ރޫސީ ބޮޑުވަޒީރުގެ ނައިބު މާރާތު ޚަޒްނޮލީން މިއަދު ޔުކްރޭންގެ ޒަބަރޮޖިޔާ ސަރަޙައްދުގެ މިލިޓޮޕޮލް ސަހަރަށް ޒިޔާރަތްކުރައްވައި ރޫސީން ޔުކްރޭނުން ހިފައިފައިވާ ޒަބަރޯޖިޔާ ނިޔުކްލިއަރ ސްޓޭޝަން ބައްލަވައި ލައްވައިފިއެވެ. ޒަބަރޯޖިޔާ ނިޔުކްލިއަރ ސްޓޭޝަނަކީ ޔޫރަޕްގައި ހުރި އެންމެ ބޮޑު ނިޔުކްލިއަރ ސްޓޭޝަނެވެ. އޭނާ ވިދާޅުވިގޮތުގައި ނިޔުކްލިއަރ ސްޓޭޝަންތައް ހިންގައި ބެލެހެއްޓުމުގެ ޤާބިލުކުން ރަޝިޔާގެ ކިބައިގައި އެބަ ހުށްޓެވެ. އޭނާ ނޫސްވެރީންނަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މި ސްޓޭޝަނުގެ މަސައްކަތް ފުރިހަމައަށް ރަޝިޔާއިން ހިންގަމުންދާނެއެވެ. މި ތާނގައި މަސައްކަތް ކުރުމަށް ޓަކައި ރަޝިޔާ މީހުންނަށް ފުރްޞަތުތައް ހުޅުވައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ސްޓޭޝަނުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަޒްނޮލީން ވިދާޅުވިގޮތުގައި "ކަރަންޓަކީ މުދާ ގޮތަށް ގުދަންކޮށްފައި ބެލެއްޓޭނެ މުދަލެއް ނޫނެވެ. އެހެންކަމުން ކަރަންޓު އުފެއްދޭނީ ބޭނުންވާ ވަރަށް ބަލައިގެންނެވެ."
އޭނާ ވިދާޅުވިއެވެ. "ޔުކްރޭނުން ކަރަންޓް ގަންނަން ބޭނުންވާނަމަ ޔުކްރޭނުން އަގު ދެއްކުމުން ކަރަންޓް ތަނަވަސްކޮށް ދެވޭނެއެވެ. ޔުކްރޭނުން ކަރަންޓް ބޭނުންނުވާނަމަ މި ސްޓޭޝަނުގެ ކަރަންޓް ގެންދެވޭނީ ރަޝިޔާއަށެވެ."
ރޫސީ މި މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި އެންމެ އަގު ހެޔޮ ހަކަތައަކީ ނިޔުކްލިއަރ ހަކަތައެވެ. މި ހަކަތަ ވިއްކުމަށް ޓަކައި މޮސްކޯއަށް އެއްވެސް ބުރައެއް އުފުއްލަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާ ސިފައިން ވަނީ ޒަބަރޯޖިޔާއާއި ޚާރުކޯފުގެ ބޮޑު ބަޔަކާއި ޚަރސަން ސަރަޙައްދުގެ ގިނަ ބިންތަކެއް ހިފައިފައެވެ.



advertisment