Support Us

ފަރަންސޭސި ބަރްލަމާނުގައި މެކަރޯންގެ ޕާޓީއަށް އަޣްލަބިއްޔަތު ގެއްލިއްޖެ

ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯންގެ ސިޔާސީ ގުޅުމަށް ބަރްލަމާނީ އިންތިޚާބުގައި ނާކާމިޔާބު ލިބި އަޣްލަބިއްޔަތު ގެއްލިއްޖެއެވެ. އެހެންކަމުން ރައީސް މެކަރޯނަށް ޖެހިވަޑައިގަންނަވާނީ އެހެން ޕާޓީތަކަކާ ގުޅިވަޑައިގަންނަވާށެވެ. ނުވަތަ އަޣްލަބިއްޔަތު ލިބިގެންނުވާ ސަރުކާރަކާއެކު ވެރިކަން ކުރައްވާށެވެ.

އިއްޔެ ބޭއްވުނު ބަރްލަމާނީ އިންތިޚާބުގައި ރައީސް މެކަރޯންގެ އެންސެމްބްލްޑް ގުޅުމަށް ލިބުނީ ބަރްލަމާނުގެ 577 ގޮނޑީގެ ތެރެއިން 245 ގޮނޑިއެވެ.

ފްރާންސް 24 ނެޓް ބުނާގޮތުގައި މި އިންތިޚާބުގައި އެންމެ ރަނގަޅު ނަތީޖާ ހޯދައިފައި ވަނީ މިލަންޝޮންގެ ޒަޢާމަތުގެ ދަށުގައި އެކުލަވައިލެވިފައިވާ ވާތު ފިޔައިގެ ޕާޓީތަކުގެ ގުޅުމަށެވެ. ތިންވަނަ ލިބިފައިވަނީ މެކަރޯނާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކަނާތު ފިޔައިގެ ޒަޢީމާ މެރީން ލޮޕޭންގެ ގުޅުމަށެވެ.މެރީން ލޮޕޭންގެ ގުޅުމަށް މި އިންތިޚާބުގައި 100 ގޮނޑި ލިބިފައި ވެއެވެ.

މިލަންޝޮން ވިދާޅުވި ގޮތުގައި އޭނާގެ ގުޅުމުގެ އަމާޒަކީ ރައީސް މެކަރޯން އަޣްލަބިއްޔަތުން މަޙްރޫމު ކުރުމެވެ. މި މަޤްޞަދު އޭނާއަށް ޙާޞިލު ކުރެވިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރަންސޭސި ބަރްލަމާނީ އިންތިޚާބުގައި އެ މަޖިލީހުގެ ރައީސް ރިޝާރު ވެރޯނަށް އޭނާގެ ގޮނޑި ލިބިވަޑައެއްނުގެންނެވިއެވެ. އަދި މެކަރޯންގެ ޞިއްޙަތާ ބެހޭ ވަޒީރާ ބްރިގިޓް ބުރްޖިނިއޯނަށް ވެސް އޭނާ ގޮނޑި ލިބިވަޑައެއް ނުގެންނެވިއެވެ. މިއީ މެކަރޯނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

ބޮޑު ނުރައްކަލެއް

މި ނަތިޖާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަރަންސޭސި ބޮޑުވަޒީރު އެލިޒަބަތު ބޯރަން ވިދާޅުވި ގޯތުގައި "މިއީ ޤައުމާ ކުރިމަތިވި ވަރަށް ނުރައްކާތެރި ކަމެކެވެ." އޭނާ ފަރަންސޭސި ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި "ފަރަންސޭސިވިލާތާ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ. އަޣްލަބިއްޔަތު ނެތް ސަރުކާރެއްގައި މި ގޮންޖެހުންތަކާ ކުރިމަތިލާން ވަރަށް ދަތިވާނެއެވެ." އޭނާ ވިދާޅުވި ގޮތުގައި "މެކަރޯން މަސައްކަތް ކުރައްވާނީ ޚިޔާލު އެއްގޮތް ބަޔަކާއެކު ކޯލިޝަނެއް އެކުލަވާލައްވާށެވެ." ބަރްލަމާނުން ގޮނޑި ލިބިވަޑައިނުގެންނެވި ބޭފުޅުން އިސްތިޢުފާ ދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ލޮޕޭން ވަރަށް އުފާފުޅުވި

މި އިންތިޚާބުގައި ރަނގަޅު ކާމިޔާބީއެއް ލޮޕޭނަށް ލިބިވަޑައިގަންފައި ވާތީ އޭނާ އެކަމާ ވަރަށް އުފާ ފާޅުކުރެއްވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި "ފަރަންސޭސި ރައްޔިތުން އެ މީހުންގެ ބަސް ބުނެފިއެވެ. ވަޠަނީ ވަރަށް ގިނަ ބޭފުޅުންތަކެއް މަޖިލީހަށް ވައްދައިފިއެވެ. މިއީ އަހަރެމެންނަށް ލިބުނު ތާރީޚީ ކާމިޔާބެކެވެ. މި ފަދަ ނަތީޖާއެއް އަހުރެމެންނަށް ލިބިފައެއް ނުވެއެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *