސައްކަތް ކުރަމުންދަނީ ރަޝިޔާގެ ތެލުގެ އަގު ކޮންޓްރޯލްކޮށް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށް ޓަކައި އޮޅުންބޮޅުންކަން ބޮޑު އާލިއްޔަތެއް ތަޢާރުފު ކުރުމަށެވެ.

"މޮސްކޯގެ އިޤްތިޞާދުގެ ވަރުގަދަކަމަށް ބަލާއިރު ރަޝިޔާގައި އުފައްދާ ތެލުން ދުވާލަކު 5 މިލިއަން ފީފާ މަދުކޮށްލިޔަސް ރަޝިޔާގެ އިޤްތިޞާދަށް ގެއްލުމެއް ނުލިބޭނެއެވެ. އެހެނަސް ދުނިޔޭގެ ޤައުމުތަކަށް މި ފިޔަވަޅު ވަރަށް ބޮޑު ކާރިސާއަކަށް ވެގެންދާނެއެވެ." ޖޭޕީ މޯގަންގެ މުޙައްލިލުން ވިދާޅުވި ކަމަށް ބްލޫމްބަރގް ބުނެއެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި ރަޝިޔާގައި އުފައްދާ ތެލުން ދުވާލަކު ތިން މިލިއަން ފީފާ މަދުކޮށްލައިފިނަމަ ސާފުނުކުރާ ލަންޑަން ތެލުގެ އަގު 190 ޑޮލަރަށް މައްޗަށް ދާނެއެވެ. އެންމެ ނުބައި ސީނާރިއޯއަށް ބަލާއިރު ރަޝިޔާއިން އުފައްދާ ތެލުން ދުވާލަކު ފަސް މިލިއަން ފީފާ މަދުކޮށްލައިފިނަމަ  ސާފުނުކުރާ  ތެލުގެ އަގު 380 ޑޮލަރަށް މައްޗަށް ދާނެއެވެ.

ޖޭޕީ މޯގަންގެ މުޙައްލިލުން ވިދާޅުވާ ގޮތުގައި ރަޝިޔާގެ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ޓަކައި ޖީ-7ގެ ޤައުމުތަކުން ކުރަމުންދާ މަސައްކަތަކީ ވަރަށް ނުރައްކާތެރިކަމެކެވެ. ޖީ-7 ގެ މި ފިޔަވަޅަށް ބަދަލުހިފުމުގެ ގޮތުން ރައީސް ޕޫޓިން ރަޝިޔާއިން އުފައްދާ ތެލުގެ މިންވަރު މަދުކޮށްލައްވާނެކަން ކަށަވަރެވެ. ނަތީޖާއަކަށް ވާނީ އޭގެ ނުބައި އަސަރު ދުނިޔެއަށް ކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *