Support Us

ޔޫރަޕްގައި ހަނގުރާމައެއް ފަށަން ރަޝިޔާ ބޭނުމެއް ނުވޭ: ރޫސީ ޚާރިޖީ ވަޒީރު

ރަޝިޔާއިން ޔޫރަޕްގައި ހަނގުރާމައެއް ފަށަން ނޭދޭ ކަމަށް ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯވް ކަށަވަރުކޮށް ދެއްވައިފިއެވެ. އޭނާ ޢުމާނުގެ ރަސްގެފާނު ހައިޘަމު ބިން ޠާރިޤާ ބައްދަލު ކުރައްވައި ހުޅަނގުގެ ސިޔާސަތާ ދެކޮޅަށް ފާޑުވިދާޅުވަމުން ވިދާޅުވިގޮތުގައި އެމެރިކާއާއި ހުޅަނގުން ބޭނުން ވަނީ ރަޝިޔާ ބަލިކޮށްލުމަށެވެ. އެކަން އެ ޤައުމުތަކަށް ނުކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޢުމާނުގެ ރަސްގެފާނުގެ ވާހަކަފުޅުގައި ޔުކްރޭން މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަކަށް ގޮވައިލެއްވިއެވެ.

ރޫސީ ޚާރިޖީ ވަޒީރު މި ބައްދަލު ކުރެއްވުމަށްފަހު ޢުމާނުގެ ޚާރިޖީ ވަޒީރު ބަދްރު ބިން ޙަމަދު ބިން ޙައްމޫދުލް ބޫސަޢީދީއާ އެކު ގުޅިފައިވާ ނޫސް ބައްދަލުވުމެއް ބޭއްވެވިއެވެ. މި ބައްދަލުވުމުގައި ލެވްރޯވް ވިދާޅުވިއެވެ. "ޔޫރަޕްގައި ހަނގުރާމައެއް ފެށިދާނެތީ ތިޔަބޭފުޅުން ކަންބޮޑުވެ ވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެން ވެސް އެފަދަ ކަމަކަށް ނޭދެމެވެ." އެހެނަސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަ ބޭފުޅުންގެ ސަމާލުކަމަށް ގެންނަމެވެ. މި ހަނގުރާމަ ހިނގަމުން މި ދަނީ ހުޅަނގުން ރަޝިޔާ ބަލިކުރަންޖެހޭނެއޭ ބުނެ ހަނގުރާމަ ކުރުމަށް ޔުކްރޭނަށް ހިތްވަރުދެމުން ދާތީއެވެ."

ރޫސީ ވަޒީރު ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ ގިނަ މަސްއަލަތަކުގައި ރަޝިޔާއާއި ޢުމާނުގެ ރައުޔު އެއްގޮތެވެ. ޔުކްރޭން މަސްއަލައިގައި ޢުމާނުން ގެންގުޅޭ ތިލަފަތް ހަމަ ސިޔާސަތަށް ރޫސީ ޚާރިޖީ ވަޒީރު ތާރީފު ކުރެއްވިއެވެ.

ރަޝިޔާއިން ތެލާއި ގޭސް ގަތުން މަދުކުރުމަށް ޔޫރަޕްގެ އިއްތިޙާދުން ފިޔަވަޅުތައް އަޅަމުންދާތީ ލެވްރޯވް ވިދާޅުވިއެވެ. "ހުޅަނގު ޔޫރަޕުން ބޭރުގައި ރަޝިޔާގެ ތެލާއި ގޭސް ގަންނަން ބޭނުންވާ ޤައުމުތައް އެބަ އޮތެވެ." ލެވްރޯވް ވިދާޅުވިއެވެ. "ރަޝިޔާ އަތުން ލިބޭ އަގަށްވުރެ ބޮޑު އަގުގައި ހުޅަނގުން ގޭހާއި ތެޔޮ ގަންނަން ދޫކޮށްލާށެވެ! އެ ޤައުމުތަކުގެ ރައްޔިތުން ފަޤީރުވުމަށް ދޫކޮށްލާށެވެ!"

ލެވްރޯވް ޢުމާނުގެ ވަޒީރު ބަދްރުލް ބޫސަޢީދީއާއެކު ބޭއްވެވި ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި އެ ދެބޭފުޅުން އެ ދެ ޤައުމުގެ ދެމެދުގައިވާ ތަފާތު ގުޅުންތައް އިތުރަށް ތަރައްޤީ ކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސޫރިޔާގެ މަސްއަލައިގައި ޢުމާނުން ގެންގުޅޭ ތަވާޒުނު ސިޔާސަތަށް ލެވްރޯވް ތާރީފު ކުރެއްވިއެވެ. "ޢަރަބި ޢާއިލާގެ ތެރެއަށް ސޫރިޔާ އަނބުރާ ގެނައުމަށް ޓަކައި ޢުމާނަށް މުހިއްމު ދައުރެއް ކުޅެވިދާނެ ކަމަށް" ލެވްރޯވް ވިދާޅުވިއެވެ.

ރޫސީ ޚާރިޖީ ވަޒީރު އިޝާރާތް ކުރެއްވި ގޮތުގައި ޔުކްރޭންގައި ޙަމަލާތައް ކުރިއަށްދާ ގޮތުގެ ތަފްޞީލުތައް ޢުމާނުގެ މަސްއޫލުވެރީންނަށް އޭނާ ވާނީ ދަންނަވައިފައެވެ. މި ކަމުގެ ސަބަބުން އަންނަމުންދާ ޖިޔޯސިޔާސީ ދުރުމިންތައް ވެސް އޭނާ ޢުމާނަށް ހާމަކޮށް ދެއްވިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "ޔުކްރޭންގައި ރަޝިޔާގެ ލަނޑުދަނޑިތައް ވަރަށް ސާފެވެ. އެންމެ މުހިއްމު ކަމަކީ ޑޮންބާސް ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމެވެ. ދެވަނަ ކަމަކީ ހުޅަނގުގެ އެހީއާއި މަދަދުގައި ރަޝިޔާއަށް އޮތް ބިރަކަށް ޔުކްރޭން ބަދަލުވެގެން ދިޔުން މަނާކުރުމެވެ."

ލެވްރޯވް ވިދާޅުވި ގޮތުގައި އދ ޖަމްޢިއްޔާ އޭގެ މަތީގައި ޤާއިމު ކުރެވުނު އުޞޫލުތަކަށް މޮސްކޯއާއި މަސްޤަޠު ތާއީދުކުރެއެވެ. އަދި މި އުޞޫލުތަކުގައި ހިފެހެއްޓުމަށް ދުނިޔެއަށް ގޮވައިލައެވެ. މި ނޫސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢުމާނުގެ ޚާރިޖީ ވަޒީރު ބަދްރުލް ބޫސަޢީދީ އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަދެއްކުންތަކުގައި ރަޝިޔާއިން ގެންގުޅޭ ސިޔާސަތަށް ތާރީފު ކުރައްވައި މޮސްކޯއަށް ޝުކްރު އަދާކުރެއްވިއެވެ.

ޔުކްރޭންގެ މަސްއަލައަށް ޞުލްޙަވެރި ޙައްލެއް ގެނައުމަށް ޓަކައި އެންމެން އަތުކުރި އޮޅައިލުމަށް ޢުމާނުގެ ވަޒީރު ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެން މި މަސްއަލައާމެދު ވިސްނަމުން މިދަނީ ވަރަށް ހިތްދަތިކަމާއެކުގައެވެ."

ރޫސީ ޚާރިޖީ ވަޒީރު މި ދަތުރުފުޅުގައި ޢުމާނުގެ ބޮޑު ވަޒީރުގެ ނައިބު ފަހްދު ބިން މަޙްމޫދު އާލު ސަޢީދާ ވެސް ބައްދަލު ކުރެއްވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *