މިޞްރު
މިޞްރުގައި މީގެ ތިން ހާސް އަހަރު ކުރިން ރައްޔިތުން އަތުން ވަނީ ވާރު ނަގަން ފަށައިފައެވެ. އެ ދުވަސްވަރު ވާރު ނަގަނީ އުފައްދާ ނުވަތަ ހައްދާ އެއްޗެހީންނެވެ. އެ ދުވަސްވަރު އަދި ފައިސާ އީޖާދެއް ނުކުރެއެވެ. އެ ދުވަސްވަރު ދައުލަތުގެ މުވައްޒަފުން ދަނޑުތައް ކައިރިއަށް ގޮސް ދަނޑުވެރީން ހައްދާ އެއްޗެހީން ދައުލަތަށް ބައެއް ނަގައެވެ.
މި މަސައްކަތް ރަނގަޅަށް ކުރުމަށް ޓަކައި ރަސްގެފާނު ޚާއްޞަ އިދާރާއެއް އުފައްދަވައި މި އިދާރާ ހިންގުމަށް ޓަކައި ވަޒީރަކު ޢައްޔަން ކުރެއްވިއެވެ. މި އިދާރާގެ މުވައްޒަފުންނަށް "ކާތިބުން"ނޭ ކިޔުނެވެ. މި ކާތިބުންނަކީ މުޖްތަމަޢުގައި ވަރަށް ޤަދަރުވެރި ބައެކެވެ. މިޞްރުގެ ޤަދީމީ ބުރްދިއްޔާތު (މާފާނު)ތައް ބުނާގޮތުގައި މި މަސައްކަތް ކުރާ ކާތިބުންނަކީ މުޖްތަމަޢުގައި ޤަދަރުވެރި ބަޔެކެވެ.
ރަސްގެފާނު ނަންގަވާ މި ވާރުގެ ސަބަބުން ފައިދާ ލިބޭ މީހުންގެ ތެރޭގައި ކާހިނުން (އަޅުކަން ކުރާ ތަންތަން ބަލަހައްޓާ މީހުން) ވެއެވެ. ޤަދީމީ ޒަމާނުގައި ރަސްގެފާނުގެ ބާރާ ވާދަކުރާ ބާރަކީ ކާހިނުންގެ ބާރެވެ. ހީރޯޑޮޓް ވިދާޅުވެފައި ވެއެވެ. "ކަރްނަކުގައި އާމޫނަށް އަޅުކަން ކުރުމަށް ބިނާކޮށްފައި ހުރި ބޮޑު ފައްޅީގެ ބާރު ރަސްގެފާނުގެ ބާރާ އެއްފަދައެވެ."

ޔޫނާން: ދޭސީ ރައްޔިތުން އަތުން ވާރު ނެގުން
ޢާންމު ގޮތަކަށް ބަލާއިރު ޔޫނާނަކީ ވާރު ނެގުމާ ދެކޮޅު ހެދި ޤައުމެކެވެ. އެއީ ފަރްދުންގެ މިނިވަންކަމާ ވާރު ނެގުމާ އަރާރުން ވާތީއެވެ. ޔޫނާނުގައި ވާރު ނެގީ ވިޔަފާރީގެ ޙަރަކާތްތަކުންނާއި ޢާންމު ޚިދްމަތްތައް ބޭނުންކުރާ މީހުންގެ އަތުން ނުސީދާކޮށްނެވެ.
މި ޢާންމު އުޞޫލާ ޚިލާފަށް ޔޫނާނުގައި އަޅުންގެ އަތުންނާއި ކަސްބީންގެ އަތުން ވާރު ނެގިއެވެ.
ނަމަވެސް އެލެގްޒެންޑަރ ދަ ގްރޭޓްގެ ވެރިކަމުގައި ޔޫނާނީ ދައުލަތް ފުޅައުވެ ފެތުރިގެން ދިޔުމުން އެމީހުން ޢަމަލު ކުރީ މި އުޞޫލާ ޚިލާފަށެވެ. އެމީހުން އަޅުވެތި ކުރި ޤައުމުތަކުގެ ނިކަމެތި ރައްޔިތުންގެ އަތުން ވާރު ނެގިއެވެ.
މިޞްރަށް ވެރިވި ޔޫނާނީ ޕްޓޯލްމީންގެ ވެރިކަމުގައި މިޞްރު މީހުން އަތުން ނަގަމުން ދިޔަ ވާރު ބޮޑުވުމުގެ ސަބަބުން މިޞްރުގެ ރައްޔިތުން މި ވެރިކަމާ ދެކޮޅަށް ކިތަންމެ ފަހަރަކު ނުކުމެ ގަޑުބަޑުތައް ހިންގިއެވެ.
މިކަމާ ހެދި ފަސްވަނަ ބަޠުލީމުސް މިޞްރު މީހުންގެ އަތުން ނަގަމުން ދިޔަ ވާރު ކުޑަކުރެއްވިއެވެ. މި ކަމަށް ޝުކްރު އަދާކުރައްވާ މިޞްރުގެ ފައްޅިތަކުގެ ކާހިނުން ޝުކްރުގެ ލިޔުމެއް ތިން ބަހުން ލިޔުއްވައިފައި ފޮނުއްވިއެވެ. މި ސިޓީ ލިޔުއްވައިފައި ވަނީ ބޮޑު ހިލައެއްގައި މިޞްރުގެ ހީރޯގްލެފީ އާއި ޑިމޮޓިކްސްއާއި ގްރީކް ބަހުންނެވެ. މި ހިލައަށް "ރަޝީދު ހިލަ"އިގެ ނަން ދެވިފައިވެއެވެ. މިޞްރުގެ ޤަދީމީ އާސާރީ ލިޔުންތައް ކިޔަން ދަސްވީ މި ހިލައިގެ ސަބަބުންނެވެ.
(ނުނިމޭ)



advertisment