Support Us

ކޮލަމް ގަލަން: މިސްކިތެއްގެ ބަދަލުގައި މިސްކިތެއް ބިނާކޮށްފިނަމަ ކުރީގެ މިސްކިތާމެދު އަމަލުކުރަންޖެހޭ ގޮތަކީ ކޮބާ؟

މިއީ ބިދޭސީންތަކެއް މިސްކިތެއްގައި ދިރިއުޅެމުންދާ ކަމަށް ދެކެވުނު ވާހަކައަކަށް އިޝާރާތްކޮށް "ބިދޭސީން ތިބި އިމާރާާތަކީ މިހާރު މިސްކިތެއް ނޫން" ކަމަށް ބުނެ މީސްމިޑިޔާގައި ދައުރުވާ ތަކެއްޗާ ގުޅިގެން މިސްކިތެއްގެ ބަދަލުގައި މިސްކިތެއް ބިނާކޮށްފި ނަމަ ކުރީގެ މިސްކިތާމެދު އަމަލުކުރަންޖެހޭ ގޮތަކީ ކޮބައިކަން ދަންނަވާލުމަށް ޓަކައި ލިޔާ ލިޔުމެކެވެ.

މިސްކިތަކީ އޭގެ ޒާތުގައި ވަޤުފަކަށް ބަދަލުވެވޭ އެއްޗެކެވެ. މިސްކިތެއް ބިނާވެއްޖެ ނަމަ އޭގެ ملكވެރިކަން މީހުންގެ ކިބައިން ކެނޑި ދިޔައީ އެވެ. އެއަށް ފަހު އެ މިސްކިތެއް ނިސްބަތްކުރެވޭނީ ހަމައެކަނި ﷲއަށެވެ. އެހެންކަމުން އެ ތަނުގެ ނަމަކީ ﷲގެ ގެކޮޅެވެ. މިސްކިތަކީ ބިންމަތީގައި އެންމެ ޙުރުމަތް ބޮޑުވެގެންވާ ތަނެވެ. އެ ތަން ކިތަންމެ ބާވިޔަސް ނުވަތަ ނަމާދުކުރުން މެދުކެނޑުނު ކަމުގައި ވިޔަސް ﷲގެ ގެކޮޅެއްގެ ހުރުމަތް އެ ތަނެއްގައި ދެމިގެންވާނެއެވެ.

މިސްކިތެއްގެ ބަދަލުގައި މިސްކިތެއް ބިނާކޮށްފި ނަމަ ކުރީގެ މިސްކިތާމެދު އަމަލުކުރަންޖެހޭ ގޮތް އެނގޭނީ މިސްކިތުގެ ވަޤުފާމެދު ފިޤުހު ޢިލްމުވެރީން ވިދާޅުވެފައިވާ ޤައުލުތައް ބަލައިގެންނެވެ. އެހެންކަމުން އެ ކަމަށް އަލި އަޅުވައިލާނަމެވެ.

ޙަނަފީ މަޒުހަބު: މިސްކިތް ރަނގަޅުވެފައި އަވަށުގެ މީހުން މިސްކިތަށް އަންނަ ނަމަ ވިއްކުން ހުއްދަ ނުވާނެ ކަމަށް ޙަނަފީ މަޒުހަބުގެ އެންމެން އެއްބަސްވެއެވެ. ނަމަވެސް މިސްކިތް ބާވެ ފޭރާން ދެރަވެއްޖެ ނަމަ ބަދަލުކުރުމުގެ ޙުކުމާ މެދު ޙަނަފީ މަޒުހަބުގައި ދެ ރައުޔެއްވެއެވެ. (حاشية ابن عابدين، ج6، ص549)

ފުރަތަމަ ރައުޔު: މިސްކިތް ވިއްކުން ހުއްދައެއް ނުވެއެވެ. އަދި އެ މިސްކިތެއް ބިނާކުރި ފަރާތަކަށް ނުވަތަ އެ މީހެއްގެ ވާރުތަ ފަރާތަކަށް ރުޖޫޢައެއް ނުކުރެވޭނެއެވެ. އެހެން ވިދާޅުވަނީ أبو يوسف އެވެ. ދަލީލަކީ: ކަޢުބަތުﷲގެފުޅު ހުރި ތަނުން ބަދަލުނުކުރެވޭނެ ކަމަށް އިޖުމާޢުވެފައި ވާތީއެވެ. (شرح العناية بهامش فتح القدير، ج5، ص 446)

ދެވަނަ ރައުޔު: މިސްކިތް ވިއްކުން ހުއްދައެވެ. އެހެންކަމުން އެ މިސްކިތެއް ބިނާކުރި ފަރާތަކަށް ނުވަތަ އެމީހެއްގެ ވާރުތަ ފަރާތަކަށް ރުޖޫޢަ ކުރެވޭނެއެވެ. ސަބަބަކީ: މިސްކިތް ވަޤުފުކުރެވިފައި ވަނީ އަޅުކަންކުރުމަށެވެ. އެ ބޭނުން ކެނޑިއްޖެ ނަމަ އެ އެއްޗެއް ރުޖޫޢަކުރެވޭނީ ވެރިފަރާތަށެވެ. އަދި އޭގެ ވެރިފަރާތް ނޭނގުނު ނަމަ ނުވަތަ ވާރިސުން އޮޅުންނުފިލިނަމަ އެހާލަތުގައި ވިއްކުން ހުއްދައެވެ. އަދި ވިއްކައިގެން ލިބޭ އެއްޗެއް އެހެން މިސްކިތަކަށް ހޭދަކުރުމެވެ. އެހެން ވިދާޅުވަނީ محمد بن الحسن އެވެ. އަދި ابن الهمام ގަބޫލުކުރެއްވެވީ އަބޫ ޔޫސުފުގެ ރައުޔެވެ. އަދި ޙަނަފީ މަޒުހަބުގެ ފަތުވާއަކީ ވެސް އެއީ އެވެ. (شرح فتح القدير، ج5، ص 446 – حاشية ابن عابدين، ج6، ص549)

މާލިކީ މަޒުހަބު: އެއްވެސް ހާލެއްގައި މިސްކިތް ވިއްކުން ހުއްދައެއްނުވެއެވެ. އެއީ މިސްކިތް ބާވެގެން ގޮސް ނަމާދު ނުކުރެވޭވަރު ވިކަމުގައި ވިޔަސް މެއެވެ. އަދި އެ އަވަށުގެ މީހުން އެތަން ދޫކޮށް ހިނގައްޖެ ކަމުގައި ވިޔަސްމެއެވެ. އެ ހުރިހާ ހާލަތެއްގައި މިސްކިތް ހުންނަން ޖެހޭނީ އެ ހުރިގޮތަކަށެވެ. (أسهل المدارك شرح إرشاد السالك ج3، ص104)

ޝާފިޢީ މަޒުހަބު: އެއްވެސް ހާލެއްގައި މިސްކިތް ވިއްކުން ހުއްދައެއްނުވެއެވެ. އެއީ މިސްކިތް ބާވެގެން ގޮސް އަލުން އިޢާދަނުކުރެވޭވަރު ވިކަމުގައި ވިޔަސް މެއެވެ. އެއީ މިސްކިތް ކިތަންމެ ބާވިކަމުގައި ވިޔަސް އޭގެ ملكވެރިކަން ﷲއަށް ނިސްބަތްވުން މެދުނުކެނޑޭތީއެވެ. އަދި ފަހުން ދުވަހެއްގައި އެ ބިމުގައި ނަމާދު ޤާއިމު ކުރެވިދާނެތީއެވެ. (روضة الطالبين، ج4، ص420 – نهاية المحتاج، ج 5، ص392)

ޙަންބަލީ މަޒުހަބު: ޙަންބަލީ މަޒުހަބުގައި ދެ ރިވާޔަތެއްވެއެވެ. އެއް ރިވާޔަތަކީ މިސްކިތް ވިއްކުން ހުއްދަނުވާ ކަމަށެވެ. އަނެއް ރިވާޔަތަކީ މިސްކިތް ވިއްކުން ހުއްދަވާ ކަމަށެވެ.

 ޖިހާދުގެ ހަނގުރާމައަށް ވަޤުފު ކޮށްފައިވާ އަސް ޖަނަވާރު މުސްކުޅިވެ ހަނގުރާމަޔަށް ނުކުޅެދޭ ޙާލަތުގައި އެއިން އެހެން ބޭނުމެއް ފުދިދާނެ ކަމުގައި ވަނީނަމަ ވިއްކައިގެން ލިބޭ އެއްޗަކުން ހަނގުރާމައަށް ބޭނުން ހިފޭ އެހެން އެއްޗެއް ގަތުމަކީ ހުއްދަ ކަމެއް ކަމުގައި އުއްމަތް އިޖުމާޢު ވެފައިވާ ކަމަށް ބައެއް ޙަންބަލީން ދެކެއެވެ. (المغني بهامش الشرح الكبير، ج6، ص225.)

