ތުނބުޅި ވާރު
މި ކަން ފެށެނީ 1696ވަނަ އަހަރު ރޫސީވިލާތުގެ ރަސްކަމަށް ޕީޓަރ (ދަ ގްރޭޓް) އިސްކުރެވުނު ހިސާބުންނެވެ. އޭނާ ރޫސީވިލާތަށް އަވަށްޓެރި އެތައް ބިންތަކެއް އިތުރުކުރައްވައި ރޫސީ އެންޕަޔަރ ފުޅައުކުރެއްވިއެވެ. ޔޫރަޕްގައި ރޫސީވިލާތް ބޮޑު ބާރަކަށް އޭނާ ހެއްދެވިއެވެ. އެ ދުވަސްވަރު ރަޝިޔާއަކީ ޔޫރަޕާ މާ ގުޅުން ބޮޑު ދައުލަތެއް ނޫނެވެ. މިހެންވެ އޭނާ 1697 އާއި 1698އާ ދެމެދުގައި ވަންހަނާ ގޮތަކަށް ހުޅަނގު ޔޫރަޕްގެ ބައެއް ޤައުމުތަކަށް ދަތުރުފުޅެއް ކުރެއްވިއެވެ.
މި ދަތުރުފުޅަށް ބޮޑު ސަފާރާ (The Grand Embassy) ގެ ނަންދެވިފައި ވެއެވެ. ރޫސީ ޒާރު މި ދަތުރުފުޅުގައި ޒިޔާރަތް ކުރެއްވި ޤައުމުތަކަކީ ހޮލެންޑާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ހުޅަނގު ޔޫރަޕްގެ ބޮޑެތި ސަހަރުތަކެވެ. ރޫސީވިލާތާ އަޅައިބަލާއިރު މި ޤައުމުތައް މާ ބޮޑަށް ތަރައްޤީވެ ކުރިއަރާފައިވާތަން ޒާރަށް ފެނިވަޑައިގަތެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި އޭނާގެ ޤައުމު ރަޝިޔާ އަދިވެސް އޮތީ މެދުޒަމާނުގައެވެ. އޭނާއަށް ވިސްނިވަޑައިގެންނެވި ގޮތުގައި ރަޝިޔާ ކުރިނޭރުމުގެ ސަބަބަކީ ނަޞާރާދީނުގެ ރާހިބުންނެވެ.

ޒާރު ޤައުމަށް އެނބުރިވަޑައިގެން ސަޤާފީ އައު ސިޔާސަތެއް ފަރުމާ ކުރައްވައި ރޫސީވިލާތް ޒަމާނީ ކުރެއްވުމުގެ މަޝްރޫޢުތަކެއް ފެށްޓެވިއެވެ. އޭނާ ރަޝިޔާގެ ކަލަންޑަރު އިޞްލާޙު ކުރައްވައި ރަޝިޔާ ބަސް ލިޔުމަށް ބަދަލުތަކެއް ގެންނެވިއެވެ. އަދި މޮސްކޯގެ ބަދަލުގައި ސޭންޓް ޕީޓަސްބަރގް ބިނާކުރައްވައި ރޫސީވިލާތުގެ އައު ވެރިރަށް ކަމުގައި ހެއްދެވިއެވެ.
ނާތަހްޒީބީ ސިފަތަކެއް ކަމުގައި އޭނާއަށް ފެނިވަޑައިގެންނެވި ކަންތައްތައް ހުޅަނގު ޔޫރަޕާ އެއްގޮތަށް ބަދަލު ކުރައްވަން ފެށްޓެވިއެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ރަޝިޔާ މީހުން ފާދިރީންގެ އަމުރަށް ތުނބުޅި ބަހައްޓަމުންދާ ދިޔުމަކީ ތަރައްޤީވެފައިވާ މީހުން އެކަމާ ދުރުހެލިވާން ޖެހޭނެކަމެކެވެ. އެހެނަސް އޭނާއަށް މާ ފަސޭހައިން މި ކަމެއް ނުކުރެއްވުނެވެ. އޭނާގެ އަރިހުގައި އުޅޭ އެންމެންނަށް ތުނބުޅި ބާލަން ޒާރު އަމުރުކުރެއްވިއެވެ. ނަމަވެސް މިކަމުގައި އެމީހުން ވަރަށް ބޮޑަށް ރުޅިއައިސް ޒާރުގެ އަމުރުފުޅަށް ކިޔަމަންގަތުމާ ދެކޮޅު ހެދިއެވެ. އެމީހުން ޤަބޫލު ކުރާ ގޮތުގައި ތުނބުޅި ބެހެއްޓުމަކީ ދީނީ ކަމެކެވެ. ތުނބުޅި ބޭލުވުމަށް ޓަކައި އެތައް މަސައްކަތެއް ކުރައްވައިގެން ވެސް އޭނާއަށް ކާމިޔާބު ލިބިވަޑައެއް ނުގަތެވެ. މިހެންވެ އޭނާ މި ކަން ކުރެއްވުމަށް އެހެން ވަސީލަތެއް އީޖާދު ކުރެއްވިއެވެ. އޭނާ ނިންމެވީ ތުނބުޅި ބަހައްޓާ މީހުން އަތުން ވާރެއް ނެންގެވުމަށެވެ. މި ކަމުގެ ސަބަބުން ދައުލަތު ޚަޒާނާއަށް އާމްދަނީ އިތުރުވާނެތީއެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި މި ފަދަ މާއްދީ ތުރާލެއް އުފުއްލުމުގެ ބަދަލުގައި އެމީހުން ތުނބުޅި ބާލާނެއެވެ. އޭނާ ކަނޑައެޅުއްވީ މުއްސަނދި ވިޔަފާރިވެރީންގެ ތެރެއިން ތުނބުޅި ބަހައްޓާ ކޮންމެ މީހަކު އަހަރަކު 100 ރޫބެލް ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށެވެ. ގަނޑުވަރުތެރޭގެ ބޭފުޅުންނާއި ސަރުކާރުގެ މުވައްޒަފުންނާއި ސަހަރުތަކުގެ ރައްޔިތުންގެ އަތުން އަހަރަކު 60 ރޫބެލް ނެގުމަށެވެ. ރަށްފުށުގެ މީހުން އަތުން ނަގަން ހަމަޖެއްސެވީ ވަރަށް ކުޑަ އެއްޗެކެވެ. ކުރީގެ ވެރިރަށް މޮސްކޯ މީހުން އަތުން އަހަރަކު 30 ރޫބެލެވެ.

މި ވާރު ދައްކާ މާތް މީހުންނަށް ރިހީގެ މެޑެއްޔެއް ދެވުނެވެ. ޢާންމުންނަށް ދެވުނީ ލޮއި މެޑެއްޔެކެވެ. މި މެޑެލީގެ އެއްފުށުގައި ދައުލަތުގެ ރަމްޒުކަމުގައިވާ ބާޒު އަނެއް ފުށުގައި ތުނބުޅިލައިފައިވާ ނޭފަތަކާއި ތުނބުޅިލައިފައިވާ އަނގައެއްގެ ކުރެހުން ވެއެވެ. މި މެޑެލިން އޭނާއަކީ ތުނބުޅީގެ ވާރު ދައްކައިފައިވާ މީހެއްކަން އެނގޭނެއެވެ.
ރަޝިޔާގެ އާސާރީ ޢިލްމުވެރީންނަށް ރަޝިޔާގެ ބިސްކޯފުން ރަޝިޔާ ފައިސާގެ ކޯބެކް (ރޫބެލަކީ 100 ކޯބެކް) ފޮއްޗެއް ފެނިފައި ވެއެވެ. މި މަޢުދަން ފޮތީގެ އެއްފުށުގައި ދުނިޔެ ހެއްދެވި އަހަރުން ފެށިގެން (7207 ވަނައަހަރު) އަނެއް ފުށުގައި ތުނބުޅިއެއް ކުރަހައިފައި ވެއެވެ. އަދި ވާރު ދައްކައިފާ މި ޢިބާރާތް ލިޔެފައިވެއެވެ. މި ފައިސާއަށް ތުނބުޅި ފައިސާ އޭ ކިޔުނެވެ.

ތުނބުޅިން ވާރު ނެންގެވީ ހަމައެކަނި ރަޝިޔާގެ ޒާރެއް ނޫނެވެ. އިނގިރޭސިވިލާތުގައި 1535 ވަނަ އަހަރު އަށް ވަނަ ހެންރީ ރަސްގެފާނު ތުނބުޅި ބަހައްޓާ މީހުން އަތުން ވާރު ނެންގެވިއެވެ. ދުވަސްކޮޅެއް ފަހުން މި ވާރު އުވާލެވުނެވެ. އެހެނަސް ފުރަތަމަ އެލިޒަބަތުގެ ރަނިކަމުގައި ތުނބުޅިން ވާރު ނަގަން އަލުން ފެށުނެވެ. އެކަމަނާގެ ވެރިކަމުގައި ދެ ހަފުތާއަށް ވުރެ ދިގު މުއްދަތަކަށް ތުނބުޅި ބެހެއްޓޭނީ ވާރު ދައްކައިގެންނެވެ.
ނިންމުން
ވާރު ނެގުމަށް ބަލާއިރު މި ފެންނަނީ ތަފާތު ކަންކަމަށާއި، ސަބަބުތަކަށް ޓަކައި ވާރުނެގިފައިވާ ތަނެވެ. އަދި މިއަދުވެސް ނެގެމުންދާ ކަމެވެ.
އިސްލާންދީނުގައި މާތް ﷲ ފަރްޟު ކުރައްވައިފައި ވަނީ ޒަކާތެވެ. ޒަކާތަކީ މުއްސަނދީން އަތުން ނެގޭ އެއްޗެކެވެ. މިއީ ފަޤީރުންނަށް ޓަކައި ނެގޭ އެއްޗެކެވެ. ދައުލަތަށް ދެވޭ އެއްޗެއްނޫނެވެ. ޒަކާތް ނެނގޭނީ ވަކި ބާވަތްތަކަކުން ވަކި ޝަރްޠުތަކެއްގެ މަތީންނެވެ.
ވިޔަފާރިކޮށްގެން ލިބޭ ފައިދާއިން ނިޞާބު ހަމަވެ އަހަރު ހަމަވުމުން ޒަކާތަށް ދޭން ޖެހޭނީ 2.5% އެވެ. އޭނާގެ މުއްސަނދިކަން ބޮޑުވުމުން ކުޑަވުމުން މި މިންވަރަށް ބަދަލެއް ނާންނާނެއެވެ.
ދަނޑު ގޮވާމާއި މޭވާގެ ބާވަތްތަކުގެ ތެރެއިން ޒަކާތަށް ދޭންޖެހޭ ބާވަތްތަކުން ނިޞާބު ހަމަވެއްޖެނަމަ ޒަކާތް ދިނުމުގައި ބަލާނީ ދެ ގޮތަކަށެވެ. ވާރޭގެ ސަބަބުން ނުވަތަ ބިމުގައި ހުންނަ ފެނުގެ ސަބަބުން ނަމަ ޒަކާތަށް ދޭންޖެހޭނީ 5% އެވެ. މޯޓަރުންފަދަ އެއްޗަކުން ފެންދީގެން ދަނޑުވެރިކަން ކުރިނަމަ ދޭން ޖެހޭނީ 10% އެވެ.
ގެރިބަކަރި ފަދަ ނަޢަމުސޫފިތައް ޢާންމު ދަނޑުތަކުން ހިލޭ ހުއިހައޕުވައިގެން ގެންގުޅުނުނަމަ ޒަކާތަށް ދޭންޖެހޭނީ ކޮންމެ ބާވަތަކުން ވަކި އުޞޫލަކުންނެވެ. އަމިއްލައަށް ކާއެއްޗެހި ގަނެގެން ގެރިބަކަރިފަދަ ނަޢަމުސޫފިތައް ގެންގުޅުނުނަމަ އެ ވާނީ ވިޔަފާރި މުދަލަކަށެވެ. ކުއްޔަށްދޭ ގޭގެ ވެސް ވާނީ ވިޔަފާރި މުދަލަކަށެވެ.
މި އުޞޫލުތަކާއި ޝަރްޠުތަކުގެ ސަބަބުން މުދަލުގެ ވެރިޔާއަށް އެއްވެސް އަނިޔާއެއް ނެތެވެ.
(ނިމުނީ)



advertisment