Support Us

ލަންކާއަށް ދިމާވެފައިވާ ފަދަ އިޤްތިސާދީ ނުރައްކަލަކާ ދިމާއަށް މިޞްރާބު ހުރީ ކޮން ޤައުމުތަކެއް؟

ވޭތުވެ ދިޔަ މަދު މަސްތަކެއްގެ ތެރޭގައި ލަންކާއަށް ވަނީ އިޤުތިޞާދީ ބޮޑު މުޞީބާތަކާ ކުރިމަތިވެފައެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދަލަށް ވަނީ ޖެހިފައެވެ. ހަކަތައިގެ ބާވަތްތަކާއި ބޭހާއި މި ފަދަ ތަކެތި ލިބުން ވަނީ ދަތިވެފައެވެ. ކަރަންޓްގެ ޚިދުމަތް ނުލިބިބުމާއި ކަރުދާސް ގަންނާނެ ފައިސާ ނެތިގެން އިސްކޫލުތަކުގެ މުހިންމު އިމްތިޙާނުތައް ވަނީ ނުބޭއްވިފައެވެ. އަދި ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރައި ޞިއްޙީ ޚިދުމަތަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އަދި ބޭރުގެ ފައިސާ ނެތުމުގެ ސަބަބުން ތަކެތި އެތެރެކުރުމަށް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ރައްޔިތުން ތަޙައްމަލުކުރާންޖެހުނު ދައްޗާއި އުނދަގޫތަކުގެ ސަބަބުން އާންމު ރައްޔިތުން ނުކުމެ ސަރުކާރަށް އަމާޒުކޮށް ބޭއްވި ސިލްސިލާ މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން ބޮޑުވަޒީރު ރާޖަޕަކްސައާއި އޭނާގެ ކެބިނެޓް ވަނީ މަޖުބޫރުވެގެން އިސްތިއުފާ ދީފައެވެ. އަދި އާ ބޮޑުވަޒީރަކު ވަނީ ޢައްޔަންކޮށްފައެވެ.

މިއަދު އިޤްތިޞާދީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓި ދައުލަތް ބަނގުރޫޓްވެފައިވާ ސްރީލަންކާއެކޭ އެއް ފަދައިން ބަންގްލާދޭޝް ވެސް ވަނީ އެކި މަޝްރޫޢުތަކަށް ބިޔަ ދަރަނިތަކެއް ބޭރު ގައުމުތަކުން ނަގައިފައެވެ. މި މަޝްރޫޢުތަކަށް ފާޑުކިޔާ މީހުން ދީފައިވާ ނަމަކީ "ހުދު އެތުގެ" މަޝްރޫޢުތަކެވެ. ލަންކާއަށް ދިމާވެފައިވާ އިޤުތިސާދީ މި މުޞީބާތުން އެހެން ގައުމުތައް ޢިބްރަތް ލިބިގަންނާން ޖެހުނު ނަމަވެހެވެ.

ބަންގްލާދޭޝްގެ ގިނަ ރައްޔިތުން މިހާރު ވަނީ ލަންކާއަށް ދިމާވި ފަދަ އިޤްތިޞާދީ މާލީ ނުރައްކަލަކާ އެ ގައުމު ވެސް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަން އިޙުސާސްކުރާން ފަށައިފައެވެ. ބޭރުގެ ދަރަނި އިތުރުވެ ވިޔަފާރީގައި އާމްދަނީއަށް ވުރެ ޚަރަދު އިތުރުވުމަކީ މި ފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް އެ މީހުން ބިރުގަންނަ ސަބަބުތަކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2021– 2022ގެ މާލީ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ބަންގްލާދޭޝްއިން ވަނީ 61.52 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައެވެ. އެއީ ވޭތުވެދިޔަ މާލީއަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު %49.9ގެ އިތުރުވުމެކެވެ. އެހެންކަމުން ލިބޭ އެއްޗަކަށް ވުރެ ޚަރަދު އިތުރުވުމަކީ ލަންކާއަށް ދިމާވެފައިވާ ފަދަ މުޞީބާތަކާ ކުރިމަތި ވެދާނެ ކަމެއް ކަމަށް ބަންގްލާދޭޝް ރައްޔިތުން ލަފާކުރެއެވެ.

ދިވެހިރާއްޖޭގެ ޙާލަތު ހުރީ ވަކި ސަހަލު ގޮތަކަށް ނޫނެވެ. އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓް ބޮޑުވެ ޚަރަދުތައް އިތުރުވަމުންދާއިރު، ސޫދު ބޮޑެތި ދަރަނިތައް ދަނީ އިތުރުވަމުންނެވެ. ތަކެތީގެ އަގުތައް އުފުލި ލާދަ ދަނީ އިތުރުވަމުންނެވެ. އަދި އެތައް ފަހަރަކު ފައިސާގެ ނޫޓް ޗާޕުކޮށް އިޤްތިޞާދުގެ ތެރެއަށް ވަނީ ވައްދައިފައެވެ. ދައުލަތަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ދަނީ މަދުވަމުންނެވެ. ނަމަވެސް މުދަލުގެ އަގުތައް ދަނީ ކޮންޓްރޯލެއް ނެތި މައްޗަށެވެ. މި ކަމާމެދު ވިސްނުންތެރި ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، ބަންގްލާދޭޝްއަށް ފަހު ދިވެހިރާއްޖެއަށް ވެސް މި ދުވަސް ފެނުމަކީ ދުރުގައި އޮންނާނޭ ކަމެއް ނޫނެވެ. ނަމަވެސް ދިވެހީންނަކީ މާ ދުރަށް ވިސްނައި ޚަރަދުކުޑަކުރާން އިސްކަންދޭ ބަޔަކަށް ނުވާތީ، މި ފަދަ މުޞީބާތެއް ކުރިމަތިވެދާނެ ކަމަކަށް ގިނަ މީހުން ނުވިސްނަނީއެވެ.

ކޮންމެއަކަސް ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން، ބަންގްލާދޭޝްއާއި ދިވެހިރާއްޖެ ވެސް ވަނީ ޢިބްރަތް ލިބިގަންނާންޖެހިފައެވެ. މި ޙާލަތުން ޢިބްރަތް ޙާޞިލުކޮށް ވިސްނުންތެރި ފިޔަވަޅުތަކެއް އަވަހަށް ނޭޅިއްޖެނަމަ، ބަންގްލާދޭޝްއަށް ވެސް އަދި ދިވެހިރާއްޖެއަށް ވެސް މި ފަދަ ހިތާމަވެރި ދުވަސްތަކަކާ ކުރިމަތިވުމަކީ ދުރުގައި އޮންނާނޭ ކަމެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މާތް ﷲ އެފަދަ ދެރަކަމެއް މާތް މި ދިވެހި ރާއްޖެއަށް މިންވަރު ނުކުރައްވާށިއެވެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *