މަކުނުވިދުރި ޖެހިފައިވާ ދެވަނަ މީހަކު އިސްރާއިލުން މިއަދު ފެނިއްޖެއެވެ. މި މީހަކީ ހުޅަނގު ޔޫރަޕުން އައި އާގުބޯޓެއްގައި މަސައްކަތްކުރާ މީހެކެވެ. އިސްރާއިލުން އިއްޔެ ވަނީ އެ ތަނުގެ މީހަކަށް މަކުނުވިދުރި ޖެހިފައިވާކަން ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުން ބުނާގޮތުގައި މި ބަލިޖެހިގެން މިއަދު ފެނުނު މީހަކީ ހުޅަނގު ޔޫރަޕަށް ދަތުރެއްކޮށްފައި އައި މީހެކެވެ. އޭނާއަށް އިސްރާއީލުގެ ޢަސްޤަލާނުގައި އެހެން މީހުންނާ އެކަހެރިކޮށްގެން ފަރުވާ ދެވެމުންދާ ކަމަށް އިސްރާއީލުން ބުންޏެވެ.
އިސްރާއީލުން މި މީހާއާ ބެހޭގޮތުން މާބޮޑު ތަފްޞީލެއް ނުދެއެވެ. އެހެނަސް އަލްޖަޒީރާ ބުނާގޮތުގައި މިއީ ޢުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އުސްދޫދު ބަނދަރުގައި އޮތް ބޯޓެއްގައި މަސައްކަތް ކުރާ އިސްރާއީލު މީހެކެވެ.
އިސްރާއީލުން މި ފެތުރި ޚަބަރާ ގުޅިގެން ފަލަސްޠީނު ސަރުކާރުން ހާމަކުރި ގޮތުގައި ފަލަސްޠީނުގެ މީހަކަށް އަދި މި ބަލި ޖެހިފައެއް ނުވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނާގޮތުގައި މިއީ ވަރަށް ނާދިރު ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބައްޔަށް އެއްވެސް ބޭހެއް ފަރުވާއެއް އަދި ފެނިފައެއް ނުވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ބުނާގޮތުގައި ކަށިވިދުރީގެ ވެކްސިން ޖަހައިފައިވާ މީހުންނަށް މަކުނުވިދުރިން ކޮންމެވެސް މިންވަރަކަށް ރައްކައުތެރިކަން ލިބެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ބުނާގޮތުގައި މިއަދާ ހަމައަށް އައިއިރު 80 މީހަކަށް މަކުނުވިދުރި ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި 50 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވެއެވެ.
ޖަޒީރާ ބުނާގޮތުގައި މި ބަލި ޖެހިފައިވާ ގިނަ މީހުންނަކީ ފިރިހެނުންނެވެ. މީގެތެރެއިން ގިނަ ބަޔަކަށް މި ބަލި ޖެހިފައިވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ސަބަބުންނެވެ.
ސްޕޭންގެ މެޑްރީޑް ސްޓޭޓްގެ ޞިއްޙަތާ ބެހޭ އިދާރާގެ މުޝީރު އެންރީކޭ އެސްކޮޑީރޯ ވިދާޅުވާގޮތުގައި ގިނަބަޔަކަށް މި ބަލި ޖެހިފައިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މީހުން ބޭނުންކުރާ ސައުނާ ޙައްމާމުތަކަށް ގޮސްއުޅުމުގެ ސަބަބުންނެވެ.
އިނގިރޭސި ވިލާތުގެ ޞިއްޙީ ސަލާމަތާ ބެހޭ އޭޖެންސީ ބުނާގޮތުގައި އެ ޤައުމުގައި މަކުނުވިދުރި ޖެހިފައިވާ ގިނަ މީހުންނަކީ ލޫޠީން (ގޭ މީހުން) އެވެ.



advertisment