ރޫސީ ސިފައިން ޔުކްރޭންގެ ބޮބަންސާ ސަހަރު ހިފުމަށްފަހު މިހާރު ވަނީ ލޮގަންސްކް ސަހަރުގެ އިދާރީ ސަރަޙައްދާ ހަމައަށް ވާޞިލުވެފައި ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން އިޢުލާން ކޮށްފިއެވެ.
ރޫސީ ދިފާޢީ ވުޒާރާގެ ތަރްޖަމާނު އީގޯރު ކޮންޝިންކޯވް ވިދާޅުވާގޮތުގައި ރޫސީ ސިފައިންނާއި ލޮގަންސްކް މިނިވަންކުރުމަށް މަސައްކަތްކުރާ ލޮގަންސްކްގެ ހަނގުރާމަވެރީން މިހާރުވަނީ "ޔުކްރޭންގެ ޤައުމީ ސިފައިންގެ އަތުން ބޮބާންސްކް ހިފައިފައެވެ."
ރޫސީ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި މި ޙަމަލާގައި ޔުކްރޭން ސިފައިންގެ 16 މަރްކަޒެއް ފުނޑުފުނޑުކޮށްލައި ސިފައިންގެ އިސް މަރްކަޒުތަކުން 33 މަރްކަޒަކާއި ހަތިޔާރާއި ހަކަތައިގެ 5 ގުދަނެއް ހަލާކުކޮށް ނައްތައިލެވުނެވެ.
ޔުކްރޭނުން ބުނާގޮތް
އަނެއްކޮޅުން ޔުކްރޭނުގެ ޗީފް އޮފް ސްޓާފުގެ އޮފީހުން މިއަދު ބުނިގޮތުގައި ރޫސީ ސިފައިން ދަނީ ލީމާންސެވެއަރާއި ޑޮނެޓްސްކް ސަރަޙައްދަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ. މި ދެ ސަރަޙައްދަކީ ވެސް ޑޮންބާސް ސަރަޙައްދުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. ޔުކްރޭނުން ބުނާގޮތުގައި އެ ޤައުމުގެ ސިފައިން ރޫސީ ސިފައިންގެ 15 ޙަމަލާއެއް ވަނީ މަތަކޮށް ހުއްޓުވައިފައެވެ. ޔުކްރޭނުން ބުނާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެމީހުން ވަނީ ރޫސީ ސިފައިންގެ 350 މީހުން މަރައިލައިފައެވެ. ޔުކްރޭން ބުނާގޮތުގައި މި ހަނގުރާމައިގައި ރޫސީ ސިފައިންގެ ޖުމްލަ 26 ހާސް ސިފައިން މިހާތަނަށް މަރައިލައިފައެވެ.
އޮޑީސާއަށް ޙަމަލާ ދިނުން ކުރިއަށް
ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ރޫސީން އޮޑީސާ ސަރަހައްދަށް ދެމުންގެންދާ ޙަމަލާތައް މިއަދުވެސް ކުރިއަށް ގެންދިޔައެވެ. ރޫސީ ސިފައިން އޮޑީސާގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ފޮންޓާންކާ ސަރަޙައްދުގެ ޝޮޕިންގ މޯލަށް ދިން ޙަމަލާގައި އެ ތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޖަޒީރާ ބުނާގޮތުގައި އޮޑީސާ ސަރަޙައްދުގައި ރޭ އެތައް ފަހަރަކު ގޮވާ އެއްޗެހި އިރުކޮޅުން ގޮވަމުން ދިޔަ އަޑު އިވުނެވެ.
ރޫސީ ސިފައިން އޮޑީސާ ސަހަރަށް ވައިގެ ޙަމަލާތަކެއް ދިން ވަގުތު ވެފައި ވަނީ ޔޫރަޕްގެ މަޖިލީހުގެ ރައީސް ޝަރލް މިޝޭލް ޔުކްރޭނުގެ ބޮޑުވަޒީރު ޑެނިސް ޝަމީހާލާ އާ އެކު އެ ސަހަރަށް ޒިޔާރަތް ކުރެއްވި ވަގުތާއެވެ. މި ޙަމަލާތަކުން ރައްކައުތެރިކަން ހޯއްދެވުމަށް ޓަކައި އެ ދެބޭފުޅުން ބިންގަރާހަކަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތެވެ.
ޒުމައިނީ ޖަޒީރާއަށް
ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޔުކްރޭންގެ ޢަސްކަރީ ބާރުތަކުން ކަޅު ކަނޑުގައި އޮންނަ ޒުމައިނީ ޖަޒީރާއަށް ވޭތުވެދިޔ ދެދުވަހު "މާޔޫސީ ޙަމަލާތަކެއް" ދިނެވެ. ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ މުޝީރުންގެ ލަފާގެ މަތިން ޔުކްރޭންގެ ރައީސް ޒިލެންސްކީގެ ސީދާ އަމުރަށް ޔުކްރޭންގެ ޢަސްކަރިއްޔާގެ ވެރިން ދަނީ މި ޖަޒީރާއަށް "ޖެއްސުން ކުރުމުގެ ޙަމަލާތަކެއް" ދިނުމަށް ރާމުންނެވެ. މިއީ އޮޑީސާއާ 142 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. މި ޖަޒީރާ ހިފަން ކުރި މަސައްކަތުގައި ޔުކްރޭން ސިފައިންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ނާކާމިޔާބު ލިބިފައިކަމަށް ރަޝިޔާއިން ބުންޏެވެ.
"ރޫސީން ބަލިކޮށް ލެވުމުން ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ޔުކްރޭން ބަނދަރުތައް އަލުން ހުޅުވި ޔުކްރޭނުގެ އިޤްތިޞާދު ދިރެންފަށާނެ ކަމަށް" ޔުކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރީ ކޮލީބާ މިއަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންނަށް ޢަސްކަރީ އިތުރު އެހީތައް ލިބިއްޖެނަމަ ޚަރސަން ސަރަޙައްދުން ރޫސީ ސިފައިން ބޭރުކޮށްލެވިދާނެއެވެ. އޭރުން ރޫސީ ސިފައިންގެ ކަޅު ކަނޑުގެ ފްލީޓު ވެސް ބަލިކޮށްލެވޭނެއެވެ."
އާޒޫވުސްޓާލް އެކުވެނި
ޖަޒީރާގެ ރިޕޯޓަރު އާޒޫވުސްޓާލް އެކުވެނީގައި ތިބި ޔުކްރޭންގެ ހަނގުރާމަވެރީންނާ ޙަވާލާދީ ބުނިގޮތުގައި ރަޝިޔާގެ ކަނޑުގެ ސިފައިންގެ އެހީގައި "ދުޝްމަނުން ދަނީ މި އެކުވެންޏަށް ވަންނާން މަސައްކަތް ކުރަމުންނެވެ. އެމީހުން ބުނިގޮތުގައި މި އެކުވެންޏަށް ރޭ 34 ވައިގެ ޙަމަލާދިނެވެ. އަދި ރޫސީ މަނަވަރުތަކުގެ ބޮޑބަޑިތަކުން ދަނީ މެދު ނުކެނޑި ޙަމަލާތައް ދެމުންނެވެ."
މާރިޔަޕޮލްގެ މޭޔަރުގެ އެހީތެރިއެއްކަމުގައިވާ ޕެޓްރޯ އާންޑްރިޔޯޝިންކޯވް ވިދާޅުވާ ގޮތުގައި އަދި ވެސް އެ ތާނގައި ޢާންމުންގެ 100 މީހަކު އެބަ ތިއްބެވެ. އޭނާ ވިދާޅުވިގޮތުގައި ވަކިވެގަތުމަށް މަސައްކަތް ކުރާ މީހުންނާއި ރޫސީ ސިފައިން ވަނީ އެ އެކުވެނި ހުރިހާ ފަރާތަކުން ވަރުގަދައަށް ޙިޞާރުކޮށްފައެވެ.



advertisment