Support Us

ޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތިއްބޫން އަދި ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުގާން (ވ)

ޖަޒާއިރުގެ ރައީސް ތިއްބޫނުގެ ތުރްކީ ދަތުރުފުޅު މުހިއްމު ވަނީ ކީއްވެ؟

ޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތިއްބޫން ތުރްކީއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ތާރީޚީ އަދި ވަރަށް މުހިއްމު ދަތުރުފުޅެއް ކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ. އެއީ މި ދަތުރުފުޅުގައި ތުރްކީއާއި ޖަޒާއިރާ ދެމެދުގައި އެއްބަސްވެ ސޮއިކުރެވުނު އެއްބަސްވުންތަކުގެ ގިނަކަމާއި މި ދަތުރުފުޅުގެ ސަބަބުން މި ދެ ޤައުމުގެ ދެމެދުގައި އިސްތިރާތީޖީ އެއްބާރުލުމުގެ އައު ފިޔަވައްސެއް ޤާއިމުވެގެންދިޔުމަށް ދޮރު ހުޅުވިގެން ދިޔުމެވެ. ވަކިން ޚާއްޞަ ގޮތެއްގައި ދިފާޢީ ޞިނާޢަތުގެ މައިދާނުގައި އެއްބާރުލުން ޤާއިމުވެގެން ދިޔުމެވެ.

ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާނާއި ޖަޒާއިރުގެ ރައީސް ތިއްބޫނު މޭ 16 ގައި ބޭއްވެވި ނޫސްވެރީންގެ ގުޅިފައިވާ ނަދުވާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އުރްދުގާން ވިދާޅުވިއެވެ. "ދެ ޤައުމުގެ ގުޅުންތައް އައު ފެންވަރަކަށް މައްޗަށް ގެންދިޔުމަށް ޓަކައި އެއްބާރުލުމުގެ މަތީ ފެންވަރުގެ މަޖިލީހެއް ޤާއިމު ކުރުމަށް ދެ ޤައުމު ވަނީ ނިންމައިފައެވެ."

މި ދަތުރުފުޅުގެ ތެރޭގައި 15 އެއްބަސްވުމަކާއި ފަހުމުނާމާތަކެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުންތަކުގެ ގިއުގަނޑުގެ ތެރޭގައި ތުރްކީން ޖަޒާއިރުގައި ބައިނަލްއަޤްވާމީ ތުރްކީ މަދަރުސާއެއް ޖަޒާއިރުގައި ހުޅުވާނެއެވެ. އިޖްތިމާޢީ ޚިދްމަތްތަކުގެ މައިދާނާއި ވެށީގެ މައިދާނާއި މަޢުދަނުގެ ޞިނާޢާތްތަކުގެ މައިދާނާއި ސަރަޙައްދުތައް ހުރަސްކޮށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ޓަކައި އެކުގައި މަސައްކަތްކުރުމުގެ މައިދާނުގައި އެއްބާރުލުން ޤާއިމުކުރެވޭނެއެވެ.

މީގެ އިތުރަށް ތުރްކީއާއި ޖަޒާއިރުގައި ސަޤާފީ މަރްކަޒުތައް ހުޅުވުމާއި ތައުލީމާއި ތަރްބިޔަތުގެ މައިދާނުގައި އެއްބާރުލުމާއި މަސްވެރިކަމާއި ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމާއި ފަންނިއްޔާތާއި އައު އީޖާދުގެ މައިދާނާއި ޙަލާލު ސެޓްފިކެޓްގެ މައިދާނާއި މީޑިއާއާއި ޞިނާޢަތާއި ވިޔަފާރީގެ މައިދާނުގައި އެއްބާރުލުމާއި، ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ.

ވިޔަފާރީގެ މައިދާނުގައި ބޮޑު އުދުއްސައިގަތުމެއް

އެފްރިކާއަށް ބަލާއިރު ޖަޒާއިރަކީ ތުރްކީގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. ތުރްކީން ޖަޒާއިރާއެކު ކުރާ ވިޔަފާރީގެ ފަންގެފިލާ ވަނީ އަހަރަކު ފަސް ބިލިޔަން ޑޮލަރަށް މައްޗަށް އުފުލިފައެވެ. ނަމަވެސް 2015 އާއި 2019އާ ދެމެދުގައި ޖަޒާއިރާ ކުރިމަތިވި އިޤްތިޞާދީ ދަތިކަމުގެ ސަބަބުން މި ޢަދަދު ވަނީ 3.5 ބިލިއަނަށް ދަށަށް ގޮސްފައެވެ. ތެލުގެ އަގު މައްޗަށް ދިޔުމާއެކު މި ޢަދަދު ވަނީ ހަތަރު ބިލިއަނަށް މައްޗަށް ގޮސްފައެވެ. އުރްދުގާން ހާމަކުރެއްވި ގޮތުގައި 2021ގައި ވިޔަފާރި ވަނީ 35% އަށް އިތުރުވެފައެވެ.

ޖަޒާއިރުގެ ރައީސް ތިއްބޫން ވިދާޅުވާގޮތުގައި ފަސް ބިލިއަނަށް މަތިވެގެން ދިޔުމަކީ ބުރަ ކަމެއްނޫނެވެ. ދެ ޤައުމުން އުންމީދުކުރާ ގޮތުގައި މި މިންވަރު 10 ބިލިއަނަށް މައްޗަށް ގެންދިޔުމަށް ދެ ޤައުމުން ވެސް މަސައްކަތް ކުރާނެއެވެ. ގޭހާއި ތެލުގެ އަގު މައްޗަށްދިޔުމުގެ ސަބަބުން 2021ގައި ޖަޒާއިރުގެ ބަޖެޓް ވަނީ އަރަނިވެފައެވެ.

އިސްތިރާތީޖީ ވުނަކުރުންތަކެއް

ޖަޒާއިރަށް ބަލާއިރު ތުރްކީގެ ވުނަކުރުންތަކަކީ އެހެން ހުރިހާ ޤައުމުތަކަކަށްވުރެ ބޮޑު އަދި ފުޅައު ވުނަކުރުންތަކެކެވެ. ތުރްކީގެ ވުނަކުރުންތަކުގެ އަމާޒަކީ ޖަޒާއިރު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ޖަޒާއިރުގެ ޞިނާޢަތްތައް ސިންދަފާތު ކުރުމެވެ. ޖަޒާއިރުގައި ހުޅުވައިފައިވާ ދަގަނޑާއި އެކަތަ އުފައްދާ ތުރްކީގެ ޓޮސްޔާލީ ކުންފުނިން މިދިޔަ އަހަރު ވަނީ 800 މިލިއަން ޑޮލަރުގެ އެއްޗެހި ބޭރުކޮށްފައެވެ. ތުރްކީން ވަނީ ޖަޒާއިރުގައި ފަސް ބިލިއަން ޑޮލަރުގެ ތަފާތު މަޝްރޫޢުތައް ވުނަކޮށްފައެވެ. ޖަޒާއިރުގެ ރައީސް ވިދާޅުވާ ގޮތުގައި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި މަޝްރޫޢުތައް 10 ބިލިއަނަށް އިތުރުވެގެންދާނެއެވެ. ޖަޒާއިރުގައި ތުރްކީގެ 1،400 ކުންފުނި ތަފާތު މަސައްކަތްތަކުގައި ވުނަކުރަމުންދެއެވެ. އޭގެތެރޭގައި ދަގަނޑާއި އެކަތާއި ފޮތިފޭރާމާއި ކާބޯތަކެތި ހިމެނެއެވެ.

ގޭހަށް އިސްކަންދިނުން

ޖަޒާއިރަކީ ޠަބީޢީ ގޭހަށް ބަލާއިރު ދުނިޔޭގެ ހަތރު ވަނަ ޤައުމެވެ. މި ޤައުމުން އަހަރަކު ހަ ބިލިއަން ކޮޑި މީޓަރުގެ ގޭސް ބޭރުކުރެއެވެ. ޖަޒާއިރުގެ ގޭހުގެ 80% ގަންނަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. ރަޝިޔާއިން ގޭސްގަތުން މަދުކުރުމުގެ ސަބަބުން ޔޫރަޕް ދެކޭގޮތުގައި ޖަޒާއިރުގެ ގޭހަކީ ރަނގަޅު ބަދީލެކެވެ.

ތުރްކީއަކީ ޖަޒާއިރުން ދިޔާގޭސް ގަންނަ ޔޫރަޕްގެ ޤައުމުތަކުގެ ލިސްޓްގައި ހިމެނޭ ޤައުމެކެވެ. ޖަޒާއިރުގެ ސޯނާޠުރާކު އެކުވެނިން ވަނީ ތުރްކީގެ ރޮނިސާންސް ކުންފުންޏާއެކު ޕެޓްރޯ ކީމާވިއްޔާތުގެ ޞިނާޢާތްތައް ތަރައްޤީ ކުރުމަށް އެއްބަސްވެފައެވެ. މި ކުންފުނިން ވަނީ ޖަޒާއިރުގެ ކުންފުންޏާއެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ތުރްކީގެ ޖީހާން ސަހަރުގައި ޕޮލި ޕްރޮޕެލީން އުފެއްދުމަށް ޓަކައި ޖަޒާއިރުގެ ތެލުގެ މާއްދާތައް ބޭނުން ކުރެވޭނެއެވެ. މިއީ 1.7 ބިލިއަން ޑޮލަރުގެ ވުނަކުރުމެކެވެ. މި މަޝްރޫޢު ފުރިހަމަވާނީ 2024ގައި ކަމަށް ލަފާކުރެވެއެވެ. މި މަސައްކަތް އިތުރަށް ފުޅައުކުރުމަށް ޓަކައި ޖަޒާއިރާއި ތުރްކީއާއެކު ލީބިޔާ ގުޅިގެން މަސައްކަތް ކުރާނެއެވެ.

ދިފާޢީ ޞިނާޢާތްތައް

ތުރްކީން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ދިފާޢީ ޞިނާޢަތުގެ މައިދާން ވެއެވެ. ތުރްކީއާއި ޖަޒާއިރުން މަސައްކަތް ކުރަނީ މި މައިދާނުގައި އެހެނިހެން ޤައުމުތަކުގެ މައްޗަށް ބަރޯސާވުން ކުޑަކުރެވޭތޯއެވެ. ތުރްކީއަކީ މި މައިދާނުގައި ކުރިއެރުންތަކެއް ހޯދައިފައިވާ ނޭޓޯގެ ޤައުމެކެވެ. ތުރްކީން އުފައްދާ ދިފާޢީ ހަތިޔާރުތަކުގެ ތެރޭގައި ޑްރޯނާއި މަނަވަރާއި ހަނގުރާމަމަތީ ހެލިކޮޕްޓަރާއި އާޓިލަރީ ހަތިޔާރުތައް ހިމެނެއެވެ.

ޖަރްމަނާއި އިމާރާތާ ގުޅިގެން ޖަޒާއިރަކީ އާޓިލަރީ ހަތިޔާރު އުފައްދާ ޤައުމެކެވެ. މީގެ އިތުރަށް ޖަޒާއިރަކީ ޑްރޯންގެ ބާވަތްތަކެއް ވެސް އުފައްދަމުންދާ ޤައުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *