ކާބޯތަކެތި ހިފައިގެން ދަތުރު ކުރާ ޔުކްރޭންގެ އާގުބޯޓުފަހަރަށް ޔުކްރޭނުގެ ބަނދަރުތަކުން ބޭރަށް ނުކުތުމަށް ޓަކައި އަމާން މަގެއް ހުޅުވައިދިނުމަށް ރަޝިޔާ ތައްޔާރަށް އޮތް ކަމަށް ރޫސީން ބުނެފިއެވެ. ނަމަވެސް ޚާރިޖީ ވަޒީރުގެ ނައިބު އެންޑްރޭ ރޮޑިންކޯ ވިދާޅުވި ގޮތުގައި އެގޮތަށް ކަންތައް ކުރެވޭނީ ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ހުރިހައި ފިޔަވަޅުތަކެއް އުވާލައިފިނަމައެވެ.
އިންޓަފެކްސްއަށް ރޮޑިންކޯ ދެއްވި ބަޔާނެއް ބުނާގޮތުގައި ކާބޯތަކެތީގެ މަސްއަލަ ޙައްލު ކުރެވޭނީ އެހެން ހުރިހާ މަސްއަލަތަކާ އެކުގައި ކަމަށް މޮސްކޯއިން ވާނީ ބުނެފައެވެ. އޭގެތެރޭގައި ރޫސީވިލާތާ ދެކޮޅަށް އަޅައިފައިވާ މާލީ ފިޔަވަޅުތަކާއި ރޫސީ ވިލާތުން ބޭރުކުރާ މުދާތަކާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ.
ކަޅުކަނޑުގެ އައްސޭރީފަށުގައި އޮންނަ ޔުކްރޭނުގެ ހުރިހާ ބަނދަރުތަކެއް ޔުކްރޭން ހަނގުރާމަ ފެށުމާއެކު ވަނީ ބަންދުކޮށްފައެވެ. ޔުކްރޭންގެ ގުދަންތަކުގައި ވިއްސަކަށް މިލިއަން ޓަނުގެ ގޮވާން ބޭރުނުކުރެވިފައި އެބަހުށްޓެވެ.
ރޮޑިންކޯ އިތުރަށް ވިދާޅުވިއެވެ. "މި ކަން ކުރެވޭނީ ޔުކްރޭން ސިފައިން އެ ބަނދަރުތައް ވަށައިގެން އަޅައިފައިވާ މައިންތައް ނަގައި ސާފުކުރުމުންނެވެ. އޭރުން ރަޝިޔާއިން މި ބޯޓުތަކަށް ކަޅުކަނޑަށް ނުކުމެ ދަތުރުކުރެވޭނެ އަމާން މަގެއް ހަދައިދޭނެއެވެ."
ދުނިޔެއަށް ބޭނުންވާ ގޮދަނުގެ ތިންބައިކުޅަ އެއްބަޔަކީ ރަޝިޔާއިންނާއި ޔުކްރޭނުގައި ހައްދާ އެއްޗެހިތަކެކެވެ. މީގެ އިތުރަށް ޔުކްރޭނަކީ ދުނިޔޭގައި ޒުވާރިއާއި ސަންފްލާވަރ ތެޔޮ އުފައްދާ އެންމެ ބޮޑެތި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.
ރޮޑިންކޯ ވިދާޅުވި ގޮތުގައި ގޮވާން ހިފައިގެން ދަތުރުކުރާ ޔުކްރޭންގެ އާގުބޯޓުތައް ޙިމާޔަތް ކުރުމަށް ހުޅަނގުގެ ޢަސްކަރިއްޔާއިން މަސައްކަތްކުރުމަށް ރަޝިޔާ އިން ޤަބޫލެއް ނުވާނެއެވެ. މި ކަމުގެ ސަބަބުން ކަޅުކަނޑު އިތުރަށް ހަލަބޮލިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުޅަނގުން ވެސް އެއްބަސްވާ ގޮތުގައި ރަޝިޔާގެ އެއްބަސްވުމަކާ ނުލައި ޔުކްރޭންގެ އުޅަނދުފަހަރަށް ކަޅުކަނޑަކަށް ނުނުކުމެވޭނެއެވެ. ރަޝިޔާއިން ޙިޞާރުކޮށްފައިވާ ޔުކްރޭނުގެ ބަނދަރުތަކުގައި ބަންދުވެފައި ހުރި އާގުބޯޓުތައް ބޭރަށް ނެރުމަށް ޓަކައި އިނގިރޭސިވިލާތުން ޢަސްކަރީ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ލަންޑަނުން ބުންޏެވެ.
އަނެއްކޮޅުން ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ރަޝިޔާއިން ހިފާފައިވާ މާރިޔަޕޮލް ސަހަރުގެ ބަނދަރުގައި އަލުން ޚިދްމަތް ދޭން ވަނީ ފަށައިފައެވެ. ރަޝިޔާއިން މިހާރު ވަނީ މި ބަނދަރަށް ޔުކްރޭނުން އަޅައިފައި ހުރި މައިންތައް ނަގައި އެ ސަރަޙައްދު ސާފުކޮށްފައެވެ.
ޒިލެންސްކީގެ ޝަރްޠާ މޮސްކޯ ދެކޮޅު
ރަޝިޔާއާއެކު ޞުލްޙައިގެ ވާހަކަދެއްކުންތަކަށް ޔުކްރޭން އަނބުރާ ދާނީ ރަޝިޔާއިން 24 ފެބްރުވަރީގެ ސަރަޙައްދާ ހަމައަށް އަނބުރާ ދިޔުމުން ކަމަށް ރައީސް ޒިލެންސްކީ ވިދާޅުވުމުން އެއީ ބިނާކުރަނިވި ވާހަކައެއް ނޫން ކަމަށް ރަޝިޔާއިން މިއަދު ވަނީ ބުނެފައެވެ. ރޫސީ ޚާރިޖީ ވަޒީރުގެ ނައިބު ވިދާޅުވިގޮތުގައި ޔުކްރޭންގެ ރައްޔިތުން މި ގޮތް ޤާބޫލެއް ނުކުރާނެއެވެ.
މޮސްކޯއިން އިތުރު ފިޔަވަޅުތައް
މޮސްކޯއިން ބުނާގޮތުގައި ޔުކްރޭންގެ ޚަރްސަނާއި ޒަބަރޯޖިޔާގެ ރައްޔިތުންގެ ތެރެއިން ރޫސީ ރައްޔިތުންނަށް ވާން އެދޭ މީހުންނަށް އެ ރައްޔިތުކަން ދިނުމަށް ރައީސް ޕޫޓިން މިއަދު ޤަރާރެއް ނެރުއްވައިފިއެވެ. ޒަބަރޯޖިޔާ ސަރަޙައްދުގެ އިދާރީ ވެރިޔާ ވްލެޑިމީރު ރޮގޯވް ވިދާޅުވާ ގޮތުގައި ޔުކްރޭންގެ ޤައުމީ ނާޒީންގެ ކިބައިން ސަލާމަތްވުމަށް ޓަކައި އެ ސަރަޙައްދު ރަޝިޔާގެ އިއްތިޙާދުގެ ބަޔަކަށް ހެދޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރަޙައްދުގެ ރައްޔިތުން ބޭނުންވަނީ މި ގޮތަށް ކަންތައް ކުރުމަށެވެ.



advertisment