ލުބްނާނުގައި ބޭއްވުނު ޢާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިޢުލާނުކޮށްފިއެވެ.
މި ނަތީޖާތައް ބުނާގޮތުގައި؛
– ޙިޒްބުﷲއަށާއި މި ޖަމާޢަތާ ގުޅިފައިވާ އަމަލު ޕާޓީއަށް ލިބުނީ 31 ގޮނޑިއެވެ. މިކަމުގެ ސަބަބުން 2018ން ފެށިގެން ޙިޒްބުﷲއަށް އޮތް ބަރްލަމާނީ އަޣްލަބިއްޔަތު ގެއްލުނީއެވެ.
– ސަމީރު ޖަޢުޖަޢުގެ ޙިޒްބުލް ޤުއްވާތިއަށް 20 ގޮނޑި ލިބުނެވެ.
– "މިނިވަން ވަޠަނީ ތައްޔާރު" ޕާޓީއަށް 18 ގޮނޑި ލިބުނެވެ.
– އިޝްތިރާކީ ތަޤައްދުމީ ޕާޓިއަށް 9 ގޮނޑި ލިބުނެވެ.
– މަދަނީ މުޖްތަމަޢު ޕާޓީއަށް 13 ގޮނޑި ލިބުނެވެ.
– ކަތާއިބު ޕާޓީއަށް ލިބުނީ 4 ގޮނޑިއެވެ.
– ޠާޝްނާޤު ޕާޓީއަށް 2 ގޮނޑި އަދި މަރަދާ ތައްޔާރު ޕާޓީއަށް 2 ގޮނޑި ލިބުނެވެ.
ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި މީގެކުރިން ސިޔާސީ އެއްވެސް މަޤާމެއް އަދާނުކުރާ އައު 12 މޫނެއް މި އިންތިޚާބުގައި ކާމިޔާބު ހޯދައިފައި ވެއެވެ. ޖަޢުޖަޢުގެ ޕާޓީއާއި މުސްތަޤިއްލު ބޭފުޅުން ގުޅިވަޑައިގަންނަވައިގެން ބަރްލަމާނީ އަޣުލަބިއްޔަތެއް މި ވަނީ ހޯއްދަވައިފައެވެ. އެހެންކަމުން ބަރްލަމާނުގައި މިފަހަރު ބޮޑުބައި ކުޅޭނީ މަސީޙީންނެވެ.
ލުބްނާނުގެ ޢަސްކަރީ އަދި ސިޔާސީ ބާރެއް ކަމުގައި ބެލެވޭ
ޙިޒްބުﷲއަށް މި އިންތިޚާބުގައި މި ވަނީ ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. ޙިޒްބުﷲއަށައި އެ ޖަމާޢާތުގެ ބައިވެރީންނަށް މި ވަނީ ބަރްލަމާނުގައި އޮތް އަޣުލަބިއްޔަތު ގެއްލި ގަދަބަސް ބުނާނެ ފުރްސަތުން މަޙްރޫމުވެފައެވެ.
ޙިޒްބުﷲގެ ވާގިވެރީން
ޙިޒްބުﷲއާ ޚިލާފަށް ޙިޒްބުﷲގެ ޒަމާންވީ ޢަދާވަތްތެރިޔާ ސަމީރު ޖަޢުޖަޢުގެ ޙިޒްބުލް ޤުއްވާތި މި ވަނީ މުހިއްމު ކާމިޔާބީތަކެއް ހޯދައިފައެވެ. ޖަޢުޖަޢަކީ ސުޢޫދިއްޔާއަށް ތާއީދު ކުރާ ނަޞާރާ ޕާޓީ ޒަޢީމެވެ. ޖަޢުޖަޢު ޕާޓީގެ ތަރްޖަމާނު މާރކް ސަޢީދު ފްރާންސް ޕްރެސްއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ލުބްނާނު މީހުން މި ވަނީ ޙިޒްބުﷲ އިން ޤައުމު ހިންގަމުން ދިޔަ ގޮތަށް ނޫނެކޭ ބުނެފައެވެ. އޭނާ ވިދާޅުވިއެވެ. "ވެރިކަން ކުރަމުން ދިޔަ ޕާޓީތަކަށް ލުބްނާނުގެ ރައްޔިތުން މި ވަނީ އަދަބުދީފައެވެ. އެމީހުން ބޭނުންވަނީ އައު ވެރިކަމެކެވެ."
ލުބްނާނުގައި ޢާންމު އިންތިޚާބު ބޭއްވިފައި މި ވަނީ އެ ޤައުމުގެ އިޤްތިޞާދު މުޅިން ވިރާނާވެފައިވާ ވަގުތެއްގައެވެ. ލުބްނާނުގެ ރައްޔިތުންގެ 80% މީހުން މި ވަގުތު ތިބީ ފަޤީރުކަމުގެ ރޮނގުގެ ދަށުގައެވެ. ލުބްނާނުގެ ފައިސާ (ލީރާ )ގެ އަގު ވަނީ ޑޮލަރުގެ ކުރިމަތީގައި 90% އަށް ވެއްޓިފައެވެ. މަސައްކަތް ނުލިބިތިބި މީހުންގެ ޢަދަދު ވަނީ 30% އަށް މައްޗަށް ގޮސްފައެވެ.
މި އިންތިޚާބު މި ބޭއްވުނީ 4 އޮގަސްޓު 2020ގައި ލުބްނާނު ދެކެފައިވާ "ބޮޑު ގޮވުމަށް" ފަހުގައެވެ. މި ގޮވުމުގެ ސަބަބުން 200 މީހަކު މަރުވެ 6500 މީހަކު ޒަޚަމުވިއެވެ.
ލުބްނާނުގެ ދާޚިލީ ވަޒީރު ބައްސާމުލް މައުލަވީ ހާމަކުރެއްވިގޮތުގައި މި އިންތިޚާބު ބޭއްވިފައި މި ވަނީ އެއްވެސް "ކުޅުމެއް" ނެތިއެވެ. އެއްވެސް އިމެއް "ފަހަނަޅައި" ނުގޮހެވެ.މި އިންތިޚާބުގައި ވޯޓުލުމުގައި ބައިވެރިވެފައި ވަނީ 41% މީހުންނެވެ. މިއީ ލުބްނާނުގައި 1975 އިން 1990 އަށް ހިނގައިފައިވާ އަހްލީ ހަނގުރާމައަށްފަހު ވޯޓުލުމުގައި ބައިވެރިވި އެންމެ ކުޑަ ނިސްބަތެވެ.



advertisment