ގްރީކުންނާ އެއްގޮތަށް ރޯމަނުން ވެސް ޤަބޫލުކުރި ގޮތުގައި ސީދާ ވާރު ނެގުމަކީ އިންސާނީ މިނިވަންކަން ބަނދެލައި އެއްޗެކެވެ. އެހެނަސް އެމީހުން ވެސް އެމީހުން އިސްތިޢުމާރުކޮށް އަޅުވެތިކުރި ޤައުމުތަކުގެ ރައްޔިތުން އަތުން ވާރު ނެގިއެވެ.
ރޯމަން އެމްޕަޔަރުގެ ފަހު ޒަމާނުގައި އެމީހުން ރޯމަނުން އަތުން ވެސް ވާރު ނެގިއެވެ. ދައުލަތުގެ ޚަޒާނާ ނިކަމެތިވާއިރަށް ނަގާވާރު އިތުރު ކުރިއެވެ.
މީލާދީން ފަސްވަނަ ސައްތައިން ފެށިގެން ދަނޑުވެރީން އަތުން ވާރު ނަގަން ފެށިއެވެ. ދަނޑުވެރީން އަތުން ނަގަމުން ދިޔަ ވާރު ބޮޑުކަމުން އެމީހުން ސަރުކާރާ ދެކޮޅަށް ޖުރްމާނީ ޤަބީލާތަކަށް އެހީވިއެވެ. މި ކަމުގެ ސަބަބުން ރޯމް ވެއްޓިގެން ދިޔައެވެ. މުއައްރިޚުން ވިދާޅުވާ ގޮތުގައި ރޯމް ވެއްޓުނީ ވާރުގެ ސަބަބުންނެވެ.
ޢާންމު ގޮތެއްގައި ސަރުކާރުން ވާރު ނަގަނީ މުޖްތަމަޢުގެ މުއްސަނދީންގެ އަތުންނެވެ. ދައުލަތުން ވާރު ނަގަނީ ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދްމަތްތައް ދިނުމަށް ޓަކައެވެ. އެހެނަސް މި ޤަވާޢިދާ ޚިލާފަށް ވާރު ނަގައިފައިވެއެވެ.
އާދަޔާޚިލާފު ގޮތްގޮތަށް ނެގުނު ބައެއް ވާރުތަކުގެ ތެރޭގައި:
ފަރަންސޭސި ވިލާތުގައި ގޭގެ ދޮރުން ވާރު ނެގުން
ފަރަންސޭސިވިލާތަށް 1789ވަނަ އަހަރު ގެނައި އިންޤިލާބަށްފަހު ފަރަންސޭސި ރައްޔިތުން ވާރު ދެއްކުމާ ދެކޮޅު ހެދިއެވެ. މި ކަމުގެ ސަބަބުން ދައުލަތުގެ ޚަޒާނާއަށް ބާރު ބޮޑުވެގެން ދަތިވެގެން ދިޔައެވެ. މި މަސްއަލަ ޙައްލު ކުރެއްވުމަށް ޓަކައި ފަރަންސޭސި މާލީ ވަޒީރު ޑޮމީނީކް ރާމެލް ވަގުތީ ގޮތުން ގޭގޭގެ ދޮރުތަކުންނާއި ކުޑަދޮރުތަކުން ވާރު ނެގުމަށް ބަރްލަމާނަށް ހުށައެޅުއްވިއެވެ. ބަރްލަމާނުގެ މެންބަރުންގެ ތާއީދު ހޯއްދެވުމަށް ޓަކައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މިއީ އައު ކަމެއް ނޫނެވެ. މީލާދީން ފުރަތަމަ ސައްތައިގައި ޖޫލިއަސް ސީޒަރުގެ ވެރިކަމުގައި ގޭގޭގައި ދޮރު ބެހެއްޓެނީ ދޮރުދޮރަށް ވާރު ދައްކައިގެންނެވެ. މި ވާރަށް [Ostiarium] އޭ ކިޔުނެވެ."

މި ޤާނޫނުގެ ސަބަބުން ގޭގައި ދޮރެއް ބެހެއްޓޭނީ އެ ދޮރަށް ވާރު ދައްކައިގެންނެވެ. ސަރުކާރުގެ ޢިމާރާތްތައް ފަރަންސޭސިވިލާތުގައި ނަގަން ހަމަޖެހުނު މި ވާރުން އިސްތިސްނާކޮށްފައި ވެއެވެ. މި ވާރު ނުދައްކަން ވެގެން ފަރަންސޭސި ރައްޔިތުން އެމީހުންގެ ގޭގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކޮށް ކުދިކުދި އާނގަތައް ކެނޑިއެވެ. ވައި ދައުރު ނުވުމުގެ ސަބަބުން ކެއްސުން ބަލި ފަދަ ނުރައްކާތެރި ރޯގާތައް ފެތުރި ޢާންމުވިއެވެ. އަދި ކުޑަކުދީންނަށް ވިޓަމިން ޑީ ނުލިބުމުގެ ސަބަބުން އެ ކުދީންގެ ހަށިގަނޑުގައި ކަށީގެ ބަލިތައް ފެތުރުނެވެ. މި ވާރު 125 އަހަރު ވަންދެން ނެނގުނެވެ. އަދި 1926ގައި މި ވާރު ނެގުން ހުއްޓައިލަން މަޖްބޫރުވީ ޞިއްޙަތާ ބެހޭ ތަފާތު ޖަމްޢިއްޔާތަކާއި އިދާރާތަކުގެ ފިއްތުންތަކާ ހެދިއެވެ.
މިތޭން ގޭހުގެ ވާރު (ނުވަތަ ނަޢަމުސޫފީގެ ވާރު)
ދުނިޔެ ހޫނުވަމުންދާ މިންވަރު ކުޑަކުރުމަށް ޓަކައި ބައެއް ޤައުމުތަކުގައި މީތޭން ގޭސް ބޭނުންކުރާ ކުރުމުން ވާރު ނަގައެވެ. ނަޢަމުސޫފީގެ ސަބަބުން މިތޭން ގޭސް އިތުވަނީ އޭތި ހުއި ހަފާއިރު ބޭރުވާ ހޫނު ވައިގެ ސަބަބުންނެވެ. މި ވައިގައި ހިމެނޭ ގޭހަކީ މިތޭން ގޭހެވެ. ކާބަން ޑައި އޮކްސައިޑަށްވުރެ މި ގޭހުގެ ނުރައްކާތެރިކަން ބޮޑު ކަމަށް ތިމާވެށީގެ ބޭފުޅުން ވިދާޅުވެއެވެ. ކާރާއި ލޮރީއާއި ކަރަންޓު އުފައްދާ އިސްޓޭޝަންތަކުގައި ބޭނުންކުރާ ތެލާއި ބޯޓުދެލީގެ ސަބަބުން ޖައްވު ހޫނުވާ މިންވަރަށްވުރެ ބޮޑަށް ނަޢަމުސޫފީން، ޚާއްޞަކޮށް ގެރީގެ ސަބަބުން ޖައްވު ހޫނުވާ މިންވަރު ބޮޑުކަމަށް ދިރާސާތައް ބުނެއެވެ. ޔޫރަޕްގައި ގެރިބަކަރީގެ ސަބަބުން ޖައްވަށް އަރައިގެންދާ މިތޭން ގޭހުގެ މިންވަރަކީ 18% އެވެ. ނިވްޒީލެންޑްގައި މި މިންވަރު 55% ށް އަރައެވެ. މި ގޭސް ޖައްވަށް އެރުން މަދު ކުރުމަށް ޓަކައި ގެރިބަކަރި ގެންގުޅުން މަދުކުރުމަށް ދަނީ ގޮވައިލަމުންނެވެ.
ނިވް ޒީލެންޑްގައި 2003ވަނަ އަހަރު ގެރިބަކަރިން ވާރު ނެގުމުގެ މަސްއަލަ ބަރްލަމާނަށް ހުށައެޅުނެވެ. ނިވްޒީލެންޑްގެ އިޤްތިޞާދު ބިނާވެފައިވަނީ ގެރިބަކަރީގެ މަތީގައި ކަމަށް ވާތީ އެ ޤައުމުގެ ބަރްލަމާނުން ވަނީ އެ ޤާނޫނު ފާސްކުރުމާ ދެކޮޅު ހަދައިފައެވެ. ބައިނަލްއަޤްވާމީ ފިއްތުންތަކުގެ ސަބަބުން މިއަދު ދަނީ އެ ވާރު ނެގެމުންނެވެ. ޑެންމާކްގައި ގެންގުޅޭ ކޮންމެ ގެރިއަކުން ވާރުގެ ގޮތުގައި 110 ޑޮލަރު ދައްކަން ޖެހެއެވެ.

ބަނޑުލުމުން ނެގޭވާރު
މިއީ ޖަޕާނުގައި ނެގޭ ވާރެކެވެ. މި ވާރަށް metabo އޭ ކިޔެއެވެ. މި ވާރު ނަގަން ފެށުނީ 2008ވަނަ އަހަރުގައެވެ. މި ޤާނޫނު ބުނާގޮތުގައި ފިރިހެނުންގެ އުނަގަނޑުގެ ވަށަމިން ހުންނަން ޖެހޭނީ 45 ސެންޓިމީޓަރާއި (17.7 އިންޗި) އާއި 74 ސެންޓިމީޓަރާ (29.1 އިންޗި) ދެމެދުގައެވެ. އަންހެނުންގެ އުނަގަނޑުގެ ވަށަމިން ހުންނަން ޖެހޭނީ 85 ސެންޓިމީޓަރާއި (33.46އިންޗި) އާއި 90 ސެންޓިމީޓަރާ (35.43 އިންޗި) ދެމެދުގައެވެ. މިއީ ހަށިގަނޑު ފަލަވުމާ ދުރުކުރުމަށް ޓަކައި ޖަޕާނުން ތަޢާރުފުކުރި ވާރެކެވެ. މި މިންގަނޑަށް ނުފެތޭ މީހުންނަށް ތިން މަސްދުވަހުގެ ކަސްރަތު ތަމްރީނުތަކެއް ދީ މި މިންގަނޑަށް ފެއްތުމަށް އަހްލުވެރި ކުރެވެއެވެ. އަދި 2025 އަށް ދާއިރު ކުންފުނިތަކުގެ މުވައްޒަފުންގެ 25% މި މިންގަނޑަށް ފެތެން ޖެހޭނެ ކަމަށް ޖަޕާނުގެ މި ޤާނޫނު އަމުރު ކުރެއެވެ. މި މިންގަނޑަށް ނުފެތޭ މުވައްޒަފުންނަށް ވަޒީފާގެ ފުރްޞަތު ގެއްލިގެންދާނެއެވެ.



advertisment