Support Us

ޖަޒީރާގެ ނޫސްވެރިޔާ ޤުދްސް ސަހަރުގައި ވަޅުލައިފި

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޖަނީން ސަހަރުގައި މަރައިލި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ ޢާޤިލާ، އިސްރާއީލު ހިފައިފައިވާ ޤުދްސް ސަހަރުގެ ބާބުލް ޚަލީލުގައި ހުންނަ ޞިހްޔޫން ފަރުބަދައިގެ ޤަބުރުސްތާނުގައި މިއަދު ވަޅުލައިފިއެވެ. މި ޖަނާޒާގައި ފަލަސްޠީނުގެ ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

ޝީރީނުގެ ހަށިގަނޑު އިއްޔެއިން ފެށިގެން ބޭއްވިފައި އޮތީ ޤުދްސުގެ ފަރަންސޭސި ހަސްފަތާލުގައެވެ. މި ހަސްފަތާލުދޮށަށް ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ފަލަސްޠީނު ދިދަ ހިފައިގެން އެއްވިއެވެ. ޝީރީނުގެ ޖަނާޒާ ފެށުނީ މި ހަސްފަތާލުންނެވެ. ފަލަސްޠީނުގެ ދިދަ ޝީރީނުގެ ގޭގައި ނެގުން އިސްރާއީލުން މަނާކޮށްފައި ވާތީ ފަލަސްޠީނު މީހުން އެކަން ކުށްވެރިކޮށް އަޑު އުފުލިއެވެ.

އިސްރާއީލު ފުލުހުން، ޝިރީނުގެ ސަންދޯއްމަތީގައި އަޅައިފައި އޮތް ފަލަސްޠީނުގެ ދިދަ ދަމައިގަނެ އެ ދިދަ އެޅުން ވެސް މަނާކުރިއެވެ. މި ޖަނާޒާ ފެށުމާއެކު އިސްރާއީލު ފުލުހުން މި ޖަނާޒާ ވަށައިލައި ޖަނާޒާގައި ބައިވެރިވާ މީހުންނަށް މުގުރުބުރިތަކާއި ލަޓިބުރިތަކުން ޙަމަލާދީ އެމީހުން ޖަނާޒައާއެކު ދިޔުމަށް ހުރަސްއެޅިއެވެ.

މަރައިލީ އިސްރާއީލުން

އަނެއްކޮޅުން ބަލާއިރު ޝިރީން މަރައިލި މަސްއަލަ މުޅި ދުނިޔެއިން ދަނީ ކުށްވެރި ކުރަމުންނެވެ. މި މަސްއަލައާ ބެހޭގޮތުން އިސްރާއީލުގެ ރޭޑިއޯއާއި ޓީވީ ކޯޕަރޭޝަނުން ބުނީ، އިސްރާއީލު ސިފައިންގެ ތަޙްޤީޤުތައް ބުނާގޮތުގައި، ޝީރީން މަރުވީ ޖީޕަކުން ޖެހި ބަޑިއެއްގެ ވަޒަނަކުން ކަމަށެވެ.

އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް އިސްރާއީލުގެ ޢަސްކަރީ މަސްއޫލުވެރިއަކާ ޙަވާލާދީ ބުނިގޮތުގައި މި ޙާދިސާއާ ވިދިގެން ބަޑި ޖެހުމުގެ ތިން މަސްއަލައެއް އިސްރާއީލު ސިފައިން އެބަ ބަލަމުން ދެއެވެ.

އިސްރާއީލު ސިފައިން ބުނާގޮތުގައި ޝީރީން މަރުވެފައިވަނީ އިސްރާއީލު ސިފައިން އޮޅުމަކުން ދިން ޙަމަލާއެއްގައި ކަމަށް ވުމަކީ ދުރުކަމެއްނޫނެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި ޖަޒީރާގެ ރިޕޯޓަރު މަރައިލި ވަޒަނަކީ އިސްރާއީލު ފަޅިން އައި ވަޒަނަކަށް ނުވުމަކީ ވަރަށް ދުރު ކަމެކެވެ. އިސްރާއީލުން މި ދިޔަ ބުދަ ދުވަހު ބުނިގޮތުގައި ޝީރީން މަރުވީ އިސްރާއީލުގެ ފަރާތުން އެރި ވަޒަނަކުންނެވެ.

ޖަޒީރާގެ ބަސް

އަނެއްކޮޅުން ޖަޒީރާ ބުނާގޮތުގައި އެމީހުންގެ ރިޕޯޓަރު ހުރީ އިސްރާއީލު ސިފައިން ވަޒަން ފޯރާ ހިސާބެއްގައެވެ. އިސްރާއީލު އެންމެ ފުރަތަމަ ބުނެފައި ވަނީ ޝީރީން މަރުވީ ފަލަސްޠީނު މީހުންގެ ވަޒަނަކުން ކަމަށެވެ. ޖަޒީރާ ބުނާގޮތުގައި ފަލަސްޠީނު މީހުން ތިބީ ޝީރީން ހުރިތަނާ 250 މީޓަރު ދުރުގައެވެ. އެ ހިސާބުގައި ބޮޑެތި ޢިމާރާތްތައް ހުށްޓެވެ. އެހެންކަމުން ފަލަސްޠީނު މީހުންނަށް ޝީރީނަށް ޙަމަލާއެއް ނުދެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *