އިސްލާމީ މުޖްތަމަޢުތަކާ ބެހޭ ޢާލަމީ މަޖިލީހަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ބައިނަލްއަޤްވާމީ މަހާ ސިންތާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އަބޫ ޡަބްއިގެ މީޑިޔާތަކުން ބުނެފިއެވެ. އަލްޚަލީޖު ދުވަހު ނޫސް ބުނާގޮތުގައި މި މަހާސިންތާގައި 150 ދައުލަތް ބައިވެރިވާނެއެވެ.
މި މަހު އަށަކުން ނުވަޔަކަށް އަބޫ ޡަބްއިގައި ބާއްވާ މި މަހާސިންތާގައި ބަޙުސްކުރުމަށް ހަމަޖެހިފައި ވަނީ "އިސްލާމީ އެއްބައިވަންތަކަން… އޭގެ މަފްހޫމު… ފުރްޞަތުތައް… ގޮންޖެހުންތައް" އާމެދުއެވެ.
މި މަހާސިންތާ ފެށުމަށް ހަމަޖެހިފައިވާކަން އިޢުލާން ކުރައްވަމުން މި މަޖިލީހުގެ ރައީސް ޑރ. ޢަލީ ރާޝިދުއް ނުޢައިމީ ވިދާޅުވިއެވެ. "މި ދިޔަ ސައްތައިގެ ކުރީކޮޅުން ފެށިގެން މުސްލިމުންގެ ސިކުނޑިތަކަށް ވެރިވެފައިވާ އެންމެ ބޮޑު މަސްއަލައަކީ އިސްލާމީ އެއްބައިވަންތަކަމުގެ މަސްއަލައެވެ." އޭނާ ވިދާޅުވިގޮތުގައި މި ޒަމާނުގައި އެ މަސްއަލަ ފެށިފައި ވަނީ ހުޅަނގުގެ އިސްތިޢުމާރުގެ ވަކިތަކުން މިނިވަންކަން ހޯދުމުގެ ޙަރަކާތްތަކާއެކު އުފެދުނު ފިކްރީ މަސްއަލައެއްގެ ގޮތުގައެވެ. މި ކަމުގެ ސަބަބުން މުފައްކިރުންނާއި ލިޔުންތެރީންނާއި ތަޢުލީމުޔާފުތާއީންގެ ޚިޔާލުތައް އުދުއްސައިގެންފައި ވެއެވެ.
އޭނާ ވިދާޅުވިގޮތުގައި އިސްތިޢުމާރުންގެ ކިބައިން އިސްލާމީ ޤައުމުތައް ސަލާމަތްވުމާ ވިދިގެން މުސްލިމުންގެ ސިޔާސީ އިޖްތިމާޢީ ފިކްރީ ޢަނާޞިރުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ވެރިކަމަށް އައުމަށް ޓަކައި އިސްލާމީ އައިޑިޔަލޮޖީގެ ހިޔަލުގައި ސިޔާސީ ޕާޓިތައް ވަނީ އުފެދިފައެވެ. މި ބަދަލުތަކުގެ ސަބަބުން ކުރީގެ މުފައްކިރުން ގެންގުޅުއްވި އިސްލާމީ އެއްބައިވަންތަކަމުގެ މަފްހޫމު މިއަދު ވަނީ ކިލަނބުވެފައެވެ.ބަދަލުވެފައެވެ.
އައްނުޢައިމީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިސްލާމީ އެއްބައިވަންތަކަމަކީ އިންސާނިއްޔަތުގެ ރާސްތާ ތަރައްޤީކޮށް ކުރިއަށް ގެންގޮސްދިން އީޖާދީ ކުރުންތެރި ޙަޟާރަތެއް ޤާއިމުކުރި އެއްބައިވަންތަކަމެކެވެ. އެއީ އިސްލާމީ އުންމަތަށް ޙަޟާރީ އިޖްތިމާޢީ އެއްބައިވަންތަކަމެއް ފަރުމާކޮށް ބައްޓަންކޮށްދިން އެއްބައިވަންތަކަމެކެވެ. މި އެއްބައިވަންތަކަމުގައި ތަފާތު އެތައް ސަޤާފަތްތަކެއް އޭގެ ސިންދަފާތުކަމާއެކު ގެތި ލާމެހިފައި ވެއެވެ.
އޭނާ ވިދާޅުވިއެވެ. "ޙަޟާރަތީ މި އެއްބައިވަންތަކަން އެތައް ސައްތަތަކަކަށް ދެމިގެން ދިޔައެވެ. މި ޙަޟާރަތު ދާއިމީ ސިފައެއްގައި ފެތުރެމުން އައިސްފައިވަނީ އެތައް ރައްޔިތުންތަކަކާއި ސަޤާފަތްތަކެއް އުނގަށްލައިގެންނެވެ. އޭނާ ވިދާޅުވިގޮތުގައި މި މަހާސިންތާގައި ބަޙުސްކުރެވޭނީ ޙަޔާތުގެ ތަފާތު މައިދާންތަކުގައި އިސްލާމީ އެއްބައިވަންތަކަން ކުޅެފައިވާ ދައުރާއި މި އެއްބައިވަންތަކަމުގެ އަރުތަތަކާ ބެހޭގޮތުންނެވެ." މި ޒަމާނުގެ ޢާލަމީ ޙަޟާރަތުގެ އަސާސަކީ އިންސާނީ ޙަޟާރަތެއް ބިނާކުރުމުގައި މި އިސްލާމީ އެއްބައިވަންތަކަން ކުޅެފައިވާ ދައުރުކަންކަމަށް އޭނާ ވިދާޅުވިއެވެ. މި މަހާސިންތާގައި މި ކަން ހާމަކުރެވޭނެއެވެ.
މީގެ އިތުރަށް އިސްލާމީ އެއްބައިވަންތަކަމުގެ މަފްހޫމު ހަމަމަގުން ކައްސާލައިގެން ދިޔަ ތާރީޚީ ޒުރޫފުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ބަޙުސް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މި މަހާސިންތާއަށް އިސްލާމީ އެއްބައިވަންތަކަމާ ބެހޭގޮތުން ތަފާތު 100 ކަރުދާސް ހުށައެޅޭނެއެވެ. މީގެ އިތުރަށް މި ގިއުގަނޑުގެ ތެރޭގައި މި މަހާސިންތާގެ ހަވާސާގައި ތަފާތު ތަޤްރީރުތައް ވެސް ކުރެވޭނެއެވެ. މި މަހާސިންތާގައި 105 ބޭފުޅަކު ވާހަކަފުޅު ދައްކަވާނެއެވެ. ދުނިޔޭގައި މުސްލިމުން އުޅޭ ތަފާތު ޤައުމުތައް މި މަހާސިންތާގައި ބައިވެރިވާނެއެވެ.
.



advertisment