ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން މާދަމާ މިޞްރަށާއި އުރްދުނަށާއި ތުރްކީއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވާނެ ކަމަށް މީޑިޔާތަކުން ބުނެފިއެވެ. މިއީ އޭނާ ތުރްކީއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ސަބަބުން ސުޢޫދީ- ތުރްކީ ގުޅުންތައް އައު އުސްމިންތަކަކަށް ވާޞިލުވާނެ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. މަރާލައިފައިވާ ޚާޝްޤަޖީ މަސްއަލައާ ބެހޭ ފައިލް މުޅިން ލައްޕައިލެވޭނެއެވެ.
ސުޢޫދީ މަސއޫލުވެރީންނާއި ޑިޕްލޮމެޓުންނާ ޙަވާލާދީ ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ސުޢޫދީ ވަލީޢަހްދުގެ މި ދަތުރުފުޅު ފެށޭނީ މާދަމާ މިޞްރުންނެވެ. އެއަށްފަހު އުރްދުނަށެވެ. ދަތުރުފުޅު ނިމޭނީ ތުރްކީންނެވެ.
މި ދަތުރުފުޅުގައި ސަރަޙައްދީ މަސްއަލަތަކާއި ބައިނަލްއަޤްވާމީ މަސްއަލަތަކާއި ހަކަތަޔާ ބެހޭ ގޮތުންނާއި ދޭދޭ ގުޅުންތަކާ ބެހޭގޮތުން ބަޙުސްކުރައްވާނެއެވެ. މި ދަތުރުފުޅުގައި ހަކަތަޔާއި ވިޔަފާރިއާއި ޞިނާޢަތުގެ މައިދާނުގައި ވުނަކުރުމާ ބެހޭ އެތައް އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެކަމަށް ވެސް ފަރަންސޭސި ނޫސް އޭޖެންސީން ބުންޏެވެ.
މި އޭޖެންސީ ބުނާގޮތުގައި ބިން ސަލްމާން މިއަންނަ ޖުލައިމަހުގެ ފަހުކޮޅުގައި ގްރީސަށާއި ސައިޕްރަހަށާއި ޖަޒާއިރަށް ވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ.
ތުރްކީ ރައީސް ރަޖަބު ޠައްޔިބު އުރްދުގާން ހާމަކުރައްވައިފައިވާ ގޮތުގައި އަމީރު މުޙައްމަދު ބިން ސަލްމާން މި މަހު 22 ގައި ތުރްކީއަށް ވަޑައިގަންނަވާނެއެވެ. މިދިޔަ އޭޕްރީލް މަހު އުރްދުގާން ވަނީ ސުޢޫދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި ރައީސް އުރްދުގާން ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވިއެވެ.



advertisment