އިއްޔެއަކީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުން މަނާކުރާ ބައިނަލްއަޤްވާމީ މުޢާހަދާގެ އަހަރީ ދުވަހެވެ. މި މުޢާހަދާއަކީ ދުނިޔޭގައި ނިޔުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރުމާއި ނިޔުކްލިއަރ ހަތިޔާރު ނައްތައިލުމަށް ޓަކައި އދގެ މެންބަރު ޤައުމުތަކުން އެއްބަސްވެ ސޮއިކޮށްފައިވާ މުޢާހަދާއެކެވެ. މި މުޢަހަދާ ދުނިޔެއަށް ހިތްވަރު ދެނީ ނިޔުކްލިއަރ ފަންނިއްޔާތު ސުލްޙަވެރި އިސްތިޢުމާލަށް ޓަކައި ތަރައްޤީ ކުރުމަށެވެ.
އިންޑިޔާއާއި ޕާކިސްތާނުގެ ނިޔުކްލިޔަރ ކޮށާރުގައި ދާދި އެއްވަރަކަށް ހަތިޔާރު ހުރި ނަމަވެސް މި ދެ ޤައުމުގެ ތަޖްރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ނިޔުކްލިއަރ ހަތިޔާރާ ބެހޭ މުޢާހަދާއަކީ "އިމްތިޔާޒީ" އެއްބަސްވުމެކެވެ. އެއީ ބޮޑެތި ޤައުމުތަކާ ކުދި ޤައުމުތައް "ތަފާތުކުރުމުގެ" އެއްބަސްވުމެކެވެ. މި ދެޤައުމުގެ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ދެކުނު އޭޝިޔާގެ ސަލާމަތީ ވެށްޓަށް ބަލާއިރު އެ މުޢާހަދާގައި ސޮއިކުރުމަށް އެ ދެ ޤައުމަށް ހުއްދައެއް ނުދެއެވެ.
ނިޔުކްލިއަރ ހަތިޔާރާ ބެހޭ މުޢާހަދާއަކީ 1968ވަނަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހު ސޮއިކޮށް 1970ގައި ތަންފީޒުކުރާން ފެށުނު އެއްބަސްވުމެކެވެ. މި މުޢާހަދާގެ މުއްދަތަކަކީ 25 އަހަރެވެ. އެއަށްފަހު 1995ގައި މި މުޢާހަދާ މުއްދަތެއް ނެތް ގޮތަށް އައު ކުރެވުނެވެ.
އިމްތިޔާޒީ މުޢާހަދާއެއް
ޕާކިސްތާނުގެ ޒައްރީ ހަކަތަޔާ ބެހޭ އިދާރާގެ ކުރީގެ ރައީސް މުބާރަކްމަންދު ވިދާޅުވާ ގޮތުގައި "އެއީ ޢާލަމީ ކަމެއް ކަމުގައިވާނަމަ އެއީ ޤަބޫލުކުރެވިދާނެ ކަމެކެވެ."
ނަވާރަ ސަތޭކަ ނުވަދިހަ އަށެއްގައި ނިޔުކްލިއަރ ހަ ތަޖްރިބާ ޕާކިސްތާނުގައި ކުރި ސައެންސީންގެ ޓީމުގެ ވެރިއަކަށް ހުންނެވި މުބާރަކްމަންދު ވިދާޅުވިއެވެ. "ނިޔުކްލިއަރ ހަތިޔާރު ނައްތައިލާން ޖެހޭނަމަ ހުރިހާ ޤައުމުތަކެއްގައި ހުރި ހުރިހާ ހަތިޔާރުތަކެއް ނައްތައިލާން ޖެހޭނެއެވެ. ހުރިހާ ޤައުމުތަކެއް މި މުޢާހަދާގައި ސޮއިކޮށް މާހަރާކޮށް މި ކަންކުރާން ޖެހޭނެއެވެ."
މި މަސްއަލައާ ބެހޭގޮތުން ޕާކިސްތާނުގެ ރިޓަޔަރޑް ޖެނެރަލެއް ކަމުގައިވާ ޠަލްޢަތު މަސްޢޫދު ވިދާޅުވިއެވެ. "އިންޑިއާއާއި ޕާކިސްތާނު ދެކޭގޮތުގައި ނިޔުކްލިއަރ ހަތިޔާރު ނައްތައިލުމާ ބެހޭ މުޢާހަދާއަކީ އިމްތިޔާޒީ އެއްބަސްވުމެކެވެ. 1952ން 1990 ށް ޕާކިސްތާނުގެ ޢަސްކަރިއްޔާގައި ޚިދްމަތްކުރެއްވި ޖެނެރަލް މަސްޢޫދު ވިދާޅުވި ގޮތުގައި މީގެއިތުރަށް ވެސް ސަރަޙައްދުގެ ސިޔާސީ އަދި ސަލާމަތި ވެށި މި ކަމަށް ހުއްދައެއް ނުދެއެވެ. އިންޑިއާއާއި ޕާކިސްތާނަކީ ނިޔުކްލިއަރ ހަކަތައިން މަސައްކަތް ކުރާ ދެ ޤައުމެވެ."
