Support Us

ރަޝިޔާގެ އެއް އަމާޒަކީ ޑޮނެސްކާއި ލޮގަންސްކް މިނިވަންކުރުން

ޔުކްރޭނާ ދެކޮޅަށް ރަޝިޔާއިން ފަށައިފައިވާ ޚާއްޞަ ޢަސްކަރީ ޙަމަލާތަކުގެ އެއް އަމާޒަކީ ޔުކްރޭނުން ވަކިވެގަންފައިވާ ދެ ޖުމްހޫރިއްޔާއެއް ކަމުގައިވާ ޑޮނެސްކާއި ލޮގަންސްކް ޙިމާޔަތް ކުރުން ކަމަށް ކްރެމްލިންގެ ރަސްމީ ތަރްޖަމާނު ޑިމިޓްރީ ބިސްކޯވް ވިދާޅުވެއްޖެއެވެ.

ބިސްކޯވް ވިދާޅުވިއެވެ. "ޢާންމު ގޮތެއްގައި މޮސްކޯގެ އަމާޒަކީ މި ދެ ޖުމްހޫރިއްޔަތު ޙިމާޔަތް ކުރުމެވެ."

ޑޮނެސްކާއި ލޮގަންސްކީ ޔުކްރޭންގެ ޑޮންބާސް ސަރަޙައްދުގައި އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ ދެ ސަރަޙައްދެކެވެ. ރަޝިޔާ ބުނާގޮތުގައި އެމީހުން ޔުކްރޭނުގައި މި ހަނގުރާމަ ކުރަނީ މި ދެ ސަރަޙައްދު ކިޔީވްގެ ބާރުގެ ދަށުން އެކަށް މިނިވަންކޮށް ކިޔީވްގެ ވެރިކަމުން ބޭރަށް ނެރުމަށެވެ.

ރަޝިޔާ ބުނާގޮތުގައި އެ ޤައުމުން ޔުކްރޭނަށް ދެމުންގެންދާ ޚާއްޞަ ޢަސްކަރީ ޙަމަލާތަކުގެ އަމާޒުތަކުގެތެރޭގައި ޔުކްރޭން އަތުގައި ހުރި ބާރުގަދަ ހަތިޔާރުތައް ނައްތައިލުމާއި ފެޝިސްޓުންގެ އަތްދަށުން ޔުކްރޭން ސަލާމަތް ކުރުން ވެސް ވެއެވެ. އެހެނަސް ޔުކްރޭނާއި ހުޅަނގުން ބުނާގޮތުގައި ރަޝިޔާއިން އެ ބުނާ ފެޝިސްޓް ސަރުކާރެއް ޔުކްރޭނުގައެއް ނެތެވެ. ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ކުރުމަށް އެއްވެސް ބަހަނާއެއް ނެތެވެ.

އަނެއްކޮޅުން ޔުކްރޭނުގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ރޫސީ ސިފައިން ޔުކްރޭންގެ ސިފްރޮޑްނެސްކް އެކަށް ކަހަލަ ގޮތަކަށް ހިފައިފިއެވެ. މި ސަހަރާ އެހެން ސަހަރުތައް ގުޅުވައިދޭ ފާލަންތައް މިހާރު ވަނީ ގޮއްވާލައި ފުޑުފުޑުކޮށްލައިފައެވެ. މި ކަމުގެ ސަބަބުން މި ސަހަރަށް އިންސާނީ އެހީތައް ފޮނުވޭނެ މަގުތައް ވަނީ ބަންދުވެފައެވެ. އަދި އެ ރަށުގައި ބަންދުވެފައި ތިބި ޢާންމުންނަށް އެ ރަށުން ބޭރަށް ދެވޭނެ ގޮތެއް ވެސް ނެތެވެ.

މި ސަރަޙައްދުގެ ގަވަރުނަރު ސަރްގީ ގާޑައި ވިދާޅުވާ ގޮތުގައި ރަޝިޔާ ސިފައިން ވަނީ މި ރަށުގެ 70% ބިން ހިފައިފައެވެ. އެހެނަސް މި ރަށް ޙިމާޔަތް ކުރާން ތިބި ޔުކްރޭން ސިފައިން ތިބީ ޙިޞާރުކުރެވިފައެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި ޢާންމުންގެ އެތައް ސަތޭކަ ބަޔަކު ޙިމާޔަތް ހޯދުމަށް ވަދެ ތިބި އާޒޯތު ކެމިކަލް ކާރުޚާނާއަށް ރޫސީ ސިފައިން ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން އެ ކާރުޚާނާ މިހާރު ދަނީ ބިމާ ހަމައަށް ތިރިވަމުންނެވެ.

އަނެއްކޮޅުން ޔުކްރޭނަށް ގޮސް ތިބި ބޭރު ޤައުމުތަކުގެ ސިފައިންގެ ފައުޖެއްގެ ވެރިޔާކަމުގައިވާ ޑަމިޔާން މެގްރޯ ވިދާޅުވާ ގޮތުގައި ސްފްރޮޑްނޮސްކާ އެހެން ސަހަރުތަކާ ގުޅުވައިދޭ ތިން ފާލަން ހަލާކުކޮށްލުމުގެ ސަބަބުން އެ ސަހަރު ޙިމާޔަތް ކުރާން ގޮސް ތިބި ބޭރު ޤައުމުތަކުގެ ސިފައިންގެ ފައުޖު އޮތީ ވަރަށް ބޮޑަށް ނުރައްކަލަށް ހާސާވެފައެވެ. މިހާރު މި ސަހަރުގެ ޙާލަތު މަރިއަޕޮލްގެ ޙަލަތާ އެއް ޙާލަތަކަށް ބަދަލުވެއްޖެއެވެ.

މޮސްކޯއަށް ތާއީދު ކުރާ ޔުކްރޭނުން ވަކިވެގަންފައިވާ އިދާރާތަކުގެ މަސްއޫލުވެރިއަކާ ޙަވާލާދީ ރަޝިޔާގެ (ރިޔާ) ނޫސް އޭޖެންސީ ބުނާގޮތުގައި ސިފްރޮޑެންސްކް ސަހަރު މިހާރު އޮތީ އެކަށް ޙިޞާރު ކުރެވިފައެވެ. އެ ސަހަރުގައި "ޔުކްރޭން ސިފައިންނަށް އޮތީ އަމާންދިނުމެވެ. ނުވަތަ މަރުވުމެވެ." މަރިޔަޕޮލް ސަހަރު ރަޝިޔާއިން ޙިޞާރު ކުރުމަށް ފަހު އެ ސަހަރު ހިފީ މި ދިޔަ މޭމަހުގައެވެ.

ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުން މިހާރު ވަނީ ހައެއްކަ މިލިއަން މީހުން އަވަށްޓެރި ޤައުމުތަކަށް ފައިބައި ރެފިއުޖީންނަށް ވެފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *