Support Us

ހުޅަނގުގެ މީޑިއާގެ ފާޑުކިޔުމަކީ ޙަސަދަވެރިކަމުގެ އަނގުރު އަލިފާނުގެ މިންވަރު ހާމަކޮށްދޭ ކަމެއް: ޗައިނާ

ކޮވިޑާ ހެދި ޗައިނާގެ ކާރުޚާނާތައް ވަގުތީގޮތުން ބަންދު ކުރުމުން އެއީ ދުނިޔޭގެ ތަމްވީނު ސިލްސިލާގެ ބޮޅުތައް (ގްލޯބަލް ސަޕްލައި ޗޭން)  ކަންފަތިކޮށްލުމަށް ޗައިނާއިން އެޅި ފިޔަވަޅެއް ކަމަށް ބުނެ ހުޅަނގުގެ މީޑިއާތަކުން ތުހްމަތުކޮށް ޗައިނާއާ ދެކޮޅަށް ފާޑު ކިޔެއެވެ. އެކަމަކު މިއަދު ޗައިނާގެ ކާރުޚާނާތައް 24 ގަޑިއިރަށް ހުޅުވައިގެން ދަންފަޅި ބަހައިގެން މަސައްކަތް ކުރަން ޗައިނާ ސަރުކާރުން ނިންމުމުން އެއީ "އަޅު މަސައްކަތުގެ ޙައްދުފަހަނަޅައިފައިވާ ސަޤާފަތް" ކަމަށް ބުނެ ހުޅަނގުގެ މީޑިއާތަކުން ވަނީ ފާޑު ކިޔައިފައެވެ.

ޗައިނާއިން ބުނިގޮތުގައި ހުޅަނގުގެ މީޑިއާތަކުގެ ފާޑުކިޔުމުގެ މި ބަސްތަކަކީ އެމީހުންގެ ހިތުގައި އޮންނަ ޙަސަދަވެރިކަމުގެ އަނގުރު އަލިފާނުގެ މިންވަރު ހާމަކޮށްދޭ ކަމެކެވެ. ޗައިނާ ބުނިގޮތުގައި ހުޅަނގުގެ ވިސްނުމާ އެއްގޮތަށް ނޫޅޭ މީހަކު އެމީހުންނަށް ކަމަކު ނުދާނެތެވެ. އެފަދަ ފަރާތްތަކާ ދެކޮޅަށް ފާޑު ކިޔުމަކީ އެމީހުންގެ ގައިގައި ވަކި ހިތްޕައިފައިވާ ބައްޔެއް ކަމަށް ޗައިނާއިން ބުންޏެވެ.

ހުޅަނގުން މި ކިޔާ ފާޑުކިޔުމަކީ އެއްވެސް ޙާލެއްގައި ބިނާކުރަނިވި ފާޑު ކިޔުމެއް ނޫން ކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންޚުވާ އިން ބުންޏެވެ.

ޗައިނާ ބުނިގޮތުގައި މި "އަނިޔާވެރި ތުހްމަތުތަކަކީ" ޗައިނާގެ ބޮލުގައި ބޭއިންސާފު އިލްޒާމުތަކެއް އެޅުވުމުގެ ބޭނުމުގައި ހުޅަނގުން ޖަހާ "ސަކަރާތެ"ކެވެ. ޗައިނާއިން ބުނިގޮތުގައި ދުނިޔެއާ ގޮންޖެހުންތަކެއް ކުރިމަތިވެއްޖެނަމަ ހުޅަނގުން އަބަދުވެސް މަސައްކަތް ކުރާނީ އެ ކަމުގެ މަސްއޫލިއްޔަތު އެހެން ބައެއްގެ ބޮލުގައި އެޅުވޭތޯއެވެ.

ކޮވިޑްގެ ސަބަބުން ދުނިޔޭގެ ތަމްވީނީ ޗޭނާ ދަތިތަކެއް ކުރިމަތިވެ ހުޅަނގުގެ ސަރުކާރުތަކަށް މި ޙާލަތު ރަނގަޅު ކުރުމުގައި ނާޤާބިލުވުމުން ހުޅަނގުގެ މީޑިއާތަކުން ޗައިނާ ކަބަސް ބަކަރިއަކަށް (ސްކޭޕް ގޯޓަކަށް) ހަދަން މަސައްކަތް ކުރިއެވެ.

ޗައިނާގެ ކުންފުނިތަކުން އެ ކާރުޚާނާތަކުގެ އުފެއްދުންތައް އިތުރުކޮށް ދުނިޔޭގެ ތަމްވީނަށް ދިރުމެއް ގެނެވޭތޯ މަސައްކަތް ހަމަ ފަށާއިރަށް ހުޅަނގުގެ މީޑީއާއިން ޗައިނާގެ ކުރިއެރުމާއި އިޤްތިޞާދީ ދިރުމަކީ "އަޅުމަސައްކަތުގެ ސަޤާފަތު"ގެ މަތީގައިވާ ކަމެއް ކަމަށް ބުނެ ޙަޤީޤަތް އޮޅުވައިލުމަށް މަސައްކަތް ފެށިއެވެ.

ޗައިނާ ބުނާގޮތުގައި ކޮވިޑް ރޯގާތެރޭގައި ވެސް ޗައިނާއަކީ ދުނިޔޭގެ ތަމްވީނުގެ ޗޭނަށް ހަމަޖެހުން ގެނެސްދިން ބަހާއެކެވެ. ކޮވިޑް ރޯގާ ކޮންޓްރޯލްކޮށް 2020ގައި ޗައިނާ ވަނީ އެ ޤައުމުގެ އިޤްތިޞާދަށް އީޖާބީ ކުރިއެރުންތަކެއް ހޯދައިދީފައެވެ. މިގޮތުން 2021 ގައި ޗައިނާ ވަނީ އެ ޤައުމުގެ ހަތަވިވަރު 8.1% އަށް މައްޗަށް ޖައްސައިފައެވެ. ޗައިނާގެ ބޭރުގެ ވިޔަފާރި ވަނީ ހަ ޓްރިލިއަން ޑޮލަރަށް މައްޗަށް ގެންގޮސްފައެވެ.

ޗައިނާ ބުނާގޮތުގައި މި އަހަރުގެ ފުރަތަމަ ކާލުގައި ޗައިނާގެ އެކްސްޕޯޓާއި އިމްޕޯޓު ވަނީ 10.7% މައްޗަށް ޖައްސައިފައެވެ. މި ކުރިއެރުން ދައްކައިދޭ ޙަޤީޤަތަކީ ދުނިޔޭގެ ތަމްވީނު ޗޭނު ވަރުގަދަ ކުރުމަށާއި ދުނިޔޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ދިރުވައި ބޭއްވުމަށް ޓަކައި ޗައިނާ މަސައްކަތްކުރާ ކަމެވެ.

މީގެ އިތުރަށް ޗައިނާ ބުނާގޮތުގައި އެ ޤައުމުން އެހެނިހެން ޤައުމުތަކަށް ކޮވިޑް ވެކްސިން ތަނަވަސްކޮށްދިނުމުގެ ސަބަބުން އެ ޤައުމުތަކުގެ އުފެއްދުންތެރިކަމަށް ވެސް ވަނީ ދިރުން ލިބިފައެވެ.

ޗައިނާ ބުނާގޮތުގައި އެ ޤައުމުން ކާރުޚާނާތަކާއި އުފެއްދުންތެރިކަމުގެ މަރްކަޒުތައް ހުޅުވައިލީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ފަހުގައެވެ. އުފެއްދުންތެރިކަން ކުރިއަށް ދަނީ ދުޅަހެޔޮކަމާ ބެހޭ ހަރުދަނާ އުޞޫލުތަކާއި ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

މިއާ ޚިލާފަށް ޗައިނާ ބުނާގޮތުގައި ހުޅަނގުގައި ކޮވިޑް ފެތުރިފައި ވަނިކޮށް ކާރުޚާނާތަކުގައި މީހުން ލައްވައި ވަނީ މަސައްކަތް ކުރުވައިފައެވެ. ޞިއްޙަތަށް ނުބަލައި މުދަލަށް ބެލުމަކީ، ޗައިނާ ބުނާގޮތުގައި، މަސައްކަތު މީހުންގެ ޙައްޤުތަކާއި އިންސާނުންގެ ޙައްޤުތަކުގައި ކޮޅުފައިން ޖެހުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ސަތޭކައިގެ ވާހަކައެއް. އީސްޓް އޯރ ވެސްޓް ޗައިނާ އިޒް ދަ ބެސްޓް. އެންޑް ވެސްޓް އިޒް ދަ ވާރސްޓް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *