Support Us

އެމެރިކާގެ ސިޔާސަތުގެ ސަބަބުން އޭޝިޔާގައި ޗައިނާއަށް ހަނގުރާމައެއް ފަށަން ޖެހިދާނެ!

އެމެރިކާއިން ޔޫރަޕްގައި ނޭޓޯ ފުޅައުކުރަން އުޅުމުގެ ސަބަބުން ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިގޮތަށް އެމެރިކާއިން ޗައިނާއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުގެ ސަބަބުން އޭޝިޔާގައި ހަނގުރާމައެއް ފެށިދާނެ ކަމަށް މުޙައްލިލުން ވިދާޅުވާން ފަށައިފިއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މި ހަނގުރާމަ ޔުކްރޭން ހަނގުރާމައަށްވުރެ މާ ބިރުވެރިވާނެއެވެ. އަދި އެމެރިކާއަށް ލިބޭ ގެއްލުން މާބޮޑުވާނެއެވެ.

އެމެރިކާގެ ރައީސް ބައިޑްން ޗައިނާއާ ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތާއި ރަޝިޔާ ރުޅިއެރުވި ނޭޓޯ ފުޅައުކުރުމުގެ ސިޔާސަތާ ދެމެދުގައި އެއްގޮތް ބަހާތަކެއް އެބަހުރި ކަމަށް އެމެރިކާގެ Responsible Statecraft ނެޓްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނެއެވެ.

ހުޅަނގުގެ ބައެއް ޤައުމުތައް ރަޝިޔާއާއެކު އެއްބަސްވުމަކަށް އައުމަށް ބޭނުންވި

ނޭޓޯގެ ކުރިމަގާ ބެހޭގޮތުން 90ގެ އަހަރުތަކުގެ ތެރޭގައި ހުޅަނގުގެ ސިޔާސީންގެ މެދުގައި ބަހުސްތަކެއް ހިނގިއެވެ. އެއީ ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމުން ރަޝިޔާއާ ކުރިމަތިވި ގަނޑުބަޑުތަކާއި ރަޝިޔާގެ ޢަސްކަރީ ބާރުތަކާ ކުރިމަތިލާން ޖެހުނު ހަލަބޮލިކަމުގެ ތެރޭގައި ހިނގި ބަހުސްތަކެކެވެ. ރަޝިޔާގެ ސަރަޙައްދީ ރޮނގާ ކައިރީގައިވާ ޤައުމުތަކުން ކުރިމަގުގައި މޮސްކޯއިން އަތުވެދާނެ ބިރަކުން އެ ޤައުމުތައް ޙިމާޔަތްކޮށް ދިނުމަށް ހުޅަނގުގެ ކިބައިން އެދުނެވެ. އެހެނަސް ބައެއް ބޭފުޅުން ވިދާޅުވިގޮތގައި ރަޝިޔާ ކުރިމަގުގައި ވާނީ ޔޫރަޕާ އެއްބާރުލައި ހަތިޔާރުގެ މާ ބޮޑު ބާރެއް ނެތް ޤައުމަކަށެވެ. އެބޭފުޅުން ދެކެވަޑައިގެންނެވި ގޮތުގައި ކުރިމަގުގައި ނޭޓޯއަކަށް ބޭނުމެއް ނުވާނެއެވެ.

ރަޝިޔާއިން ނޭޓޯ ފުޅައުކުރަމުންދާތީ އިންޒާރުދިން.. ޗައިނާއިން ތަކްރާރު ކުރަމުން އެ ދަނީ ހަމަ މި ސީނާރިޔޯ  

ނުވަދިހައިގެ ތެރޭގައި ކުރިމަގުގައި ރަޝިޔާއިން އެ ޤައުމުގެ ހަތިޔާރުތައް ތަރައްޤީކޮށް އެމެރިކާއާ އަލުން ވާދަކުރެވޭވަރުގެ ބާރަކަށް ހަދާނެ ކަމަކަށް ހުޅަނގުގެ ވިސްނުމަކަށް ނައެވެ.