ދޭއް: މިސްކިތް ވިއްކުމުގެ މައްސަލަ ވަރުންއެޅުން

ހ- އަސް ހަނގުރާމައަށް ނުކުޅެދިއްޖެ ނަމަ ވިއްކުން ފިޔަވައި އިތުރު ގޮތެއް ނޯވެއެވެ. އެއާ ޚިލާފަށް މިސްކިތުގެ އިމާރާތް ބާވެ ގެއްލިދިޔަކަމުގައި ވިޔަސް އެބިމުގައި ނަމާދު ކުރެވިދާނެއެވެ. ނުވަތަ އާކުރެވިދާނެއެވެ. އެހެންކަމުން އަސް ޖިހާދަށް ނުކުޅެދުމުން ވިއްކުން ހުއްދަކުރާ މޭރުމުން މިސްކިތް ވިއްކުން ހުއްދަކުރުން އެއްވައްތަރެއްނުވެއެވެ. އެ ދެ ކަން އެއްވައްތަރު ނުވާތީވެ ބެލެވޭނީ އެއީ ފިޤުހުގެ اصطلاحيގޮތުން ބުނާ (قياس مع الفارق) އެއް ކަމަށެވެ. އެބަހީ ޤިޔާސްކުރެވޭ ދެކަމުގެ އިއްލަތު ނުވަތަ ސަބަބު ބޮޑުތަނުން ތަފާތެވެ.

ށ- މުސްލިމުންގެ މިއަދުގެ މާލީ ތަނަވަސްކަމާއި އެ މީހުންގެ ދީނީ ރޫހަށް ބަލާއިރު ރަށުގެ މެދުގައި މިސްކިތެއް ބާވެފައި އާކުރާނެ ގޮތެއްނެތިފައި ހުރުމަކީ ވަރަށް ވެސް ނާދިރުކަމެކެވެ. އެހެންކަމުން މިސްކިތް ވިއްކުމުގެ ޚިޔާލަށް ތާއީދުކުރަން ދަތިވެއެވެ.

ނ- މިސްކިތަކީ ﷲއަށް ނިސްބަތްކުރެވޭ މުސްލިމުންގެ އެންމެ މުޤައްދަސް ބިން ކަމަށްވެފައި ކުރީގައި މިސްކިތަކަށް ހުރެފައި ފަހުން އެބިމުގައި މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި ނުވަތަ ކެއިންބުއިމާއި މުނިފޫހިފިލުވާ ތަނެއްގެ ގޮތުގައި ނުވަތަ ވިޔަފާރި ތަނެއްގެ ގޮތުގައި ބޭނުންކުރުމަކީ މުސްލިމުންގެ ޒަމީރު ޤަބޫލު ނުކުރާނެ ކަމަކަށް ވާތީވެ މިސްކިތް ވިއްކުމުގެ ފަލްސަފާއަށް ތާއީދެއް ނުކުރެވެއެވެ.

އެހެންކަމުން ޖުމުހޫރު ފިޤުހު علمވެރީން މިސްކިތް ވިއްކުން މަނާކުރެއްވި ރައުޔަކީ މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ބާޙިޘަށް ބުރަވެވެއެވެ. ސަބަބަކީ މިސްކިތް ވިއްކުމޭ ބުނެވޭ ބަހަކީ މުސްލިމުންނަށް ބަލައިގަތުމަށް އުނދަގޫ ބަހެކެވެ. އަދި ތަކެތި މިސްކިތަށް ނިސްބަތްވުމުން އޭގެ އަގުތައް އުފުލިގެންދިޔުމުގައި ނިމުމެއްނުވެއެވެ. އެއީ އަގުމާތްވި ތަކެއްޗެވެ. އެ ތަކެއްޗަށް ވަކި އަގެއް ކަނޑައެޅުން އިންސާފަކަށް ނުވެއެވެ. އެއީ އެތަކެތި ނިސްބަތްކުރެވޭނީ ﷲއަށް ކަމަށްވާތީއެވެ. އެހެންކަމުން އެފަދަ ތަކެއްޗަށް އަގު ކަނޑައެޅުމަކީ މިސްކިތުގެ ޙުރުމަތް ކެނޑުން ފަދަ ކަމެއް ކަމުގައި ބާޙިޘު ދެކެއެވެ. އެހެންކަމުން އާކުރެވޭ މިސްކިތަކުން ދޫކޮށްލެވޭ ބާތަކެތި ފަޤީރުންނާއި މިސްކީނުންނަށް ދޫކޮށްލުން އެދިވެގެންވާ ކަމަށް ފެނެއެވެ. އެއިރުން އެތަކެތި އެ މީހުންނަށް ملكވުމުން ވިއްކުމުގައި ހުރަހެއް ނުވެއެވެ. والله أعلم

