ޔުކްރޭން ހަނގުރާމައިގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަޝިޔާއިން ބޭރުކުރި ހަކަތައިގެ ސަބަބުން ރަޝިޔާއަށް 93 ބިލިއަން ޔޫރޯ ލިބިފައިވާ ކަމަށް ފަރަންސޭސި ނޫސް އޭޖެންސީ ބުނެފިއެވެ.
ފަރަންސޭސި ނޫސް އޭޖެންސީ މި ޚަބަރުގައި ޙަވާލާދީފައި ވަނީ ފިންލެންޑްގެ ހަކަތަޔާއި ސާފު ވަޔާބެހޭ ދިރާސާތައް ކުރާ މަރްކަޒުން މިއަދު ޝާއިޢުކުރި ރިޕޯޓަކަށެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުން ރަޝިޔާއިން ހަކަތަ އެތެރެކުރުން މަޑުމަޑުން ހުއްޓައިލުމަށް ނިންމައިފައި ވިޔަސް އެ ޤައުމުތަކަށް ވަނީ އެ ކަން ނުކުރެވިފައެވެ.މި ރިޕޯޓް ބުނާގޮތުގައި ރަޝިޔާއިން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުން އެތެރެކުރާ ހަކަތައިގެ މިންވަރަކީ ރަޝިޔާއިން ބޭރުކުރާ ހަކަތައިގެ 60% އެވެ.
ރަޝިޔާއިން އެންމެ ގިނައިން ހަކަތަ ގަންނަ ޤައުމުތަކަކީ:
- ޗައިނާ (12.6 ބިލިއަން ޔޫރޯ)
- ޖަރްމަނު (12.1 ބިލިއަން ޔޫރޯ)
- އިޓަލީ (7.6 ބިލިއަން ޔޫރޯ)
ރަޝިޔާއަށް އެންމެ ބޮޑު އާމުދަނީއެއް ލިބިފައިވަނީ ސާފު ނުކުރާ ތެޔޮ ބޭރުކޮށްގެންނެވެ. އެއިން 46 ބިލިއަން ޔޫރޯ ލިބިފައިވެއެވެ. އާމުދަނީގެ ދެވަނަ މަޞްދަރަކީ ޠަބީޢީ ގޭހެވެ. ހޮޅި މެދުވެރިކޮށް ބޭރުކުރާ ގޭހުން ރަޝިޔާއަށް 24 ބިލިއަން ޔޫރޯ ލިބިފައި ވެއެވެ. ތިންވަނަ މަޞްދަރަކީ ތެލުގެ ތަފާތު ބާވަތްތަކާއި ދިޔާ ގޭހާއި ބޯޓުދެއްޔެވެ.
ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި މި ހުސްވި މޭމަހު ރަޝިޔާގެ އާމުދަނީ ތަންކޮޅެއް ދަށަށް ދިޔަސް ރަޝިޔާގެ އެވްރެޖު އާމުދަނީ ދަށަކަށް ނުދެއެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި ރަޝިޔާއަށް ތެޔޮ ތަންކޮޅެއް ހެޔޮ އަގެއްގައި ވިއްކަން ޖެހުނަސް ދުނިޔެއަށް ބޭނުންވާ ހަކަތައިގެ މިންވަރު އިތުރުވުމުން ތެލުގެ އަގު އުފުލިގެން ދިޔައެވެ. މިކަމުގެ ސަބަބުން ރަޝިޔާގެ ތިޖޫރީއަށް ހުސްކަމެއް ނުލިބެއެވެ.
ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ޕޮލެންޑާއި ފިންލެންޑާއި ބޯލްޓިކް ޤައުމުތަކުން ރަޝިޔާއިން އެތެރެކުރާ ހަކަތަ މަދުކުރެވޭތޯ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އެހެނަސް ޗައިނާއާއި އިންޑިޔާއާއި އިމާރާތާއި ފަރަންސޭސިވިލާތުން ވަނީ ރަޝިޔާއިން އެތެރެކުރާ ހަކަތަ އިތުރުކޮށްފައެވެ.
މި މަރްކަޒުގެ މުޙައްލިލު ވިދާޅުވާ ގޮތުގައި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކުރިޔަސް ރަޝިޔާއިން ދިޔާ ގޭސް އެންމެ ގިނައިން އެތެރެ ކުރާ ޤައުމަކަށް ފަރަންސޭސިވިލާތް ވެއްޖެކަން ފާހަގަ ކުރެވެއެވެ.
މި މަރްކަޒުގެ މި ތަޖްރިބާކާރު ހާމަކުރެއްވި ގޮތުގައި ރަޝިޔާ އަތުން ހަކަތަ ގަންނަނީ ނަޤްދު ފައިސާއިންނެވެ. ދިގު މުއްދަތަކަށް އެއްބަސްވެވޭ އެއްބަސްވުމެއްގެ ދަށަކުންނޫނެވެ. މި ތަޖްރިބާކާރު ޕެރިހާ ދެކޮޅަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ. "ޔުކްރޭން ހަނގުރާމަޔާ ޕެރިސް ދެކޮޅުހެދިޔަސް ފަރަންސޭސީން ރަޝިޔާއާ ދެކޮޅަށް ޙަޤީޤަތުގައި ފިޔަވަޅެއް ނާޅައެވެ."



advertisment