Support Us

ޔުކްރޭން ސިފައިން ރޫސީ ސިފައިންނަށް ޙަމަލާދެނީ

ޕޫޓިންގެ އަމާޒަކީ ޔުކްރޭން ފަހަނަޅައިދިޔުން ކަމަށް ނޭޓޯއިން ތުހުމަތުކޮށްފި

ޔުކްރޭންގެ ލޮގާންސްކް ސަރަޙައްދުގެ ސެވެރޮޑޮނެޓްސްކް ސަހަރާ ކައިރީގައި އޮންނަ އެހެން ސަހަރެއް ގުޅުވައިދޭ ފާލަމެއް ރޫސީ ސިފައިން ގޮއްވައިލާ ހަލާކުކޮށްލައިފިކަމަށް ރޮއެޓަރޒް ފަދަ މީޑިއާތަކުން ބުނެފިއެވެ. ރޫސީ ސިފައިން މިހާރު އޮތީ މި ރަށުގެ ތިން ބައިކުޅަ ދެބައި ހިފައިފައެވެ. އެ ރަށުގެ މަގުތައް މަތީގައި ހަނގުރާމަ ހިނގަމުންދާކަމަށް ޔުކްރޭނުން ބުނެއެވެ.

އަނެއްކޮޅުން ނޭޓޯގެ އަމީންޢާންމު ޔެންސް ސްޓޮލްޓެންބަރގް ތުހުމަތު ކުރައްވާ ގޮތުގައި ރޫސީ ރައީސް ޕޫޓިންގެ "އެދުން" ޔުކްރޭން ފަހަނަޅައި ވަނީ ގޮސްފައެވެ.

ޔުކްރޭންގެ އިރުމަތީ ސަރަޙައްދެއްކަމުގައިވާ ލޮގަންސްކްގެ ގަވަރުނަރު ސަރގީ ގައިޑާއި ވިދާޅުވާގޮތުގައި ރޫސީ ސިފައިން ގޮއްވައިލައި ހަލާކުކޮށްލި ފާލަމަކީ ސިވަރްސްކްވީ ޑޮނެޓްސް ކޯރު ހުރަސްކުރުމަށް އަޅައިފައިވާ މުހިއްމު ފާލަމެކެވެ. ސެވެރޮޑޮނެޓްސްކް ސަހަރާ މި ކޯރުގެ އަނެއް ފަރާތުގެ އައްސޭރީގައި އޮންނަ ލެސެޗާންސްކް ސަހަރު ގުޅުވައިދެނީ މި ފާލަމުންނެވެ. މި ކަމުގެ ސަބަބުން ޢާންމުން ބޭލުމުގެ މަސައްކަތަށް ވަރަށް ބޮޑު ހުއްޓުމެއް އަންނާނެ ކަމަށް ޔުކްރޭނުން ބުންޏެވެ. އަދި މި ކަމުގެ ސަބަބުން ޔުކްރޭން ސިފައިންނަށް އެ ސަހަރުން ފޭބުމުށް ވެސް ހުރަސްއެޅިގެންދާނެއެވެ.

ސެވެރޮޑޮނެޓްސްކްގެ އިދާރީ ވެރިޔާ އޮލެގްޒަންޑަރު ސްޓްރިޔޯކް ވިދާޅުވި ގޮތުގައި އަދި ވެސް އެ ރަށް އޮތީ ޔުކްރޭން ސިފައިންގެ ބާރުގެ ދަށުގައެވެ.

މަގުމަތީގައި ހަނގުރާމަ

ލޮގާންސްކްގެ ގަވަރުނަރު ރޭ ވިދާޅުވިގޮތުގައި ރޫސީ ސިފައިންނާ ޔުކްރޭން ސިފައިންނާ ދެމެދުގައި މިހާރު ހަނގުރާމަ ހިނގަމުންދަނީ ސެވެރޮޑޮނެޓްސްކްގެ މަގުތައް މަތީގައެވެ.  އޭނާ ހާމަކުރެއްވި ގޮތުގައި ޞިނާޢީ ސަރަޙައްދާއި ކީމާވީ އާޒޮޓް ކަރުޚާނާ އޮތީ ޔުކްރޭން ސިފައިންގެ ބާރުގެ ދަށުގައެވެ. މި އެކުވެނީގައި ޔުކްރޭންގެ އަށެއްކަ ސަތޭކަ މީހުން އެބަ ތިބިކަމަށް އޭނާ ވިދާޅުވިއެވެ. ރޫސީ ސިފައިން މި ސަރަޙައްދަށް ބޮޑުބަޑިން ޙަމަލާތައް ދެމުންދާކަމަށް ވެސް ވިދާޅުވިއެވެ. ސެވެރޮޑޮނެޓްސްކަކީ ޑޮންބާސް  ސަރަޙައްދުގެ ލޮގާންސްކުން ރޫސީ ސިފައިން ނުހިފާ އޮތް ހަމައެކަނި ސަހަރެވެ. މި ސަހަރު ހިފުމުން ރައީސް ޕޫޓިން ގެ ޢަސްކަރީ ޙަމަލާގެ އެއް މަޤްޞަދު މޮސްކޮއަށް ޙާޞިލުކުރެވުނީއެވެ. ޑޮންބާސް ސަރަޙައްދަކީ މޮސްކޯއަށް ތާއީދު ކުރާ މީހުން ދިރިއުޅޭ ސަރަޙައްދެކެވެ.

މަރިއޮޕޮލް 

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޔުކްރޭންގެ އިރު ދެކުނު އައްސޭރީގައި އޮންނަ މަރިޔަޕޮލް ސަހަރުގެ ބަނދަރު މިހާރު އޮތީ މުދާ ބޭރު ކުރުމަށާއި އެތެރެކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތަކަށް ތައްޔާރުވެގެންނެވެ.

މި ހުސްވި މަހު މަރިޔަޕޮލް ބަނދަރުން މުދާ އަރުވައިގެން އާގުބޯޓެއް ވަނީ ރަޝިޔާއަށް ގޮސްފައެވެ. ކިޔޭވުން ތުހްމަތު ކުރާ ގޮތުގައި މިއީ އެ ޤައުމުގެ މަޢުދަނީ އުފެއްދުންތައް ވަގަށް ނެގުމުގެ މަސައްކަތެކެވެ.

ރަޝިޔާގެ މަނަވަރުތައް މަރިޔަޕޮލް ބަނދަރުގައި

އަނެއްކޮޅުން ރޫސީ ނޫސް އޭޖެންސީއެއް ކަމުގައިވާ އިންޓަރފެކްސް ބުނާގޮތުގައި ރަޝިޔާ ސިފައިން ކްރޫޒު މިސައިލް ޙަމަލާއަކުން ޓަރްނޯޕިލް ސަރަޙައްދުގައި ހުރި ބޮޑު ހަތިޔާރު ގުދަނެއް ގޮއްވައިލައި އެމެރިކާއިންނާއި ޔޫރަޕުން ދީފައިހުރި އެތައް ހަތިޔާރުތަކެއް ހަލާކުކޮށްލައިފިއެވެ.ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ކަނޑުން  ފޮނުވައިލި ކަލިބަރ ރޮކެޓް ޙަމަލާތަކުގައި އެމެރިކާއިން ޔުކްރޭނަށް ދީފައިވާ ޓޭންކާ އިދިކޮޅު ރޮކެޓްތަކާއި ޖައްވީ ދިފާޢީ ނިޒާމުތަކާއި ޕްރޮޖްކްޓައިލްތައް ހަލާކުކޮށްލިއެވެ.

ޓަރނޮޕިލް ސަރަޙައްދުގެ ގަވަރުނަރު ވްލެޑިމީރު ޓްރޯޝް ވިދާޅުވާ ގޮތުގައި ރަޝިޔާއިން އާދިއްތަ ވިލޭރޭ ދިން ޙަމަލާތަކުގެ ސަބަބުން ޢަސްކަރީ އެތައް ބިނާތަކެއް ހަލާކުވިއެވެ. މި ޙަމަލާގެ ސަބަބުން 22 މީހަކު ޒަޚަމުވިއެވެ. އެހެނަސް އޭނާ ވިދާޅުވިގޮތުގައި މި ބިނާތަކުގައި ހަތިޔާރު ގުދަންކޮށްފައެއް ނުވެއެވެ.

ނޭޓޯ

ސިޔާސީ މަސްރަޙަށް ބަލާއިރު ރައީސް ޕޫޓިންގެ އެދުންތައް ޔުކްރޭން ފަހަނަޅައި ގޮސްފައިވާ  ކަމަށް ނޭޓޯގެ އަމީންޢާންމު ޔެންސް ސްޓޮލްޓެންބަރގް ތުހްމަތު ކުރައްވައިފިއެވެ. އޭނާ މި ކަން ހާމަކުރެއްވީ ފިންލެންޑްގެ ރައީސް ސޮލީ ނެނިސްޓޯއާއެކު ބޭއްވެވި ނޫސް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ނޭޓޯއަކީ ޔުކްރޭން ހަނގުރާމައިގެ ބައެއްނޫނެވެ. އެހެނަސް ނޭޓޯއިން ޔުކްރޭންގެ އަމިއްލަ ނަފްސު ދިފާޢު ކުރުމަށް ބޭނުންވާ އެހީ ދަނީ ދެމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *