އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މިއަދު ވަރަށް ކުއްލި ގޮތަކަށް އިމާރާތަށް ދަތުރުފުޅެއް ކުރައްވައި އިމާރާތުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދާ ބައްދަލު ކުރައްވައިފިއެވެ. އަބޫ ޡަބްއިގައި ބޭއްވުނު މި ބައްދަލު ކުރެއްވުމުގައި އެންމެ އިސްކަން ދެއްވައިފައިވަނީ އީރާނުގެ ނިޔުކްލިއަރ ފައިލަށެވެ.
އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތައް މި ޒިޔާރަތާ ގުޅިގެން ބުނިގޮތުގައި "އީރާނުގެ ބިރާ" ކުރިމަތިލުމަށް ޓަކައި އިސްރާއީލުން މިހާރުދަނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކުގައި ރާޑަރު ނިޒާމުތައް ބަހައްޓަމުންނެވެ. މި ޤައުމުތަކުގެ ތެރޭގައި އިމާރާތުވެސް ހިމެނެއެވެ.
އިސްރާއީލުގެ ރަސްމީ ތަރްޖަމާނު ބުނިގޮތުގައި ބެނެޓް ޝައިޚު ޒާއިދާއެކު ބަހުސްކުރެއްވީ ސަލާމަތީ އެއްބާރުލުމާ ބެހޭގޮތުންނާއި އީރާނުގެ ގޮންޖެހުންތަކާއި ޒައްރީ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން އީރާނުގެ ނިޔުކްލިއަރ ޙަރަކާތްތަކާ ބެހޭގޮތުން ޝާއިޢު ކުރި ރިޕޯޓާ ބެހޭގޮތުންނެވެ. އިސްރާއީލުން ތުހްމަތު ކުރާ ގޮތުގައި އީރާނުން ދަނީ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމު ކުރިއަށް ގެންދަމުންނެވެ.
ބެނެޓް ވިދާޅުވި ގޮތުގައި އޭނާ އަބޫ ޡަބްއިއަށް ކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ އިސްރާއީލު– އިމާރާތު ގުޅުންތައް މަތީ ފެންވަރަކަށް އުފުއްލެވުމެވެ.
ބެނެޓްގެ މި ދަތުރުފުޅަކީ 2020ގައި އިސްރާއީލާއެކު އިމާރާތުން ގުޅުންތައް ޠަބީޢީ ކުރި ފަހުން ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މިއީ ޝައިޚް މުޙައްމަދު ބިން ޒާއިދަށް އިމާރާތުގެ ރައީސްކަން ލިބިވަޑައިގެން ފަހުން ބެނެޓް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދިޔަ މާރިޗު މަހު ބެނެޓް ވަނީ މިޞްރުގައި ޝައިޚް މުޙައްމަދު ބިން ޒާއިދާ ބައްދަލުކުރައްވައިފައެވެ.
ބެނެޓްގެ އޮފީހުން ސިފަކުރި ގޮތުގައި އޭނާގެ މި ދަތުރުފުޅަކީ "ކުއްލި" ޒިޔާރަތެކެވެ. މި ދަތުރުފުޅުގައި ސަރަޙައްދީ އެންމެހައި މަސްއަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ބެނެޓް ވިދާޅުވިއެވެ.
ރާޑަރު ނިޒާމު
އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި އީރާނުގެ ބިރާ ކުރިމަތިލުމަށް ޓަކައި އިސްރާއީލުން މިހާރު ދަނީ އަރަބި ބައެއް ޤައުމުތަކުގައި އީރާނަށް ފާރަލާނެ ރާޑަރު ނިޒާމުތަކެއް ބަހައްޓަމުންނެވެ. މި ޤައުމުތަކުގެ ތެރޭގައި ބަޙްރައިނާއި އިމާރާތު ވެއެވެ. މި ޗެނެލް ބުނިގޮތުގައި މީގެ ދެތިން މަސްކުރީން މި ނިޒާމުން ލިބުނު އިންޒާރަކާ ވިދިގެން އީރާނުގެ ޑްރޯނެއް ޢިރާޤުގެ ވައިގެ ސަރަޙައްދު ތެރެއިން ވައްޓައިލެވުނެވެ. މި ޑްރޯން ޠަހަރާނުން ފޮނުވައިފައި ވަނީ އިސްރާއީލަށް ޙަމަލާއެއް ދިނުމަށެވެ.
މި ޗެނެލް އިތުރަށް ބުނިގޮތުގައި އެމެރިކާއިން މިހާރު މަސައްކަތް ކުރަމުންދަނީ ގަލްފްގެ ޤައުމުތަކާއި އިސްރާއީލު ހިމެނޭގޮތަށް ސަލާމަތީ އެއްބާރުލުމެއް ޤާއިމުކުރުމަށެވެ. މި އެއްބާރުލުމުގައި އިސްރާއީލާއެކު ގުޅުން ޤާއިމުކޮށްފައިނުވާ ގަލްފްގެ ޤައުމުތައް ހިމެނޭނެކަމަށް މި ޗެނެލް ބުންޏެވެ. އެމެރިކާގެ ކޮންގްރެސްގައި މި ފަދަ އެއްބާރުލުމެއް ޤާއިމުކުރުމާ ބެހޭގޮތުން ބަހުސްކުރެވެމުން ދާކަމަށް ވޯލް ސްޓްރީޓް ޖަރނަލް ބުނެއެވެ.



advertisment