ރަޝިޔާއިން މި ދިޔަ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ޔުކްރޭނާ ދެކޮޅަށް ފެށި ޢަސްކަރީ ޚާއްޞަ ޙަމަލާތަކަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ދިފާޢީ ވަޒީރު އޮސްޓިންއާއި ރަޝިޔާގެ ދިފާޢީ ވަޒީރު ޝުވިގޯ ފޯނުން ބައްދަލު ކުރައްވައިފިއެވެ.
އެމެރިކާއިން ބުނާގޮތުގައި އޮސްޓިން ރަޝިޔާގެ އޭނާގެ ބައިވެރިޔާ ޝުވިގޯއާ ގުޅުއްވަން އެތައް ފަހަރަކު މަސައްކަތް ކުރައްވައިފައި ވެއެވެ. އެމެރިކާއާއި ރަޝިޔާއިން ބުނާގޮތުގައި ދެ ވަޒީރުންގެ ފޯނު ބައްދަލުކުރެއްވުން ބޭއްވުނީ އެމެރިކާގެ ވަޒީރުގެ އެދިވަޑައިގަތުމަށެވެ.
ޕެންޓަގަންގެ ރަސްމީ ތަރްޖަމާނު ޖޯން ކަރބީ ހާމަކުރެއްވި ގޮތުގައި އެމެރިކާއާއި ރަޝިޔާއާއި ދެމެދުގައި މުވާޞަލާތީ ދޮރު އަބަދުވެސް ހުޅުވައިފައި ބާއްވަން ޖެހޭނެ ކަމުގެ މުހިއްމު ވާހަކަ ވަޒީރު އޮސްޓިން ރޫސީ ވަޒީރު ޝީގޯއަށް ދެންނެވިއެވެ.
ހުކުރު ދުވަހުގެ މި ބައްދަލު ކުރެއްވުމުގައި އެމެރިކާގެ ވަޒީރު އޮސްޓިން ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް ރޫސީ ވަޒީރަށް ދެންނެވިއެވެ. މި ފޯން ކޯލް ގަޑިއެއްހާ އިރަށް ދެމިގެން ދިޔައެވެ. އެމެރިކާގެ މަސްއޫލުވެރިން ހާމަކުރެއްވި ގޮތުގައި މޮސްކޯއިން ވަޒީރު އޮސްޓިންގެ ވާހަކަފުޅަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.
މި ދިޔަ މާރިޗު މަހުގެ މެދުތެރޭގައި އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ރޫސީ ސަލާމަތީ މަޖިލީހުގެ ވެރިޔާ ޖެނެރަލް ނިކޮލައި ޕެޓްރޮޝީވާއާ ދާދިވަރުކޮށް ބައްދަލު ކުރެއްވިއެވެ. ރަޝިޔާއިން ޔުކްރޭނުގައި ކުރަމުން ގެންދާ "ސަބަބެއް ނެތް ހަނގުރާމަ" ވަގުތުން ހުއްޓައިލުމަށް އޭނާ ރަޝިޔާގެ ބައިވެރިޔާއަށް ދެންނެވިއެވެ.
ރަޝިޔާއިން ހާމަކުރިގޮތުގައި ދެ ވަޒީރުން "ބައިނަލްއަޤްވާމީ ސަލާމަތީ އެންމެހައި މަސްއަލަތަކާ ބެހޭގޮތުން" ވާހަކަފުޅު ދެއްކެވިއެވެ.
ޔުކްރޭން ހަނގުރާމަ ފެށުމާއެކު މޮސްކޯއާ ވޮޝިންގްޓަނާ ދެމެދުގައި ވަނީ މުވާޞަލާތީ ހޫނު ލައިނެއް ޤާއިމު ކުރެވިފައެވެ. ރައީސް ބައިޑްން ވަނީ ރަޝިޔާގެ އިސް މަސްއޫލުވެރީންނާ ބެހޭ ސިއްރު މަޢޫލޫމާތުތައް ޔުކްރޭނަށް ދިނުން މަނާކުރައްވައިފައެވެ. އެކަމުގެ ސަބަބުން ވޮޝިންގްޓަން މި ހަނގުރާމައިގެ ތެރެއަށް ވަދެވިދާނެތީއެވެ.މިއީ ވޮޝިންގްޓަން އެދޭ ކަމެއްނޫނެވެ.



advertisment