ސްވިޒަރލެންޑުން ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުންނާ އެއްގޮތަށް ރަޝިޔާގެ ކުންފުނިތަކާއި މަހުޖަނުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާން ފެށުމުން ރަޝިޔާގެ ވިޔަފާރި ކުންފުނިތަކާއި މުއްސަނދި މަހުޖަނުން އެމީހުންގެ ވިޔަފާރިތައް ދުބައިއަށް ބަދަލުކުރުމަށް އަވަސްގަންފައިވާ ކަމަށް އެމެރިކާގެ ބްލޫމްބަރގުން އިއްޔެ ބުނެފިއެވެ.
އެމެރިކާގެ މި އޭޖެންސީ ބުނާގޮތުގައި ރަޝިޔާގައި ތެޔޮ އުފައްދާ އެންމެ ބޮޑު ތިން ކުންފުނި މިހާރު ދަނީ އެ ތަންތާނގެ މަސައްކަތް ދުބައިއަށް ބަދަލުކުރުމާ ބެހޭގޮތުން ދިރާސާތައް ކުރަމުންނެވެ. ރަޝިޔާގެ ބޮޑެތި އެތައް ކުންފުނިތަކެއް މިހާރު ވަނީ ސްވިޒަރލެންޑުން ދުބައިއަށް ބަދަލުވެފައެވެ.ރަޝިޔާއިން އެކްސްޕޯޓު ކުރާ މުދަލާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ސްވިޒަރލެންޑުން ތަބާވުމާ ވިދިގެން ރަޝިޔާގެ ކުންފުނިތައް އެ ޤައުމު ދޫކޮށްދާނެކަމަށް އެ ޤައުމު ވެސް ދެކެއެވެ. އެކަން ހުއްޓުވުމަށް ޓަކައި އެޅޭނެ ފިޔަވަޅެއް ނެތްކަމަށް ވެސް ބުނެއެވެ.
ރޫސީ ކުންފުނިތައް
ބްލޫމްބަރގް ނޫސް އޭޖެންސީ ބުނާގޮތުގައި ރަޝިޔާގެ ރޮސްނެފްޓްޕީ ޖޭއެސްސީ ކުންފުނީގެ މަސްއޫލުވެރީން މި ހުސްވި މަހު ދުބައިއަށް ވަޑައިގެން އެކުންފުނީގެ މަރްކަޒެއް ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާތައް ވަނީ ކުރައްވައިފައެވެ. ރަޝިޔާގައި ތިންވަނައަށް އެންމެ ބޮޑު ގާޒުޕްރޯމް ކުންފުނި މިހާރު ވަނީ އެތާނގެ މަސައްކަތްތައް ދުބައިގައި ފުޅައުކުރަން ފަށައިފައެވެ.
މީގެ އިތުރަށް ހަކަތައާ ބެހޭ ރަޝިޔާގެ އެންމެ ބޮޑު ކުންފުނިކަމުގައިވާ ލުކްއޮއިލްގެ ގަނެވިއްކުމާ ބެހޭ އަތް ކަމުގައިވާ ލިޓަސްކޯ އެސް އޭ އިން މި ހާރު ތައްޔާރުވަމުން ދަނީ މި މަރްކަޒުގެ ގިނަ މުވައްޒަފުންތަކެއް ސްވިޒަރލެންޑުން ދުބައިއަށް ބަދަލު ކުރުމަށެވެ. އެއީ އެ ކުންފުނީގެ ވިޔަފާރިއާ ބެހޭ މައި މަރްކަޒު ދުބައިއަށް ބަދަލު ކުރުމަށް ޓަކައެވެ.
ބްލޫމްބަރގުން ޝާއިޢު ކުރި މި ޚަބަރުގެ ތަފްޞީލުތައް ބުނާގޮތުގައި ގޮވާމާ ބެހޭ ވިޔަފާރި ކުރާ ރަޝިޔާގެ ސޮލަރިސް ކޮމޯޑިޓީސް ކުންފުނިން މި ދިޔަ ހަފުތާގައި ވަނީ އެ ކުންފުނީގެ އޮފީހެއް ދުބައިގައި ހުޅުވައިފައެވެ. އަދި ރަޝިޔާގެ ބޯޓުދެލި ވިއްކާ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ސުއެކް އޭޖީން މިހާރު ވިސްނަމުންދަނީ އެކުންފުނީގެ ވިޔަފާރި ގޮތްޕެއް ދުބައިގައި ހުޅުވުމަށެވެ. ކާދާބެހޭ ރަޝިޔާގެ އެންމެ ބޮޑު ކުންފުނި ޔޫރޯކެމުން މިހާރު މަސައްކަތް ކުރަމުންދަނީ ދުބައިގައި އެ ކުންފުނީގެ މަރްކަޒެއް ހުޅުވުމަށެވެ.
ހޮލެންޑްގެ ރޮޓަޑަމްގެ އިރަސްމޮސް ޔުނިވަރސިޓީގެ ވިޔަފާރިއާ ބެހޭ ދިރާސާތައް ކުރާ މަރްކަޒުގެ ޑިރެކްޓަރު ފޯޓާރ ޖެކޮބްސް ވިދާޅުވާ ގޮތުގައި "ރަޝިޔާގެ ވިޔަފާރިތަކަށް މެދުއިރުމައްޗާއި އިރުމަތީގެ ޤައުމުތައް މިއަދު މާ މުހިއްމެވެ. ޔޫރޯގެ ސަރަޙައްދާއެކު ރަޝިޔާއަށް މުޢާމަލާތު ކުރުމުގެ ދޮރު ބަންދުކުރުމުގެ ސަބަބުންނެވެ."
ސްވިޒަރލެންޑްގެ ޢުޤޫބާތްތައް
ޔުކްރޭން- ރަޝިޔާ ހަނގުރާމައިގައި ވަކިފަރާތަކަށް ނުޖެހި އޮންނާނެކަމަށް ސްވިޒަރލެންޑުން ބުނި ނަމަވެސް ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއަށް ދަތިކުރުމަށް ޓަކައި އަޅައިފައިވާ އިޤްތިޞާދީ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކުރާނެކަމަށް ސްވިޒަރލެންޑުން ވަނީ ބުނެފައެވެ. އަދި 2022 ނިމޭކޮޅުގައި ރަޝިޔާގެ ތެލާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން އަޅަން ނިންމައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްގޮތަށް ސްވިޒަރލެންޑުން ޢަމަލު ކުރާނެކަމަށް ވަނީ ބުނެފައެވެ. މި ކަމުގެ ސަބަބުން ރަޝިޔާގެ ތެލާއެކު މުޢާމަލާތު ކުރާން ސްވިޒަރލެންޑަށް ދަތިވާނެއެވެ. މިހެންވެ ރަޝިޔާގެ މުދަލަށް ބޭނުންވާ އިންޝުއަރެންސާއި ނަޤްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ސްވިޒަރލެންޑަކުން ރަޝިޔާގެ ކުންފުނިތަކަކަށް ނުލިބޭނެއެވެ. ރަޝިޔާގެ ކުންފުނިތައް ސްވިޒަރލެންޑަށް އަލްވަދާޢު ކިޔަނީ މިހެންވެގެންނެވެ.



advertisment