އެމެރިކާގެ ރައީސް ޖޯ ބައިޑްން އޭޝިޔާގެ ބައެއް ޤައުމުތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުން އިރުމަތީ އޭޝިޔާއަށް ލިބޭނީ އިތުރު "ޚަރާބެ"އް ކަމަށް ޗައިނާ އިން ބުނެފިއެވެ. ޗައިނާ އިން އަދި ބުނި ގޮތުގައި މި ދަތުރުފުޅުގެ ސަބަބުން އެ ސަރަޙައްދަށް އިތުރު ހަމަނުޖެހުމާއި ގަޑުބަޑުތައް އަންނާނެއެވެ.
މިއީ އެމެރިކާގެ ރައީސްކަމާ ބައިޑްން ޙަވާލުވެވަޑައިގެން ފަހުން އޭޝިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާ ދެކޮޅަށް ޗައިނާއާއި އުތުރު ކޮރެޔާއިން ވަނީ ނުރުން ފާޅުކޮށް، ފާޑު ކިޔައިފައެވެ.
ބައިޑްންގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ދެކުނު ކޮރެޔާއެވެ. އޭޝިޔާއަށް ރައީސް ބައިޑްން މި ފެށްޓެވި ފަސް ދުވަހުގެ ދަތުރުފުޅުގައި ދެކުނު ކޮރެޔާގެ އިތުރަށް ޖަޕާނަށް ވެސް ވަޑައިގަންނަވާނެއެވެ.
ރައީސް ބައިޑްނަށް ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔިއޯލް ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ. އެއަށްފަހު ރައީސް ބައިޑްން އަވަސްވެ ވަޑައިގަތީ ދެކުނު ކޮރެޔާގެ މަޝްހޫރު ސެމްސުންގް ކުންފުނީގެ މައި މަރްކަޒަށް ޒިޔާރަތް ކުރެއްވުމަށެވެ. އެއީ މި ކުންފުނިން އެމެރިކާގެ ޓެކްސާސްގައި 17 ބިލިއަން ޑޮލަރުގެ ބޮޑު ވުނަކުރުމެއް ފަށަން ނިންމައިފައިވާތީ އެކަމަށް ހިތްވަރު ދެއްވުމަށް ޓަކައެވެ. މި މަޝްރޫޢުގެ އަމާޒަކީ ކޮންޕިޔުޓަރަށް ބޭނުންވާ ސެމިކޮންޑަކްޓަރު ޗިޕް އުފެއްދުމެވެ. މި ކަމުގައި އެމެރިކާގެ ކުންފުނިތައް ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރެއްވުމެވެ.
ދެކުނު ރައީސް ރައީސް އޭނާގެ އިންތިޚާބީ ޙަމަލާތަކުގައި ވަޢުދުވެ ވަޑައިގަންފައިވާ ގޮތުގައި އޭނާގެ ސަރުކާރުން އުތުރު ކޮރެއާއާ ބެހޭގޮތުން ގެންގުޅުއްވާނީ ކުރީގެ ވެރީންނާ ޚިލާފަށް "ހަރުކަށި" ސިޔާސަތެކެވެ. އަދި މި ކަމަށް ޓަކައި އެމެރިކާއާއެކު ގުޅުންތައް ބަދަހި ކުރައްވާނެއެވެ.
ފްރާންސް ޕްރެސް ބުނާގޮތުގައި ރައީސް ބައިޑްންގެ ދެކުނު ކޮރެއާ ދަތުރަށް ރައްދު ދިނުމުގެ ގޮތުން އުތުރު ކޮރެއާއިން ނިޔުކްލިއަރ މިސައިލް ތަޖްރިބާއެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. ދެކުނު ކޮރެއާ ބުނާގޮތުގައި ރައީސް ބައިޑްންގެ ދަތުރުފުޅަށް ރައްދު ދިނުމަށް ޓަކައި ނިޔުކްލިއަރ ތަޖްރިބާއެއް އުތުރު ކޮރެއާއިން ކުރާނެކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. މިއީ ފަސްއަހަރުގެ ތެރޭގައި އުތުރު ކޮރެއާ ކުރާ ނިޔުކްލުއަރ ފުރަތަމަ ތަޖްރިބާއެވެ.
އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވަން ވިދާޅުވާގޮތުގައި ރައީސް ބައިޑްންގެ މި ދަތުރުފުޅުގެ ތެރޭގައި އުތުރު ކޮރެއާއިން ނިޔުކްލިއަރ ތަޖްރިބާއެއް ނުވަތަ ދުރު ރާސްތާ މިސައިލް ތަޖްރިބާއެއް ކުރާނެއެވެ.
ޗައިނާ ވަރަށް ރުޅިގަދަވެފައި
ރައީސް ބައިޑްންގެ ދަތުރުފުޅާ ވިދިގެން ޗައިނާގެ ގްލޯބަލް ޓައިމްސްގެ އިފްތިތާޙީ މަޒްމޫނެއް ބުނާގޮތުގައި ރައީސް ބައިޑްންގެ މި ދަތުރުފުޅަކީ "ފާޅުގައި ޖެއްސުންކުރު"މެވެ. މި ނޫސް ތުހްމަތުކޮށްފައިވާ ގޮތުގައި ރައީސް ބައިޑްންގެ މި ދަތުރުފުޅުގެ އަމާޒަކީ ބޭޖިންގްގެ ނުފޫޒު ކަފާސްކުރުމެވެ. އިރުމަތީ އޭޝިޔާގައި މިހާރު ޤާއިމުކުރެވިފައިވާ އިޤްތިޞާދީ ގުޅުންތައް ޚަރާބު ކުރުމެވެ.



advertisment