ޝާފިޢީ މަޒުހަބުގެ ބަހަކީ އެއްވެސް ސިފައެއްގައި ވަޤުފު ނުވިއްކުމެވެ.([1]) ނަމަވެސް މިސްކިތުގެ ކުނާތައް ބާވެއްޖެނަމަ ނުވަތަ ގަސްތަށް ހިކިއްޖެނަމަ ވިއްކުން ހުއްދަކުރައްވައެވެ. އެއީ އެހިނދު އެތަކެތި ބެލެވެނީ ނެތް އެއްޗެއްގެ ގޮތުގައި ކަމަށް ވާތީ ކަމަށް ދެކިގެންނެވެ. އެހެންކަމުން އެތަކެތި ވިއްކައިގެން ލިބޭ އެއްޗެއް މިސްކިތަށް ހޭދަކުރާނީ ކަމަށް ވިދާޅުވެތެވެ. އަދި އެފަދަ ބާތަކެތިން މިސްކިތުގެ އެހެން ބޭނުމެއް ހިފޭނަމަ ވިއްކުން ހުއްދަ ނުވާނެ ކަމަށް ދެކެލައްވައެވެ. ([2])

أبو يوسف ދެކެވަޑައިގަންނަވަނީ މިސްކިތުގެ ކުނާތަކާއި، މިސްކިތުގެ ހަރީމުގައި ހުންނަ ވިނަތައް ޙާޖަތަށްވުރެ އިތުރުވެއްޖެނަމަ އެހެން މިސްކިތަކަށް ބަދަލުކުރުން ހުއްދަ ކަމަށެވެ. ނަމަވެސް މުޙައްމަދު ބުނި ޙަސަނު ދެކެވަޑައިގަންނަވަނީ އެތަކެތި އޭގެ ވެރިފަރާތަށް ރައްދުކުރުމަށެވެ. ޙަނަފީ މަޒުހަބުގައި ފަތުވާ ބިނާވެގެންވަނީ ވަޤުފެއްގެ އަސްލު ހަލާކުވެއްޖެނަމަ أبو يوسفގެ ރައުޔަށް އަމަލުކުރުމަށެވެ. އަދި ވަޤުފާ ގުޅިފައިވާ ސާމާނެއް ހަލާކުވެއްޖެ ނަމަ މުޙައްމަދު ބުނި ޙަސަނުގެ ރައުޔަށް އަމަލުކުރުމަށެވެ.([3])  އެ ރައުޔުގެ ޙުއްޖަތަކީ، ވަޤުފުގެ ބޭނުމަކީ މަންފާ ލިބެމުން ދިއުންކަމުގައި ދެކިގެންނެވެ. މަންފާ ލިބުން ހުއްޓިއްޖެނަމަ ވަޤުފު ލިބޭ މީހުންގެ ހައްގު ގެއްލިދާނެ ކަމަށެވެ. އެހިނދު އެމީހުންގެ މިލްކުވެރިކަމެއް ނޯންނާނެ ކަމަށެވެ.([4])

ޙާޞިލުވި ނަތީޖާ: ޖުމުހޫރު ފިޤުހު ޢިލްމުވެރީންގެ އަރިހުގައި މިސްކިތް ވިއްކުމަކީ ނެތް ކަމަކަށް ވާތީވެ މިސްކިތެއްގެ ބަދަލުގައި މިސްކިތެއް އެހެން ބިމެއްގައި ބިނާކުރި ކަމުގައި ވިޔަސް ކުރީގެ މިސްކިތް އުވާނުލުމެވެ. އެއީ އެ މިސްކިތް ކިތަންމެ ބާވިކަމުގައި ވިޔަސް އޭގެ މިލްކުވެރިކަން ﷲއަށް ނިސްބަތްވުން މެދުނުކެނޑޭތީއެވެ. އަދި މިސްކިތް ބާވެ ނެތިގެން ދިޔަކަމުގައި ވިޔަސް އެ ބިން ހުރުމަތްތެރިވެގެންވާ ތަނެއްގެ ގޮތުގައި ބޭއްވުމެވެ. އެއީ ފަހުން ދުވަހެއްގައި އެ ބިމުގައި ނަމާދު ޤާއިމު ކުރެވިދާނެތީއެވެ. ޝަފިޢީ މަޒުހަބުގެ ރައުޔަކީ ވެސް އެއީއެވެ.

އިލްތިމާސަކީ: މިސްކިތް ބިނާކުރުމާއި މިސްކިތުގެ ތަކެތި ބަދަލުކުރުމުގައި ވަޤުފުގެ އަޙުކާމުތަކަށް ރިޢާޔަތްކުރުމެވެ.

 

([1]) الشربيني، مغني المحتاج، مرجع سابق، ج2، ص392.

([2]) الشربيني، مغني المحتاج، مرجع سابق، ج2، ص 392.

([3]) انظر: ابن الهمام، شرح فتح القدير، ج6، ص 237، ابن عابدين، حاشية ابن عابدين، ج6، ص 548-550.

([4]) انظر: ابن الهمام، شرح فتح القدير، مرجع سابق، ج6، ص 236، الكاساني، بدائع الصنائع، مرجع سابق، ج6، ص 221.