ނޭޓޯ ފުޅައު ނުކުރުމަށް ރޫސީ މަސްއޫލުވެރީން ސާފު ބަހުން އެތައް ފަހަރަކު އެމެރިކާއަށް އެންގެވިއެވެ. އެބޭފުޅުން ވިދާޅުވި ގޮތުގައި ނޭޓޯ ފުޅައުކުރުމަކީ ރަޝިޔާގެ ސަލާމަތަށް އޮތް ބޮޑު ހިރާސެކެވެ. މި ކަން ރަޝިޔާގެ ޢާންމު ރައްޔިތުން ވެސް ޤަބޫލު ކުރެއެވެ.

ހަމަ އެފަދައިން އެމެރިކާގެ ޢަސްކަރީ ބާރުތައް އޭޝިޔާގައި ފުޅައުނުކުރުމަށް ޗައިނާގެ މަސްއޫލުވެރީން ވެސް ދަނީ ވިދާޅުވަމުންނެވެ. ޗައިނާގެ ޒަޢީމުން ވިދާޅުވާ ގޮތުގައި އޭޝިޔާއަށް އެމެރިކާ ވަންނަމުންދާ ވަނުމަކީ ޗައިނާގެ ސަލާމަތަށާއި ވުޖޫދަށް އޮތް ބޮޑު ބިރެކެވެ.

ބައިޑްންގެ ސިޔާސަތަކީ ޗައިނާގެ އިޤްތިޞާދުގެ ކަރުގައި ހިފުމާއި ޗައިނާގެ ވިޔަފާރީގެ މަގުތަކަށް ހުރަސްއެޅުން

އިޤްތިޞާދަށާއި ޖޯގްރަފީއަށް ބަލާއިރު ދެކުނު ޗައިނާ ކަނޑަކީ ބޭޖިންގްގެ އިޤްތިޞާދީ ޙަޔާތުގެ ޙައިވިއްޔަތާއި ދިރުން ދެމެހެއްޓުމަށް ޓަކައި ޟަރޫރަތެކެވެ. ޗައިނާއާ އެއްބާރުލުމެއްނެތި މި ސަރަޙައްދުގައި ޢަސްކަރީ ބާރެއް ވުޖޫދުވުމަކީ ޗައިނާގެ އިޤްތިޞާދުގެ ކަރުގައި ހިފައި އެ އިޤްތިޞާދަށް ނޭވާ ނުލެވޭ ގޮތް ހެދުމެވެ.

ވޮޝިންގްޓަނާއި ލަންޑަނާ ދެމެދުގައި ޤާއިމުކޮށްފައިވާ ޢަސްކަރީ އެއްބަސްވުމެއް ކަމުގައިވާ AUKUS ގެ ދަށުން އޮސްޓްރޭލިޔާއަށް ނިޔުކްލިޔަރ ހަކަތައިގެ އަޑިންދާބޯޓުތައް ތަނަވަސްކޮށް ދިނުމަކީ ޗައިނާ ޙިޞާރުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ޗައިނާ ދެކެއެވެ. މިއީ ޔުކްރޭން ފަދަ މަސްއަލައެކެވެ.

ރަޝިޔާއިން މި ސައްތައިގެ ކުރީކޮޅުގައި އެ ޤައުމުގެ ސަލާމަތާއި އަމުނަށް ބޭނުންވާ ގޮތަށް ހަތިޔާރުތައް ދިޔައީ ތަރައްޤީ ކުރަމުންނެވެ. ފަންސަވީހަކަށް އަހަރުގެ ތެރޭގައި ޔުކްރޭންގެ މަސްއަލަ މަޑުމަޑުން ތިލަވަމުން ދިޔަގޮތް ޗައިނާއަށް ވަނީ ފެނިފައެވެ.

ހަންގެރީއާއި ޕޯލެންޑާއި ޗެކް ޖުމްހޫރިއްޔާ 1999 ވަނަ އަހަރު ނޭޓޯއަށް ވަނެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު މި ތިން ޤައުމަކީ ވޯރސޯގެ މެންބަރުންނެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނޭޓޯއިން އެޅި އެންމެ މުހިއްމު އެއް ފިޔަވަޅަކީ މިއެވެ. މިއީ ނޭޓޯއަށް ބަލާއިރު ވަރަށް އިސްތިރާތީޖީ ފިޔަވަޅެކެވެ. މި ފިޔަވަޅުގެ ސަބަބުން ނޭޓޯގެ ކުރިމަގާ މެދު އުފެދިފައިވާ ދެބަސްވުންތައް ނިމުމަކަށް އައެވެ. ކުރިމަގުގައި ރަޝިޔާއިން އަތުވެދާނެ ބިރަކާމެދު ހިތްތެޅެމުން ދިޔަ ޤައުމުތަކަކަށް އަމާންކަން ލިބުނެވެ.

މި ފިޔަވަޅުން ހިތްވަރު ލިބިގެން ނޭޓޯ އިތުރަށް ފުޅައު ކުރުމަށް ހުޅަނގުގެ މަސްއޫލުވެރީން ގޮވައިލެއްވިއެވެ. އެއާއެކު 2004ގައި އިރުމަތީ ޔޫރަޕްގެ އިތުރު ހަތް ޤައުމެއް ނޭޓޯއަށް ވަނެވެ. މީ ގެތެރެއިން ތިން ޤައުމަކީ ސޮވިއެޓް ޔުނިއަންގެ ޒަމާނުގައި އެ އިއްތިޙާދުގެ ބައެކެވެ. މި ތިން ޤައުމަކީ އެސްޓޯނިޔާއާއި ލެޓްވިޔާއާއި ލިޓްވާނިޔާއެވެ. މި ތިން ޤައުމު ނޭޓޯގައި ބައިވެރިވުމުން ނޭޓޯއަށް ރަޝިޔާގެ ސަރަޙައްދީ ރޮނގާ ހަމައަށް އާދެވުނީއެވެ. މިކަމާ ވިދިގެން ރަޝިޔާއިން އެ ޤައުމުގެ ޢަސްކަރީ ބަޖެޓް ބޮޑުކޮށް ހަތިޔާރު ތަރައްޤީކޮށް ޒަމާނީ ކުރާން ފެށިއެވެ. ނޭޓޯގައި ބައިވެރިނުވާ ރަޝިޔާގެ އަވަށްޓެރި ޤައުމުތައް މިކަމާ ހެދި ކަންބޮޑުވުން ފާޅުކުރާން ފެށިއެވެ. ޔުކްރޭނަކީ މި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޤައުމެވެ.

ޔުކްރޭނާއި ޖޯރޖިޔާ ނޭޓޯއަށް ވެއްދުމަށް ހުޅަނގުގެ މަސްއޫލުވެރީން 2008 ވަނަ އަހަރު ގޮވައިލެއްވިއެވެ. މި ކަމުގެ ސަބަބުން އެނބުރޭ އޮއިގަނޑު ވަރުގަދަވެގެން ދިޔައެވެ.

އިއްޔެއާ މިއަދު ތަފާތެއް ނެތް

ދެކުނު ޗައިނާ ކަނޑުގައި ވެސް ވަނީ މިފަދަ އޮއިގަނޑެއް އުފެދިފައެވެ. އެމެރިކާއިން އޭޝިޔާއާ ދިމާއަށް މިސްރާބު ޖަހައިފައިވާ މިސްރާބުޖެހުމަކީ 90ގެ އަހަރުތަކުގެ ނޭޓޯ ފުޅައުކުރުމަށް ކުރި މަސައްކަތްތަކާ ހަމަ އެއްފަދަ ކަމެކެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާގެ ޢަސްކަރީ އެއްބަސްވުމަކީ (AUKUS އެއްބަސްވުމަކީ) ޗައިނާއަށް އަމާޒުކޮށްފައިވާ އެއްބަސްވުމަކަށް ވާތީ އެއީ ޔުކްރޭން މަސްއަލަ ފަދަ އެއްބަސްވުމެކެވެ.

