Support Us

ތުރްކީ، ފިންލެންޑް، ސްވިޑްންގެ ސަމިޓެއް

ތުރްކީއާއި ފިންލެންޑާއި ސްވިޑްންއާއި ނޭޓޯގެ އަމީން ޢާންމުގެ ސަމިޓް ބައްދަލުވުމެއް ސްޕޭންގެ ވެރިރަށް މެޑްރިޑްގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ތުރްކީގެ ރިޔާސީ އޮފީހުގެ ތަރްޖަމާން އިބްރާހީމު ޤާލުން ވިދާޅުވެއްޖެއެވެ.

ޤާލުން ހާމަކުރެއްވި ގޮތުގައި ފިންލެންޑާއި ސްވިޑްން ނޭޓޯއަށް ވެއްދުމުގެ މަސްއަލައިގައި ތުރުކީން ދެކޮޅު ހަދަމުންދާތީ އެ މަސްއަލައާމެދު ބަހުސްކުރުމަށް ޓަކައި ތުރްކީއާއި މި ދެ ޤައުމުގެ މަސްއޫލުވެރީންގެ މެދުގައި ދެ ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ތުރްކީގެ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ ސާދާތު އޫނާލް މިއަދު ބްރަސަލުސަށް ވަޑައިގަންނަވާނެއެވެ. އެއީ މި މަސްއަލައާ ބެހޭގޮތުން ބޭއްވޭ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ.

ތުރްކީގެ ރިޔާސީ އޮފީހުގެ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި ފިންލެންޑާއި ސްވިޑްން ނޭޓޯގައި ބައިވެރިކުރުމުގެ މަސްއަލައިގައި ތުރުކީން ދެކޮޅު ހަދާ ދެކޮޅުހެދުން ދޫކޮށެއް ނުލާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މެޑްރިޑްގައި ބޭއްވޭ ސަމިޓަކީ އެ ތިން ޤައުމުގެ އެންމެ އިސްވެރީންގެ ބައްދަލުވުމެކެވެ. މި ތިން ބޭފުޅުންގެ އިތުރަށް މި ސަމިޓްގައި ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީކޭކޭގެ މަސްއަލައިގައި ފިންލެންޑާއި ސްވިޑްނުން ތުރްކީގެ ޝަރްޠުތައް އެއްވެސް ޝައްކެއްނެތް މިންވަރަށް ޤަބޫލުކުރާން ޖެހޭނެއެވެ.

ފިންލެންޑާއި ސްވިޑްނުން ނޭޓޯގައި ބައިވެރިވުމަށް އެދި ރަސްމީކޮށް ފޯމު ހުށައެޅީ މި ހުސްވި މޭމަހުގެ 18ވަނަ ދުވަހުއެވެ. އެއީ ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދޭން ފެށުމުން އެކަމުގެ ނައްސި އަސަރުތައް މި ދެ ޤައުމަށް ފޯރައިފާނެކަމުގެ ބިރުއޮތުމުންނެވެ.

ތުރްކީން ބުނާގޮތުގައި ފިންލެންޑާއި ސްވިޑްނަކީ ތުރްކީގެ ނިރުބަވެރި ކުރްދީ ޖަމާޢަތެއް ކަމުގައިވާ ޕީކޭކޭ އަށް އެހީވާ ދެ ޤައުމެވެ.

ތުރްކީގެ ޝަރްޠުތައް

ފިންލެންޑާއި ސްވިޑްން ނޭޓޯއާ ވެއްދުމާ ތުރްކީން ދެކޮޅު ހަދަނީ އެ ޤައުމުގެ ސަލާމަތީ ސަބަބުތަކަކަށް ޓަކައެވެ. ތުރްކީގެ ނޫހެއް ކަމުގައިވާ "ޔެނީ ޝަފީޤު" މި މަހުގެ 8ވަނަ ދުވަހު ހާމަކުރި ގޮތުގައި ތުރްކީން 10 ޝަރްޠެއް ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަންތައްތަކަކީ:

  • ޕީކޭކޭއާއި ފަތުޙުﷲ ގޯލަން ޖަމާޢަތާއި އެހެނިހެން ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް ތުރްކީން ހިންގާ އެންމެހައި ޙަރަކާތްތަކުގައި ތުރްކީއަށް ވާގިވެރިވުން.
  • ޕީކޭކޭ ޖަމާޢަތުން މި ދެ ޤައުމުގައި އެ ޖަމާޢަތުގެ އޮފީސްތައް ހުޅުވުމަށް ކުރާ މަސައްކަތްތައް ހުއްޓުވުން
  • ގޯލަންގެ ނިރުބަވެރި ޖަމާޢަތުން އެ ޤައުމުތަކުގައި ހިންގާ ހުރިހާ ޙަރަކާތްތަކެއް ހުއްޓުވުން
  • އިންޓަނެޓް މެދުވެރިކޮށްނާއި މީސްމީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން ތުރްކީގެ ނިރުބަވެރި ޖަމާޢަތްތަކުން ހިންގާ އެންމެހައި ހަރަކާތްތައް ހުއްޓުވުމާއި ބަންދުކުރުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *