މިޞްރަށް އައި ބޮޑުތަދަށް ޓަކައި ޔޫސުފު ޢަލައިހިއްސަލާމު ގޮދަން ރައްކައުކުރެއްވި ގޮތަށް ގޮދަން ރައްކައުކުރުމަށް މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއް ސީސީ މިޞްރުގެ ކަމާބެހޭ އިދާރާތަކަށް މިއަދު ގޮވައިލައްވައިފިއެވެ.
ރައީސް ސީސީ މި ކަމަށް ގޮވައިލެއްވީ ދަނޑުވެރިކަމާބެހޭ އުފެއްދުންތަކުގެ ކުރިމަގު މަޝްރޫޢު އިފްތިތާޙުކޮށް ދެއްވަމުންނެވެ. ރަޝިޔާއާއި ޔުކްރޭނުން ގޮދަން ގަންނަން ނުލިބޭތީ މިޞްރުގައި ވަނީ ގޮދަނުގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.
ސީސީ މި ރަސްމިއްޔާތުގައި މުދާޚަލާ ކުރައްވާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ޔޫސުފު ނަބިއްޔާގެ ދުވަސްވަރަށް ދާންވީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނު ގޮދަންތައް ކުރާގަނޑުގައި ބެހެއްޓެވީ ކީއްވެގެން ހެއްޔެވެ؟ ކުރާގަނޑުން ވަކިކޮށްލެވޭ ގޮދަންފުއްތައް ތިން ހަތަރު އަހަރުގެ ތެރޭގައި ފީވެ ހަލާކުވެގެންދާނެތީއެވެ."
ރައީސް ސީސީ މި އިޝާރަތް ކުރެއްވީ ޔޫސުފުގެފާނުގެ ވާހަކައަށެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވާ ބަސްފުޅުގައި ޔޫސުފުގެފާނު މިޞްރުގެ ރަސްގެފާނަށް ވިދާޅުވިއެވެ. "ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީއެވެ."
މިސުރުގައި ހައްދާ ޒުވާރި ގުދަންތަކުގައި ރައްކައުކުރުމުގެ ކުރީން ހިއްކުމަށް މިޞްރުގެ ދަނޑުވެރީންނަށް ރައީސް ސީސީ ގޮވައިލެއްވިއެވެ.
މިއަހަރަކީ މިޞްރަށް ވަރަށް ގޮވާން ތަދު އަހަރެކެވެ. މީގެ އިތުރަށް ރަޝިޔާ– ޔުކްރޭން ހަނގުރާމައިގެ ސަބަބުން މިޞްރަށް ބޭނުންވާ ގޮދަން ފަދަ ގޮވާންތައް ވަނީ އެތެރެނުކުރެވިފައެވެ. މިޞްރަކީ އެވުރެޖު ގޮތެއްގައި އަހަރަކު 23 މިލިއަން ޓަނުގެ ގޮދަން ބޭނުންވާ ޤައުމެކެވެ. މީގެ ތެރެއިން މިޞްރުގައި ހައްދައިގެން ލިބެނީ ނުވަ މިލިއަން ޓަނުގެ ގޮދަނެވެ. ބާކީ ބައި ހޯދަނީ ރަޝިޔާއާއި ޔުކްރޭނުންނެވެ.
މިޞްރުގައި ކާބޯތަކެތީގެ އަގު މައްޗަށްދާތީ ޢާންމު ރައްޔިތުން ދަނީ ސީސީއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މިކަމާ ދެކޮޅަށް ފާޑު ވިދާޅުވަމުން ސީސީ ވިދާޅުވިއެވެ. "އަހުރެމެން ނަމޫނާއަކަށް ބަލަންވީ ކައު ރަސޫލާއެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުން ތިން އަހަރު ފަތް ފަރިއްކުޅުއްވައިގެން އުޅުއްވިއެވެ." ސީސީ ވިދާޅުވިއެވެ. "އެއްވެސް ޞަޙާބީއަކު ރަސޫލާއަށް އެކަމާ ދެކޮޅަށް ޝަކްވާއެއް ނުދަންނަވައެވެ. މަލާއިކަތުންނަށް ކާން ގެނެސްދެއްވުމަށް ދަންނަވާށޭ ވިދާޅެއް ނުވެއެވެ. ބިންގަނޑު އިރުއްވައިގެން ފެން ތަނަވަސްކޮށް ދެއްވުމަކަށް ނުދަންނަވައެވެ. މާތް ﷲ އިރާދަކުރައްވައިފިނަމަ ވާށޭ ވަޙީކުރެއްވުމުން އެކަމަށް ވާނެއެވެ. އެކަމަކު އަހުރެމެން އެހެނެއް ނޫނެވެ."
ރައީސް ސީސީގެ މި ވާހަކަތައް މިޞްރުގެ މީސްމީޑިޔާތަކުގައްޔާއި ނޫސްތަކުގައި ވަރަށް ބާރަށް ފުތުރެމުން (ވައިރަލްވަމުން) އެބަދެއެވެ.



advertisment