ޗައިނާގެ ޢަސްކަރީ ބާރަކީ މިއަދު އެންމެން ވެސް ޖެހިލުންވާ ބާރެކެވެ. ދެކުނު ޗައިނާ ކަނޑުތެރޭގައި ޗައިނާއާއި އެމެރިކާއާ ދެމެދުގައި ކުރިމަތިލުމެއް ހިނގައިފިނަމަ އެ ކަމުގެ އަސަރު ހުރިހާ ފެންވަރުތަކެއްގައި އަދި ހުރިހާ މައިދާންތަކެއްގައި ފެނިގެންދާނެއެވެ.

އޭޝިޔާ ހަނގުރާމައިގެ ޚަރާބު މާ ބޮޑުވާނެ

ދާރިސުން ވިދާޅުވާ ގޮތުގައި އެމެރިކާއާއި އެމެރިކާގެ އެކުވެރީންނާ ޗައިނާއާ ދެމެދުގައި ކުރިމަތިލުންތައް ފެށޭނީ ކަނޑުގައެވެ. އެއީ ތައިވާނު ކަނޑުއޮޅީގެ ތެރޭގައެވެ. ނުވަތަ ދެކުނު ޗައިނާ ކަނޑު ތެރޭގައެވެ. މި ހަނގުރާމައިގައި ދެ ފަރާތުން ވެސް މިސައިލްތަކާއި ޓޯޕިޑޯތައް ބޭނުން ކުރާނީ މަނަވަރުތަކަށާއި ވައިގެ ބޭސްތަކަށް ޙަމަލާދިނުމަށެވެ. މަތިންދާބޯޓުތައް އުފުލާ އެމެރިކާގެ އުޅަނދުތަކަށާއި އެމެރިކާގެ ވައިގެ ބޭސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާގެ ޙަމަލާތަކުގެ ފުރަތަމަ ރާޅުން ޗައިނާއަށް ގެއްލުންތަކެއް ލިބުނަސް އެމެރިކާއަށް ޙަމަލާދީ ބޮޑެތި ގެއްލުންތައް ދެވޭ ވަރަށް ޗައިނާ އަތުގައި ހަތިޔާރު ހުންނާނެއެވެ.

ޕެސިފިކް ކަނޑުގެ ވިޔަފާރީގެ މަގުތައް ކޯޅުމުގެ ސަރަޙައްދަކަށް ބަދަލުވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއާއި ޗައިނާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. ފަހަރެއްގައި ހަނގުރާމަ އެމެރިކާގެ ބިމުގެ ތެރެއަށް ވެސް ފެތުރިގެން ހިނގައިދާނެއެވެ.

މި ހަނގުރާމައިގެ ސަބަބުން ހުރިހާ ބާވަތެއްގެ މުދާ އެމެރިކާގެ ބާޒާރުން ހުސްވެގެންދާނެއެވެ. ޗައިނާއިން އެމެރިކާ އަހަރަކު އެތެރެކުރާ 440 ބިލިއަން ޑޮލަރު ގެއްލިގެންދާނެއެވެ. އަދި ޗައިނާގެ ވުނަކުރުންތަކުގެ ތެރޭގައި ހިމެނޭ ނުވަ ބިލިއަން ޑޮލަރު އެމެރިކާއަށް ގެއްލިގެންދާނެއެވެ.

އެމެރިކާގެ ކުންފުނިތަކަށް ޗައިނާގެ ބާޒާރު ގެއްލި 122 ބިލިއަން ޑޮލަރުގެ މުދާތައް ގުދަންތަކުގައި ތޮއްޖެހެމުންދާނެއެވެ. މި މުދާތައް ގަންނާނެ  އެހެން ބާޒާރެއް އެމެރިކާއަކަށް ނުލިބޭނެއެވެ. ނަތީޖާއަކަށް ވާނީ އެމެރިކާގެ އަހަރީ އުފެއްދުންތެރިކަން 10% އަށް ދަށަށް ދިޔުމެވެ.

ދާރިސުން ވިދާޅުވާ ގޮތުގައި މި ފަދަ ހަނގުރާމައެއް ހިނގިޔަ ނުދިނުމަށް ޓަކައި ދެ ޤައުމުން ވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެންނޫނީ އޭޝިޔާގައި ޔުކްރޭނެއް އުފެދިދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *