ކަނޑުން ގޭސް ފެނޭތޯ ބެލުމާއި ގޭސް ނެގުމުގެ މަސައްކަތުގެ އައު ބުރެއް އިސްރާއީލުން ފަށަން ގަސްތުކުރާކަން އިސްރާއީލުގެ ހަކަތަޔާ ބެހޭ ވަޒީރާ ކެރީނުލް ޙައްރާރު އިޢުލާނު ކުރައްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ އުންމީދަކީ ކައިރި މުސްތަޤްބަލެއްގައި ޔޫރަޕަށް ގޭސް ފޮނުވާދިނުމެވެ.
އިސްރާއީލުގެ މަސްއޫލުވެރިޔާ ހާމަކުރެއްވި ގޮތުގައި ޔޫރަޕަށް ގޭސް ތަނަވަސްކޮށްދިނުމަށް ޓަކައި އިސްރާއީލާއި މިޞްރާއި ޔޫރަޕުގެ މަސައްކަތު ޓީމެއް އެކުލަވައިލެވޭނެއެވެ. ރަޝިޔާގެ ގޭހާ ދެކޮޅަށް ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕަށް ގޭސް ތަނަވަސްކޮށްދޭނެ އެހެން ބަދީލަކަށް ބޭނުންވާ ކަމަށް ޙައްރާރު ވިދާޅުވިއެވެ.
އެހެނަސް ރަޝިޔާ ބުނާގޮތުގައި އެ ޤައުމުން ދަނީ ޔުކްރޭން މަގުން ގޭސް ހޮޅީގެ ތެރެއިން ޔޫރަޕަށް ގޭސް ތަނަވަސްކޮށް ދެމުންނެވެ. އެމެރިކާއާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ ތެލާއި ގޭހެއް ނުހިމެނެއެވެ. ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން ވިދާޅުވާގޮތުގައި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް ލިބުނީ އިތުރު ފައިދާއެވެ. އެކަމުގެ ސަބަބުން ތެލާއި ގޭހުގެ އާމުދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް
ރޮއިޓަރޒުން ބުނާގޮތުގައި މިއަންނަ ހޯމަދުވަހު ޔޫރަޕްގެ އިއްތިޙާދުގެ ޒަޢީމުން ބާއްވަވާ ސަމިޓްގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމަވާނެއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ހޮޅި މެދުވެރިކޮށް ރަޝިޔާއިން ބޭރު ކުރާ ގޭހާއި ތެޔޮ އިސްތިސްނާވާނެއެވެ. ސަމިޓަށް ހުށައެޅިފައިވާ އެއްބަސްވުން ބުނާގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހަވަނަ ޕާރުސަލުގައި ސާފުނުކުރާ ތެލާއި ޕެޓްރޯކީމާވީ އުފެއްދުންތައް ހިމެނޭނެއެވެ. އެހެނަސް ހޮޅި މެދުވެރިކޮށް ރަޝިޔާއިން ބޭރުކުރާ ތެލާއި ގޭސް އިސްތިސްނާ ވާނެއެވެ. ރޮއެޓަރޒް ބުނާގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ 27 މެންބަރުން އަދި ވެސް ވަނީ ހުރިހާ ކަމަކަށް އެއްބަސް ނުވެވިއެވެ. މި ކަމުގައި އެންމެ ބޮޑަށް ދެކޮޅު ހަދަނީ ހަންގެރީއެވެ.
ޗައިނާއިން ރަޝިޔާގެ ތެޔޮ ސަލާމަތް ކުރާނެތަ؟
އަނެއްކޮޅުން ބަލާއިރު ޗައިނާގެ ތެލާބެހޭ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނިން ރަޝިޔާއިން ތެޔޮ ގަނެ އެތެރެ ކުރުމަށް ޓަކައި 10 ތެޔޮ ޓޭންކަރު ކުއްޔަށް ހިފައިފި ކަމަށް ޚަބަރު ލިބެއެވެ. ބްލޫމްބަރގް ނޫސް އޭޖެންސީ ބުނާގޮތުގައި ޗައިނާގެ Unipec ކުންފުނިން މިހާރުވަނީ ރަޝިޔާއިން ކަނޑުމަގުން ދުވާލަކު 1.1 މިލިޔަން ފީފާގެ ތެޔޮ އެތެރެ ކުރުމަށް ނިންމައިފައެވެ. ބްރަންޓް ތެޔޮ ފީފާއެއްގެ އަގު 107 ޑޮލަރަށް ވިއްކާއިރު އަދި ހުޅަނގު ޓެކްސާސް ތެޔޮ ފީފާއެއް 114 ޑޮލަރަށް ވިއްކާއިރު ރަޝިޔާއިން ޔުރާލް ތެޔޮ ފީފާއެއް ވިއްކަނީ 87 ޑޮލަރަށެވެ.



advertisment