Support Us

ޔޫކުރޭނުގެ ފުރަދާރުކަމަށް ވިލާތުގެ ދެ ގައުމަކުން ދެކޮޅުހަދާ: މީޑިއާ

ވިލާތު އިއްތިހާދުން އެ އިއްތިހާދުގެ ފުރަދާރުކަމުގެ ދަރަޖަ ޔޫކްރޭނަށް ދިނުމުގެ ލަފާ އަންނަ ހަފުތާގައި ދޭނެކަމަށް ބެލިފައިވާއިރު، މި ފިޔަވަޅަށް ނެދަރލޭނާޑާއި ޑެންމާކުން ދެކޮޅުހަދާނެ ކަމަށް ބުރާސްފަތިދުވަހު "ބްލޫމްބާރގް"ގައި ބަޔާންކޮށްފައިވެއެވެ.

ޑެންމާކްގެ އޮފިޝަލުން އެކަމަށް ދެކޮޅު ހަދަނީ އެ ގައުމުން ޤާނޫނު ތަންފީޒުކުރުމުގައްޔާއި ކޮރަޕްޝަންގެ ކަންތަކުގެ ފަސްމަންޒަރަށް ބަލައިފައެވެ. ވިލާތު އިއްތިޙާދު (ވއ.)ގެ މެންބަރަކަށްވާން ޔޫކްރޭނުން ވަނީ މި ދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ހުށަހަޅައިފައެވެ. އަދި މަދު ހަފުތާތަކެއްގެ ތެރޭގައި ޔޫކްރޭނަށް ފުރަދާރުކަމުގެ ދަރަޖަ (ކެންޑިޑެސީ ސްޓޭޓަސް) ދިނުމުގެ ކަންކަން ރަސްމީ ކޮށްލެވޭނެކަމަށް އެ އިއްތިޙާދުގެ ރައީސް އުރްސުލާ ވޮން ޑަރ ލެޔެން އޭޕްރީލްމަހު ވިދާޅުވެފައިވެއެވެ. އަނެއްކޮޅުން ޔުކްރޭނަށް ފުރަދާރުކަން ދިނުމުގެ މައްސަލައިގައި ވއ. ގެ ރައުޔު އޮތް ގޮތެއް، ބެލްޖިއަމްގެ ބްރަސެލްސްގައި އަންނަ ހަފުތާގައި ބާއްވާ ބައްދަލުވުމެއްގައި ހާމަކުރާނެކަމަށް އޮތީ ބެލެވިފައެވެ. އެހެންނަމަވެސް ވޮން ޑަރް ލެޔެން ވިދާޅުވެފައިވާ ފަދައިން އެ މައްސަލައގެ އިޖުރާތު އަދި އޮތީ ރަސްމީކުރެވިފައެއް ނޫނެވެ.

ނަން ހާމަކުރާން ނޭދޭ ގިނަ މެންބަރުން ބަޔާންކޮށްފައިވާ ގޮތުގައި ޔޫކްރޭނަށް ފުރަދާރުކަމުގެ ދަރަޖަ ދޭން ގިނަ ގައުމުތަކުން ތާއީދުކުރެއެވެ. އެހެންނަމަވެސް ނެދަރލޭންޑަ ފަދަ މަދު ގައުމުތަކަކުން އެކަމާ ދެކޮޅުހަދައި ވެސް މެއެވެ.

ޚަބަރު ފަތުރާ އިދާރާތަކަށް އަދި ތިލަވެފައި ނެތް ދީބްލޫމާސީ ނޯޓުތަކެއް ބުނާ ގޮތުގައި، ޑެންމާކުން ބުނެފައިވަނީ، ޑިމޮކްރެސީގެ ދާއިރާގައި ޔޫކްރޭނުން އަސާސީ ގޮތުން ފުރިހަމަކުރާންޖެހޭ ގާނޫނީ އަދި އިދާރީ އޮނިގަނޑުތަކެއް އަދި އެބަހުއްޓެވެ. އޭގެ ތެރޭގައި ޤާނޫނު ތަންފީޒުކުރުމާއި އިންސާނީ ޙައްގުތަކާއި އަޣުލަބިއްޔަތު ނެތް މީހުންގެ ޙިމާޔަތާއި ކޮރަޕްޝަނާ ދެކޮޅު ސިޔާސަތުތައް ހިމެނެއެވެ. މި ދެންނެވި ނޯޓުގައި ބަޔާންކޮށްފައިވާ ގޮތުން އާންމު ގޮތެއްގައި ކްޔީވް (ޔޫކްރޭނު) އަދި ވަނީ ވިލާތު އިއްތިޙާދާ ގުޅުމަށް ޓަކައި ވާންޖެހޭ ތައްޔާރުތައް ވުމުގެ ވަރަށް އިބްތިދާއީ ހަރުފަތެއްގައެވެ.
ވިލާތުގައި ޔޫކްރޭނު ދަރަޖަކުރެވިފައިވަނީ އެންމެ ކޮރަޕްޝަން ބޮޑު ގައުމުކަމުގައެވެ. އަދި ދުނިޔޭގައި ވެސް ކޮރަޕްޝަން ބޮޑު ގައުމުތަކުގެ ތެރޭގައި ޔޫކްރޭނު ހިމެނެއެވެ. މިހާރު ހިނގަމުންދާ ރޫސީ-ޔޫކްރޭނު ހަމަނުޖެހުން ފެށުނު ހިސާބުން ވެސް އިދިކޮޅު ސިޔާސީ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމާއި ރޫސީބަހުން ވާހަކަދައްކާ ރައްޔިތުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭތީ ޔޫކްރޭނު ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެއެވެ.

ވިލާތުގެ ގިނަ މެންބަރުން ބުނާ ގޮތުގައި ވއ.ގެ ފުރިހަމަ މެންބަރުކަން ޔޫކްރޭނަށް ލިބުމުގައި އެތައް އަހަރެއް އަދި ހޭދަވާނެއެވެ. އަދި މިކަމުގެ ފުރަތަމަ މަރުޙަލާކަމުގައިވާ ފުރަދާރުކަމުގެ ދަރަޖަ ލިބުން ވެސް އަދި ވަނީ ވަރަށް ދުރުގައި ކަމަށް ވެސް ޑެންމާކުގެ ބޮޑުވަޒީރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިދިޔަ މަހު ވަނީ ވިދާޅުވެފައެވެ.

ޔޫކްރޭނަށް އަވަސްމަގަކުން ވއ.އަށް ވަންނާން މަގު ފަހިކޮށްދިނުމަކީ އެ ޖަމުއިއްޔާގެ ވަރަށް ގިނަ މެންބަރު ގައުމުތަކުން ތާއީދުކުރާ ކަމެއްކަމަށް ވިޔަސް އެ ޖަމުޢިއްޔާއިން އެކި ގައުމުތަކާ ތަފާތުކުރުން ގެންގުޅޭތީ ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެހެނީ ތުރްކިޔޭއާއި މޮންޓެނީގްރޯ ފަދަ އިރިމަތީ ވިލާތުގެ ގައުމުތަކަށް ފުރަދާރުކަމުގެ ދަރަޖަދިނުމަށް ފަހު ފުރިހަމަ މެންބަރުކަން ނުދީ އޮތީ މަޑުޖައްސައިލައިފައެވެ. ވިލާތުގެ މެންބަރަކަށްވާން އެދި ތުރުކީވިލާތުން (ތުރްކިޔޭ) ހުށަހެޅީ 1987ގައެވެ. އަދި 1999ގައި އެ ގައުމަށް ވަނީ ފުރަދާރުކަމުގެ ދަރަޖަ (ކެންޑިޑެސީ ސްޓޭޓަސް) ދީފައެވެ. ނަމަވެސް މެންބަރުކަން ނުދީ ވަނީ މަޑުޖައްސައިލައިފައެވެ.

ބައެއް މުޙައްލިލުން ތުހުމަތުކުރާ ގޮތުގައި ތުރްކިޔޭއަށް މެންބަރުކަން ނުދީ ލަސްކުރަނީ އެއީ މުސްލިމު ގައުމަކަށް ވެފައި އެ ޤައުމުން އިސްލާމް ދީނަށް ކުރާ ޚިދުމަތްތައް އިތުރުކުރަމުން ގެންދާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *