ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ދެކުނު ޕެސިފިކްގެ ޖަޒީރާ ޤައުމުތަކެއް ކަމުގައިވާ ސޮލޮމަނަށާއި ކިރުބާސަށާއި ސަމޯއާއަށާއި ފިޖީއަށާއި ޓޮންގާއަށާއި ވަނުއާޓޫއަށާއި ޕަޕުވާ ނިވްގިނީއަށާއި އިރުމަތީ ޓީމޯރަށް މި މަހު 26ން 4 ޖޫނަށް ދަތުރުފުޅުތަކެއް ކުރައްވާން ހަމަޖެހިއްޖެއެވެ. ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވާ ގޮތުގައި ޚާރިޖީ ވަޒީރު މި ޤައުމުތަކަށް ދަތުރުފުޅު ކުރައްވަނީ އެ ޤައުމުތަކުން އެރުވި ދަޢުވަތަކަށް އިޖާބަ ދެއްވުމަށް ޓަކައެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި ޚާރިޖީ ވަޒީރު ވާންގް މި ދަތުރުފުޅުގައި މައިކްރޯނީޒިޔާގެ ބޮޑުވަޒީރާއި ކުކް ޖަޒީރާތަކުގެ ބޮޑުވަޒީރާ ވީޑިއޯ މެދުވެރިކޮށް ބައްދަލު ކުރައްވާނެއެވެ. ވީޑިއޯ ކޮންފަރެންސްކޮށް ބާއްވަވާ މި ބައްދަލުކުރެއްވުން އޮންނާނީ ފިޖީގައި ޕެސިފިކް ޖަޒީރާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ޚާއްޞަ ބައްދަލުވުމެއްގައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑްން ދެކުނު ކޮރެއާއަށާއި ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދާއި ތައިވާން ކަނޑުއޮޅީގައި އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ޢަސްކަރީ ބާރު ވަރުގަދަކުރުމާ ބެހޭގޮތުން ވަނީ ބަޙުސް ކުރައްވައިފިއެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ ގުޅިގެން ވަނީ ޢަސްކަރީ އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާއާއި އިނގިރޭސިވިލާތުން އޮސްޓްރޭލިޔާއަށް ނިޔުކްލިއަރ ހަކަތައިން މަސައްކަތްކުރާ އަޑިންދާބޯޓު ތަނަވަސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނާ ދެކޭގޮތުގައި މިއީ ތައިވާނު ކަނޑުއޮޅިއާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ޙިޞާރު ކުރުމަށް އަމާޒުކޮށް ޤާއިމުކުރި "ދެކޮޅުވެރިކަމުގެ" އެއްބަސްވުމެކެވެ.
ތައިވާނުގެ މަސްއާ ކުޅެން ޗައިނާ ދޫނުކުރާނެކަމުގެ އިންޒާރު
ތައިވާން ދިފާޢު ކުރުމަށް އެމެރިކާ ކަށަވެތިވެފައިވާ ކަމަށް ރައީސް ބައިޑްން ވިދާޅުވުމުން ޗައިނާ ވަނީ މިކަމާމެދު ނުރުހުން ފާޅުކޮށް އެމެރިކާއަށް ބަހުގެ ހޫނު ޙަމަލާތަކެއް ދީފައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނު ވާންގް ވެންބިން ނޫސްވެރީންނާ ބައްދަލުކުރައްވައި ވިދާޅުވިއެވެ. "ތައިވާން ޢަސްކަރީގޮތުން ޙިމާޔަތް ކޮށްދޭނެކަމަށް ބުނާ އެއްވެސް ފަރާތަކުން ޗައިނާއިން ތައިވާނު މަސްއަލައިގައި ގެންގުޅެމުންދާ ސިޔާސަތުގެ މަތީން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ޗައިނާގެ ސިޔާދަތާއި ސަރަޙައްދީ އެއްބައެއްވަންތަކަން ޙިމާޔަތްކުރުމަށް ޗައިނާ އޮތީ ވަރުގަދަ ޢަޒްމަކާއި ހިތްވަރަކާއެކު ކަމަރު ބަނދެގެން ކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ."
ރައީސް ބައިޑްން ތައިވާނާ ބެހޭގޮތުން "ވިދާޅުވި ބަސްފުޅުތަކާމެދު" ޗައިނާ ނުރުހުން ފާޅުކުރާކަމަށް ރަސްމީ ތަރްޖަމާނު ވިދާޅުވިއެވެ. އޭނާގެ ބަޔާން ޗައިނާއިން ބަލައިނުގަންނާނެ ކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ބައިޑްން މި ދިޔަ ހޯމަދުވަހު ޓޮކިޔޯގައި ވާހަކަފުޅު ދައްކަވަމުން "ތައިވާނު ޙިމާޔަތްކޮށް ދިފާޢު ކުރުމަށް ޓަކައި އެމެރިކާއިން ވަންނާނެ ކަމަށް" ވިދާޅުވިއެވެ. މިއީ އެއް ޗައިނާގެ ސިޔާސަތަށް އެމެރިކާ ކަށަވެތިވާނެ ކަމަށް ބުނާބުނުމާ ޚިލާފު އަދި އެ ކަމާ އަރާރުންވާ ކަމެއްކަމަށް ޗައިނާގެ ތަރްޖަމާނު ވިދާޅުވިއެވެ. މިއީ ޗައިނާގެ މަޞްލަޙަތަށް ޖަހާ ގޮންޖެހުމެއް ކަމަށް ވެސް ޗައިނާގެ ތަރްޖަމާނު ވިދާޅުވިއެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ރަސްމީ ތަރްޖަމާނު ވާންގް ވިދާޅުވިގޮތުގައި ތައިވާނުގެ މަސްއަލައަކީ ޗައިނާގެ ދާޚިލީ މަސްއަލައެކެވެ. މި މަސްއަލައިގައި ޗައިނާއިން އެއްވެސް ފަރާތަކަށް ކުޑަވެސް ދުލެއް ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ތައިވާނަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މުރާޤިބު (އޮބްޒަރވަރ) ކަމެއް ނުދިން
އަނެއްކޮޅުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 75ވަނަ އަހަރީ ޢާންމު ބައްދަލުވުމުގައި އެ ޖަމްޢިއްޔާގެ މުރާޤިބުކަން ތައިވާނަށް ދިނުމުގެ މަސްއަލަ އެޖެންޑާކޮށްދިނުމަށް ހައެއްކަ ޤައުމަކުން ހުށައެޅި ހުށައެޅުމަށް އެ ޖަމްޢިއްޔާގެ ޢާންމު މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުން ނޫނެކޭ ބުނެ އެ ހުށައެޅުން ބޭރުކޮށްލައިފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސިޔާސަތުތައް ކަނޑައަޅައި ފަރާތަކީ މި ޖަމްޢިއްޔާގެ ޢާންމު މަޖިލީހެވެ.



advertisment