އޭނާ ވިދާޅުވިއެވެ. "މި އެއްބަސްވުމުގައި އިންޑިއާއާއި ޕާކިސްތާނު ސޮއިކޮށްފިނަމަ އެ ދެ ޤައުމަށް އެ ދެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމުތައް ކުރިއަކަށް ނުގެންދެވޭނެއެވެ.މިއަދުގެ ޙާލަތަށް ބަލާއިރު އެއީ ކުރެވޭނެ ކަމެއް ނޫނެވެ."
ޕާކިސްތާނުގެ އިސްތިރާތީޖީން ވިދާޅުވާ ގޮތުގައި އިންޑިޔާއަކީ އާދަކާދައިގެ ހަތިޔާރުގައި ޕާކިސްތާނަށްވުރެ މާ ވަރުގަދަ ޤައުމެކެވެ. "އިންޑިޔާ މައިތިރި ކުރުމަށް ޓަކައި ޕާކިސްތާނަށް ލިބިފައިވާ ބާރަކީ އެ ޤައުމުގެ ނިޔުކްލިއަރ ކޮށާރެވެ." އޭނާ ވިދާޅުވި ގޮތުގައި "ޗައިނާއާ ހެދި އިންޑިއާއިން ނިޔުކްލިއަރ ހަތިޔާރު އުފެއްދުން މަނާކުރާ މުޢާހަދާގައި ސޮއެއް ނުކުރާނެއެވެ."
ނިޔުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރުން
އަނެއްކޮޅުން އިންޑިއާގެ ތަޖްރިބާކާރުން ވެސް މި މުޢާހަދާއާ ދެކޮޅު ހައްދަވައެވެ. އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަ ޖައްމޫ ކަޝްމީރުގެ މަރްކަޒީ ޔުނިވަރސިޓީގެ ޤައުމީ އަމްނާބެހޭ ދިރާސާތައް ކުރާ ޑިޕާޓްމެންޓްގެ ރައީސް ޖޭ ޖަގްނާތަން ވިދާޅުވާ ގޮތުގައި "މި މުޢާހަދާގައި ސޮއިކުރުމުގެ މާނައަކީ އިންޑިއާއަށް ނިޔުކްލިއަރ ދާއިރާގައި އިތުރު ތަޖްރިބާތައް ކުރުން ހުއްޓައިލާން ޖެހޭނެއެވެ." އޭނާ ވިދާޅުވި ގޮތުގައި 1962ވަނަ އަހަރު ހިނގި ޗައިނާ އިންޑިއާ ހަނގުރާމައިން އެނގުނީ ޗައިނާއަކީ އިންޑިއާގެ ދާއިމީ ދުޝްމަނެކެވެ.
ނިވްދިއްލީގައި ހުންނަ އޮބްޒަރވަރު މުއައްސަސާގެ ދާރިސެއް ކަމުގައިވާ ސަމީރު ބާޓެލް ވިދާޅުވާ ގޮތުގައި "ކުރިމަގުގައި އިންޑިއާ ދުނިޔޭގެ ނިޔުކްލއަރ ބޮޑު ބާރަކަށް ވާން އެދޭތީ އިންޑިއާއިން މި މުޢާހަދާގައި ސޮއެއް ނުކުރާނެއެވެ."
އޭނާ ވިދާޅުވިއެވެ. "އިންޑިޔާއިން ނިޔުކްލިއަރ ޖާމިނުވުން ލިބޭތޯ މަސައްކަތް ކުރިއެވެ. އެކަމުގައި އިންޑިއާ ވަނީ ނާކާމިޔާބުވެފައެވެ."
އިންޑިއާއާއި އެމެރިކާ 2008ގައި ވަނީ ނިޔުކްލިއަރ މައިދާނުގައި އެއްބާރުލުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބާރުލުމުގެ ތެރެއިން އިންޑިއާއަށް ނިޔުކްލިއަރ ބައެއް މާއްދާތަކާއި ބައެއް ފަންނިއްޔާތުތައް އެމެރިކާއިން ދޭނެއެވެ.



advertisment