Support Us

ޣައްޒާގެ ބައެއް ތަންތަނަށް އިސްރާއީލުން ވައިގެ ޙަމަލާ ދީފި

އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާގައި ހުންނަ ފަލަސްޠީނުގެ ޖިހާދީ ބައެއް ޖަމާޢަތްތަކުގެ ތަންތަނަށް މިއަދު ހެނދުނު ޢުދްވާނީ ވައިގެ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަހޫދީ އާބާދީއެއް ކަމުގައިވާ "ނަތީފު ޢަތުސްރާހު" އަށް ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުން ބަޑީގެ ޙަމަލާތަކެއް ދިނެވެ.

އިސްރާއީލު ސިފައިން އެމީހުންގެ ޓްވިޓަރުގައި ޝާއިޢު ކުރި ބަޔާނެއް ބުނާގޮތުގައި އިސްރާއީލުގެ ބޯޓުތަކުން ޙަމަލާދިނީ ޙަމާސް ޖަމާޢަތުގެ ލަޑުދަނޑިތަކަކަށެވެ. އިސްރާއީލުގެ ރޭޑްގެ އަމާޒުތަކަކީ ހަތިޔާރު އުފައްދާ ވަރކްޝޮޕަކާއި ޢަސްކަރީ ތިން އަމާޒެކެވެ.

ޙަމާސުގެ ތަރްޖަމާނު ޙާޒިމު ޤާސިމު ވިދާޅުވާ ގޮތުގައި މިއީ އިސްރާއީލުން ޤުދްސަށާއި ހުޅަނގު އައްސޭރިއަށާއި ޣައްޒާއަށް ދެމުންދާ ސިލްސިލާ ޙަމަލާތަކުގެ އިތުރު ބޮޅެކެވެ.އޭނާ ވިދާޅުވި ގޮތުގައި މި ފަދަ ޢުދްވާނުތަކުގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ އިންތިފާޟާ މަރައިލުމެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ޖިހާދީ ޖަމާޢަތްތަކަކީ ފަލަސްޠީނު ރައްޔިތުން ޙިމާޔަތް ކުރާ އައްޑަނައެވެ.

ޣައްޒާގައި ހުންނަ ޖަޒީރާގެ ރިޕޯޓަރު ވާއިލުއް ދަޙްދޫޙު ވިދާޅުވާ ގޮތުގައި ޤައްސާމު ޖަމާޢަތުގެ ބިނާއަކަށް އިސްރާއީލުގެ މަތިންދާބޯޓަކުން އަށް މިސައިލް ފޮނުވައިލައި މި ބިނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ. ރިޕޯޓަރު ބުނިގޮތުގައި މި ޙަމަލާގައި އިސްރާއީލުގެ ޢަސްކަރީ ލޯންޗުތައް ވެސް ބައިވެރިވިއެވެ. މި ލޯންޗުތަކުން ފަލަސްޠީނުގެ މަސްބޯޓުފަހަރަށް ބަޑިޖެހިކަމަށް ވެސް އޭނާ ބުންޏެވެ.

އިސްރާއީލު ސިފައިން ހާމަކުރި ގޮތުގައި މއަދު ޣައްޒާއިން އިސްރާއީލަށް މިސައިލެއް އައެވެ. އިސްރާއީލުގެ ދަގަނޑު ޤުއްބުން އޭތި ވައްޓައިލިއެވެ. ފަލަސްޠީނުގެ ޖިހާދީ އެއްވެސް ޖަމާޢަތަކުން މިކަމާ ބެހޭގޮތުން އާއެކޭ ވެސް އަދި ނޫނެކޭ ވެސް ނުބުނެއެވެ.
ރޭ އިސްރާއީލުގެ ބޮޑުބަޑިތަކުން ބައިތު ޙާނޫނު ހުރަސް މަގު ސަރަޙައްދަށް ޙަމަލާތަކެއް ދިނެވެ. އަދި އިސްރާއީލުގެ ޖާސޫސީ މަތިންދާބޯޓެއް އެ ސަރަޙައްދު މަތިން އުދުހުނެވެ. މި މަންޒަރު ދުށް މީހުން ބުނިގޮތުގައި އިސްރާއީލުގެ މި ހަމަލާގެ ސަބަބުން މީހަކަށް ކަމެއް ނުވިޔަސް މާއްދީ ގެއްލުންތަކެއް ލިބުނެވެ.

އިސްރާއީލުގެ ބަދީޢޫތު އަޙްރަނޫތު ދުވަހު ނޫހުގެ ރިޕޯޓަރު ބުނި ގޮތުގައި ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ނަތީފު ޢަތުސްރާހު އާބާދީއަށް ދިން ޙަމަލާގެ ސަބަބުން އެ އާބާދީގެ މީހަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ފަލަސްޠީނުން ދީފާނެ ހަމަލާއެއްގެ ސަބަބުން ގެއްލުމެއް ލިބިދާނެތީ މަގުމައްޗަށާއި ހާމަ ތަންތަނަށް ނުނުކުތުމަށް އިސްރާއީލު ސިފައިން ވަނީ އެ ރަށުގެ ޔަހޫދީންނަށް އިންޒާރުކޮށްފައެވެ. އަނެއްކޮޅުން އިސްރާއީލުގެ މީޑިޔާތައް ބުނާގޮތުގައި އިސްރާއީލުގެ ޖާސޫސީ ބެލޫންޏެއް ބައިތު ޙާނޫނު ސަރަހައްދަށް ރޭ ވަނީ ވެއްޓިފައެވެ.އެހެނަސް އިސްރާއީލު ބުނާގޮތުގައި އޭތި ވެއްޓުނީ ފަލަސްޠީނުގެ ޖިހާދީންގެ ޙަމަލާއެއްގެ ސަބަބަކުން ނޫނެވެ. ފަލަސްޠީނުގެ ޖިހާދީން މި ބެލޫނި އަތުލައިގެންފައިވާ ކަމަށް ޣައްޒާއިން ޚަބަރު ލިބެއެވެ.އިސްރާއީލު ސިފައިން ބުނާގޮތުގައި މި ބެލޫނީގައި ހުރި ކެމެރާތަކުން އެއްވެސް މަޢޫލޫމާތެއް ފަލަސްޠީނީންނަކަށް ނުލިބޭނެއެވެ. ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކަށް ފާރަލުމަށް ޓަކައި އިސްރާއީލުން ޢަސްކަރީ ބެލޫނިތައް ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ހުކުރު ދުވަހު އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޖަނީނަށް ދިން ޢުދްވާނީ ޙަމަލާގައި ފަލަސްޠީނުގެ 3 ޒުވާނަކު ވަނީ ޝަހީދުކޮށްލައިފައެވެ. މި ޙަމަލާގައި ފަލަސްޠީނުގެ 8 މީހަކު ޒަޚަމުވިއެވެ. ޙަމާސުން އިންޒާރު ކުރާ ގޮތުގައި އިސްރާއީލުން މި ހިންގި ޖަރީމާއަށް އަދަބު ނުދީ ދޫކޮށެއް ނުލާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *