ޔަހޫދީ އާބާދީއެއް ކަމުގައިވާ "އިލްޢާދު" އަށް ފަލަސްޠީނުގެ ފިދާއީއަކު (ނުވަތަ ފިދާއިންތަކެއް) ރޭ ދިން ޙަމަލާއެއްގައި އެ އާބާދީގައި ދިރިއުޅޭ ތިން ޔަހޫދީން މަރުވެ ދެ މީހަކު ވަރަށް ބޮޑަށް ޒަޚަމުވެއްޖެއެވެ. މި ޙަމަލާ ދިނީ ޔަޙޫދީ ދީނީ މީހުން ދިރިއުޅޭ ތަނަކަށް ވާތީއާއި، މި އާބާދީ އޮންނަނީ ތައްލު އަބީބު ކައިރީގައި ކަމަށް ވާތީއާއި އަދި މި ޙަމަލާ ދިނީ އިސްރާއީލުން އެ ތަނުގެ 74 ވަނަ "މިނިވަން ދުވަސް" ފާހަގަކުރަމުން ދަނިކޮށް ކަމަށް ވާތީ މި ޙާދިސާގެ ސަބަބުން އިސްރާއީލުގެ ސަލާމަތީ ބާރުތަކަށާއި ސިޔާސީންނަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ.
މި ޙަމަލާދިން ފަލަސްޠީނު މީހުން ހޯދުމަށް ޓަކައި އިސްރާއީލު ފުލުހުން އެ ހިސާބުގައި އަތްފުނާއަޅަމުންދާތީ އެ ހިސާބުގައި ދިރިއުޅޭ ޔަހޫދީން ގެއިން ބޭރަށް ނުނުކުމެ ތިބުމަށް ވަނީ އަންގައިފައެވެ.
މި ކަން ކުރީ ފަލަސްޠީނުގެ ކޮން ޖަމާޢަތެއްގެ ބަޔަކު ކަމެއް ކަށަވަރެއް ނޫނެވެ.
އިސްރާއީލުގެ ބަރްލަމާނު ކަނީސަތުގެ ރައީސް ޔޫލީ އެޑްލުޝްޓައިން ވިދާޅުވިއެވެ. "މިނިވަންދުވަހުގެ އުފާ މި ވަނީ ހިތާމަވެރި ބިރުވެރި ދުވަހަކަށް ވެފައެވެ. މިއީ މި ރަށުގައި އުޅުމަށް ޓަކައި ދައްކަން ޖެހޭ ބޮޑު އަގެވެ."
އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު މި ޙާދިސާއަށް ކޮމެންޓް ކުރައްވަމުން ވިދާޅުވިއެވެ. "އިސްރާއީލުގެ މިނިވަން ދުވަސް ނިމުނީ ވަރަށް ބޮޑު ހިތާމައަކުންނެވެ."
އިސްރާއީލުން މި ކިޔާ މިނިވަން ދުވަހަށް އަރަބީން ކިޔަނީ "މުޞީބާތުގެ ދުވަސް" އެވެ.
ބުރާސްފަތި ދުވަސް ޔަހޫދީން ފަށައިފައި ވަނީ އަޤްޞާ މިސްކިތަށް ވަދެ އެ ތާނގައި ޟުޙާ ނަމާދު ކުރަން ތިބި މީހުންނަށް ދިން ޙަމަލާތަކުންނެވެ. މި ޙަމަލާތައް ދިން ޔަހޫދީ ވަޒަން މި މިސްކިތުގެ ޙުރްމަތް ކަނޑައިފައި ވަނީ އިސްރާއިލު ފުލުހުންގެ އެހީއާއި ޙިމާޔަތް ލިބިގެންނެވެ. އިސްރާއީލު ފުލުހުން މި މިސްކިތުގައި ތިބި މީހުން ގަދަކަމުން ބޭރަށް ނެރުނީ ރަބަރު ވަޒަނުގެ ޙަމަލާތަކުންނެވެ. މި ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ސާޅީހަކަށް މީހުން ޒަޚަމުވިއެވެ.
އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި އެތާނގެ ދާޚިލީ އަމްނާ ބެހޭ ވަޒީރު މިހާރު ދަނީ މަސްރަޙު އަގުކުރައްވައި ވަޒަންކުރައްވަމުންނެވެ. އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި ބޮޑުވަޒީރު ބެނެޓް އިސްރާއީލުގެ އަމްނާބެހޭ އިދާރާތަކުގެ ވެރީންނާއެކު ސަލާމަތީ މަޝްވަރާތަކެއް މިއަދު ބާއްވަވާނެއެވެ.
އިސްރާއީލުގެ އިލްޢާދުގައި މި ދިން ޙަމަލާއަކީ ޙަމާސްގެ ޢަމަލެއް ކަމަށް އިސްރާއީލުގެ ބައެއް ސިޔާސީން ވިދާޅުވެއެވެ. މި ކަމަށް ބަދަލު ހިފުމަށް ޓަކައި ޣައްޒާއަށް ޙަމަލާ ދިނުމަށް އެބޭފުޅުން އިސްރާއީލު ސިފައިންނަށް ގޮވައިލެއްވިއެވެ. އިސްރާއީލުގެ ކަނާތު ފިޔައިގެ ޙައްދުފަހަނަޅައިވާ ބަރްލަމާނީ މެންބަރެއް ކަމުގައި އީތުމާރު ބިން ޣަފީރު ކުރެއްވި ޓްވީޓެއްގައި ޣައްޒާގައި ހުންނަ ޙަމާސުގެ އިސްވާރެއް ކަމުގައި ޔަޙްޔާ އައްސިންވާރުގެ ގެއަށް ބޮންއަޅައި އޭނާ އަވަހާރަކޮށްލުމަށް އިސްރާއީލުގެ ވައިގެ ބާރުތަކަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ޙަމަލާ ދިނުމަށް ހިތްވަރު ދެއްވީ އޭނާއެވެ.
ސިންވާރު ފަލަސްޠީނު މީހުންނަށް އިސްރާއީލުން އަޤްޞާއަށް ދެމުންގެންދާ ޙަމަލާތަކަށް ރައްދު ދިނުމަށް ގޮވައިލައްވައި ވިދާޅުވިއެވެ. "ހަތިޔާރު ނެތް މީހަކު ކޯރާޑި ހިފައިގެން ނުކުންނާށެވެ." އިލްޢާދަށް ޙަމަލާ ދީފައިވާނީ ކޯރާޑިއަކުންނެވެ.
އިސްރާއީލުގެ ސަލާމަތީ މަޞްދަރުތަކާ ޙަވާލާދީ އިސްރާއީލުގެ މީޑިޔާތައް ބުނާގޮތުގައި އިލްޢާދަށް މި ދިން ޙަމަލާ ދިނީ ހުޅަނގު އައްސޭރީގެ ދެ މީހެކެވެ. އިސްރާއީލުގެ ފުލުހުންނާއި ސަލާމަތީ ބާރުތައް ބުނާގޮތުގައި މި ޙަމަލާ ދިނީ ޖަނީން ސަހަރު ކައިރީގައި އޮންނަ ރުއްމާނާ ރަށުގެ ދެ މީހެކެވެ. މި ދެ މީހުންނަކީ 19 އަހަރުގެ އަސްޢަދުއް ރިފާޢީއާއި 20 އަހަރުގެ ޞުބްޙީ އަބޫ ޝުޤައިރެވެ. އިސްރާއީލުން ވަނީ މި ދެ ޒުވާނުންގެ ފޮޓޯ ޢާންމުކޮށްފައެވެ.



advertisment