Support Us

މި ދޫނި އެހާ ނުރައްކަލީ ކީއްވެ؟

އާދަޔާޚިލާފު ރީތިކަމެއް ލިބިފައިވާ ކެސޮވަރީއަކީ ޕަޕުއާނިއުގިނީ އާއި އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ދިރިއުޅޭ ދޫންޏެކެވެ. ކޮޅަށް ހުރުމުން ދިގުމިނުގައި 6 ފޫޓާ ހަމައަށް އަރާ މި ދޫންޏަށް ގަޑިއަކު 50 ކިލޯމީޓަރުގެ ބާރުމިނުގައި ދުވެވެއެވެ. އަދި 60 ކިލޯގެ ބަރުދަނަށް ބޮޑުވެއެވެ.

ކެސޮވަރީގެ ގަދަ ނޫކުލައިގެ މޫނާއި ކަރުގެ ވަށައިގެންވާ ރަތްކުލައިގެ ފަށަލައިގެ އިތުރުން މި ދޫނީގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ބޮލުގައިވާ ހުޅިގަނޑެވެ. ހެލްމެޓެއް ފަދައިން މި ހުޅިގަނޑުން އޭގެ ބޮލުގެ ނާށިގަނޑު ސަލާމަތްކޮށްދެއެވެ. އާންމު ގޮތެއްގައި މަޑުމައިތިރި ދޫންޏެއް ނަމަވެސް ކެސޮވަރީއަކީ، ނުރައްކަލެއް ކުރިމަތިވާކަމުގެ އިޙްސާސް ކުރެވިއްޖެނަމަ ރުޅިގަދަވެ، އަވަހަށް މިޒާޖު ބަދަލުވާ ދޫންޏެއްގެ ގޮތުގައި ސިފަކުރެވޭ ދޫންޏެކެވެ.

ގިނީސް ބުކްސް އޮފް ވަރލްޑް ރެކޯޑްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކެސޮވަރީއަށް ދުނިޔޭގެ އެންމެ ނުރައްކާތެރި ދޫނީގެ ލަގަބު ލިބިފައިވާ ސަބަބުތަކެއްވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސަބަބަކީ މި ދޫނީގެ ހަމަލާތަކުގައި މިހާތަނަށް ދެ މީހުން މަރުވެފައިވާ ކަމެވެ. އޭގެ ތެރެއިން އެއް ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެ ހާދިސާގައި ގޭގައި އޮޅުކޮށްގެން ގެންގުޅުނު ކޮސޮވަރީއެއް ދިން ކުއްލި ހަމަލާއެއްގައި ލިބުނު އަނިޔާތަކުގެ ސަބަބުން ފްލޮރިޑާގެ 75 އަހަރުގެ މީހެއް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މަރުވެފައެވެ. ދެވަނަ ހާދިސާ ހިނގާފައި ވަނީ 1926 ވަނަ އަހަރު އޮސްޓްރޭލިއާގައެވެ. މި ހާދިސާގައި ކެސޮވަރީއެއް ކިބައިން ސަލާމަތްވުމަށް 16 އަހަރުގެ ފިލިޕް މެކްލީން ދުވެފައި ދަނިކޮށް ވެއްޓުމުން، އެ ދޫނި ވަނީ އޭގެ ވަކިތަކުން އޭނާގެ ކަރަށް ހަމަލާދީ މަރާލާފައެވެ. މި ދެ ހާދިސާގެ އިތުރުން ވެސް ކެސޮވަރީގެ ހަމަލާތަކުގައި މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައި ވީނަމަވެސް އެ ހާދިސާތަކުގެ ސައްޚަކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.

ކެސޮވަރީއަކީ އުދުހެވޭ ދޫންޏެއް ނޫން ކަމުން، މި ދޫންޏަށް ނުރައްކަލެއް ކުރިމަތިވުމުން ސަލާމަތްވުމަށްޓަކައި ބޭނުން ކުރަނީ އެއަށް ލިބިފައިވާ ހަންޖަރެކޭ އެއްފަދަ ތޫނު ވަކިތަކެވެ. އެއަށް ނުރައްކާ ކުރާ އެއްޗެއް، ބާރަ ސެންޓިމީޓަރަށް ދިގުވާ މި ވަކިތަކުން ދޭ އެންމެ ހަމަލާއަކުން މަރާލުމުގެ ބާރު ކެސޮވަރީއަށް ލިބިގެންވެއެވެ. މިއީ މި ދޫނި ދުނިޔޭގެ އެންމެ ނުރައްކާތެރި ދޫނީގެ ގޮތުގައި ދެކެވޭ އަނެއް ސަބަބެވެ. މީގެ އިތުރުންވެސް ނުރައްކަލެއް ކުރިމަތިވާކަން ކެސޮވަރީއަށް އިޙުސާސްކުރެވިއްޖެ ނަމަ ބާރަށް ފުންމައިގެން ގޮސް އޭތީގެ ވަރުގަދަ ފައިން ދޭ ހަމަލާއިން ކުރިމަތިލާ ފަރާތެއްގެ ކަށިތައްވެސް ބިންދާލައެވެ.

ހަމަލާދޭ އެއްޗެއް މަރާލުމުގެ ކުޅަދާނަކަން ލިބިފައި ވީނަމަވެސް، ކެސޮވަރީއަކީ ވެސް ގިނަ ޖަނަވާރުތަކެކޭ އެއްފަދައިން ސުލްޙައަށް ލޯބި ކުރާ ދޫންޏެކެވެ. އަދި އާންމު ގޮތެއްގައި ހަމަލާ ދެނީ އެ ސޮރުމެންނަށް ނުވަތަ ދަރިންނަށް ނުރައްކަލެއް ކުރިމަތިވާކަން އިޙުސާސްކުރެވުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *