Support Us

ނޭޓޯ އޮތީ ހަތިޔާރުއެޅި ކޯޅުމެއްގެ ތުންފަތްމަތީގައި: ރަޝިޔާ

ނޭޓޯ މިހާރު އޮތީ ރަޝިޔާއާ ދެކޮޅަށް "ހަތިޔާރުއެޅި ކޯޅުމެއްގެ ތުންފަތްމަތީގައި ކަމަށް" ރޫސީ ޚާރިޖިއްޔާއިން ބުނެފިއެވެ. ރޫސީ ޚާރިޖިއްޔާއިން ތުހްމަތުކުރި ގޮތުގައި ނޭޓޯގެ ޤައުމުތަކުން ދަނީ މޮސްކޯއާ ދެކޮޅަށް "ނިޔުކްލިޔަރ ބްލެކްމޭލް" ކުރަމުންނެވެ.

ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ނިޔުކްލިއަރ ޢަޤީދާ ބިނާވެފައި ވަނީ "މައިތިރިކޮށް ދިފާޢު ކުރުމުގެ" އަސާސުގެ މަތީގައެވެ.

"ރަޝިޔާ ޓުޑޭ" ޗެނެލަށް އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި ނޭޓޯގެ ޤައުމުތައް މިހާރު ވަނީ ރަޝިޔާއާ ދެކޮޅަށް ނިޔުކްލިއަރ އެއްބާރުލުމެއް ޤާއިމުކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޤައުމުތަކުން ދަނީ ރަޝިޔާގެ ބޮލުގައި "ދޮގު ތުހްމަތުތައް" އަޅުވަމުންނެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރަޝިޔާއިން އެއްވެސް ފަރާތަކަށް ނިޔުކްލިއަރ ބިރު ދައްކައިފައެއް ނުވާނެއެވެ. ރަޝިޔާއިން މިއަދާ ހަމައަށް ވެސް ތަބާވަމުންދާ މަގަކީ "މައިތިރިކޮށް ދިފާޢު ކުރުމުގެ މަގުކަމަށް" އޭނާ ވިދާޅުވިއެވެ.

ރަޝިޔާއިން 22 ފެބްރުވަރީގައި ޢަސްކަރީ ޚާއްޞަ ޙަމަލާތަކެއް ދޭން ފެށުމާއެކު ނޭޓޯ ރަޝިޔާ ގުޅުތައް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ނޭޓޯގެ ޤައުމުތަކުން ދަނީ ޔުކްރޭނަށް ހަތިޔާރާއި މާލީ އެހީތައް ދެމުންނެވެ.

ރަޝިޔާއަށް ނޭޓޯގެ އެހީ ނުހުއްޓުވޭނެ

އަނެއްކޮޅުން އެމެރިކާ ދިފާޢީ އިސް މަސްއޫލުވެރިއަކު ރޮއެޓަޒަށް ވިދާޅުވި ގޮތުގައި ޔުކްރޭނަށް ހުޅަނގުން އޮއްސަމުންދާ ހަތިޔާރުތަކަށް ހުރަސްއަޅާނެ މަގެއް މޮސްކޯއަށް ލިބިގެން ނުވެއެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދެމުންގެންދާ ހަތިޔާރުގެ ތެރޭގައި ދުރު ރާސްތާ މިސައިލް ވެސް ހިމެނެއެވެ.

އަނެއްކޮޅުން ނޭޓޯގެ ވެރިޔާ ޔެންސް ސްޓޮލްޓަންބަރގް ވިދާޅުވާ ގޮތުގައި ޔުކްރޭން މަސްއަލަ ޙައްލު ކުރެވޭނީ ވާހަކަދައްކައިގެންނެވެ. ނޭޓޯގެ އަމީން ޢާންމު ސްޕޭންގެ ނޫހަކަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ވާހަކަދެއްކުމުގެ މޭޒުދޮށަށް ޔުކްރޭން ދާންޖެހޭނީ ބާރުގަދަ ފަރާތެއްގެ ގޮތުގައެވެ. ޔުކްރޭން "ބާރުގަދަ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުމަކީ އަހުރެމެންގެ މަސްއޫލިއްޔަތެއް ކަމަށް" ނޭޓޯގެ ވެރިޔާ ވިދާޅުވިއެވެ. ސްޓޮލްޓަންބަރގް ވިދާޅުވި ގޮތުގައި މި ކަމަށް ޓަކައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ޔުކްރޭނަށް މާލީ އަދި އިޤްތިޞާދީ އެހީ ދޭން ޖެހޭނެއެވެ. އަދި ރަޝިޔާ މައިތިރި ކުރެވޭ ވަރުގެ ބާރުގަދަ ހަތިޔާރުވެސް ޔުކްރޭނަށް ދޭން ޖެހޭނެއެވެ.

ހަނގުރާމައިގެ މައިދާން

އަނެއްކޮޅުން ޔުކްރޭނުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވާ ގޮތުގައި ޔުކްރޭން ސިފައިން ސެފްރޮޑޮނެޓްސްކުން ފައިބަން ޖެހުމަކީ މާ ބޮޑު ކަމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ސިފައިން އެ ސަހަރުން ފޭބީ "ރަނގަޅު ދިފާޢަކަށް ދާންވެގެންނެވެ." ލޮގާންސްކް ސަރަޙައްދުގެ ގަވަރުނަރު  ވިދާޅުވި ގޮތުގައި ރަޝިޔާއިން މި ސަހަރަށް ދެމުން ދިޔަ ޙަމަލާތަކުގެ ސަބަބުން މުޅި ރަށް އޮތީ ޚަރާބުވެ ކުދިކުދިވެފައެވެ.

ރަޝިޔާ ދެކޭގޮތުގައި މިއީ އިރުމަތީ ޔުކްރޭން މައިދާނުގައި ލިބުނު ވަރަށް ބޮޑު ނަސްރެކެވެ. ރަޝިޔާއިން ބުނާގޮތުގައި ރޫސީ ސިފައިންގެ ޙިޞާރު ދަށުގައި އެ ސަރަޙައްދުގައި ޔުކްރޭނުގެ ދެހާހެއްހާ ސިފައިން އެބަ ތިއްބެވެ. އެމީހުންނަށް އަމާންދިނުން ނޫން އެހެން ގޮތެއް ނެތެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *