Support Us

ތުރްކީ– ސުޢޫދީ ގުޅުންތައް ރަނގަޅު ކުރުމަށް ގޮވައިލަނީ ކީއްވެ؟

ތުރްކީގެ އިސްތަންބޯލުގައި ހުންނަ ސުޢޫދީ ކޮންސްލޭޓް ތެރޭގައި ސުޢޫދީ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝްޤަޖީ 2018 ވަނަ އަހަރު އަވަހާރަކޮށްލި ހާދިސާއާ ވިދިގެން ތުރްކީ– ސުޢޫދީ "ތާފާނާ" ގުޅުން ވަރަށް ބޮޑަށް "ފިނިވެ" ޚަރާބުވެގެން ދިޔައެވެ. ވޭތުވެ ދިޔަ ހަތަރު އަހަރު މި ގުޅުން އިޞްލާޙު ކުރެވޭތޯ އެ ދެ ޤައުމުން އައީ މަސައްކަތް ކުރަމުންނެވެ. ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާން ސުޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން މި ދެ ޤައުމުގެ ގުޅުންތަކަށް އަންނާނީ ކޮން ކަހަލަ ރަނގަޅު ބަދަލުތަކެއް ބާވައެވެ؟

ފަސް އަހަރުތެރޭގައި އުރްދުގާން ކުރެއްވި ފުރަތަމަ ދަތުރުފުޅު

ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާން ފަސް އަހަރު ތެރޭގައި ސުޢޫދީ ޢަރަބިއްޔާއަށް މި ކުރެއްވި ދަތުރުފުޅުގައި ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒާއި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނުގެ ފަރާތްޕުޅުން ވަރަށް ހޫނު ތަރްޙީބެއް ލިބިވަޑައިގަތެވެ. ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގެ ކުރިން ރަސްގެފާނާއެކު އުރްދުގާން މަރްޙަބާގެ ޢަރަބި ކޮފީ ހިއްޕެވުން އޮތެވެ. ވަލީޢަހްދުގެ ބައިވެރިވެވަޑައިގަތް ރަސްމީ ވާހަކަދެއްކުންތައް އެތައް ގަޑިއިރަކަށް ދެމިގެން ދިޔައެވެ. އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި ރައީސް އުރްދުގާން މި ޒިޔާރަތުގެ ވާހަކަ ކުރިން އިޢުލާނެއް ނުކުރައްވައެވެ. އިސްތަންބޯލް ވައިގެ ބަނދަރުން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި "މި ޒިޔާރަތުގެ ސަބަބުން އެ ދެ ޤައުމުގެ ގުޅުންތައް އައު ޢަޞްރަކަށް އަލި ވިލޭނެއެވެ."

އުރްދުގާން ވިދާޅުވިއެވެ. "ސައޫދީ ޢަރަބިއްޔާގައި ތުރްކީގެ 40 ހާސް ރައްޔިތުން ތަފާތު މަސައްކަތްތަކުގައި އެބަ އުޅެއެވެ. އެމީހުން ދަނީ ސުޢޫދީ އިޤްތިޞާދުގައި އީޖާބީ ދައުރެއް އަދާކުރަމުންނެވެ."

ތުރްކީއަށް ބަލާއިރު ސުޢޫދީ ޢަރަބިއްޔާއަކީ ވިޔަފާރިއާއި ވުނަކުރުމުގެ އެތައް މަޝްރޫޢުތަކެއްގައި ޚާއްޞަ މަޤާމެއް ލިބިފައިވާ ޤައުމުކެވެ.

ތުރްކީގެ ރައީސް އުރްދުގާން ސުޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތް ކުރެއްވި ވަގުތަކީ އެ ޤައުމާ އިޤްތިޞާދީ ދަތިތަކާ ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ގަލްފްގެ މުއްސަނދި ޤައުމުތަކުގެ އިޤްތިޞާދީ އެއްބާރުލުމަށް ތުރްކީ ވަނީ ބޭނުން ވެފައެވެ. ތުރްކީން ވަނީ މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އިމާރާތާއި އިސްރާއީލާއެކު ގުޅުންތައް އިޞްލާޙު ކުރަން ފަށައިފައެވެ. އިމާރާތާއެކު ގުޅުންތައް އިސްލާޙުވުމާ ވިދިގެން އަބޫ ޡަބްއި  ފަންޑުން ތުރްކީއަށް ވަނީ 10 ބިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.

ތުރތްކީގެ އިޤްތިޞާދީ ނާޒުކު ޙާލަތަށް ބަލާއިރު އެ ޤައުމުގެ ލާދަ ވަނީ 61 % އަށް މައްޗަށް ގޮސްފައެވެ. އަދި ތުރްކީގެ ފައިސާ ލީރާގެ އަގު ވަނީ ޑޮލަރާ އަޅާބަލާއިރު 44 % އަށް ދަށަށް ގޮސްފައެވެ. މި އަންނަ އަހަރު ޢާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާތީ މިއީ ރައީސް އުރްދުގާނުގެ ހިތްޕުޅު ހަމަޖެހޭނެ ޙާލަތަކަށް ނުވާނެއެވެ.

ހުޅަނގުގެ ޑިޕްލޮމެޓަކު ރޮއިޓަރޒަށް ވިދާޅުވިއެވެ. "އުރްދުގާނަކީ ވަރަށް ޢަމަލީ ސިޔާސީއެކެވެ. އޭނާ އަބަދުވެސް ޙަރަކާތްތެރިވެ  ވަޑައިގަންނަވާނީ ސިޔާސީ އަމާޒުތަކެއް އޮވެގެން އެ އަމާޒުތަކަށް ވާޞިލުވެ ވަޑައިގެންނެވުމަށެވެ. ފެންނަނުފެންނަ ވޯޓުތައް އޮތީ އޭނާއާ އެއްކޮޅަކަށް ނޫނެވެ. ވަޒީފާތައް ލިބޭ މިންވަރު ރަނގަޅުކުރައްވައިގެން ނޫނީ އުރްދުގާނަށް ފައިތިލަފުޅު ސާބިތެއް ނުކުރެއްވޭނެއެވެ." މި ޑިޕްލޮމެޓް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އޭނާ މަސައްކަތްޕުޅު ކުރައްވަމުން މި ގެންދަވަނީ ރިޔާޟުން ތުރްކީގެ މަޝްރޫޢުތަކަށް ފައިސާ ހޯއްދެވުމަށެވެ. އޭނާގެ އަމާޒަކީ ވިއްސަކަށް ބިލިއަން ޑޮލަރެވެ."

ސުޢޫދީ ޢަރަބިއްޔާއަށް ބަލާއިރު މި އަހަރަކީ އެ ޤައުމުގެ އިޤްތިޞާދަށް ވަރަށް ފަހި ވަރަށް ފާގަތި އަހަރެކެވެ. ތެލުގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން 400 ބިލިއަން ޑޮލަރުގެ ފައިދާއެއް މި އަހަރު ލިބޭނެކަމަށް ބެލެވެއެވެ. އެހެންކަމުން ސުޢޫދިޔާއަށް ތުރްކީގައި ވުނަކުރެވިދާނެއެވެ.

ރައީސް އުރްދުގާން ސުޢޫދިޔާއަށް ވަޑައިގަތުމުގެ ކުރިން ސުޢޫދީ މާލީ ވަޒީރު ތުރްކީގެ މާލީ ވަޒީރާ ދާދިވަރުކޮށް ވީޑިޔޯ މެދުވެރިކޮށް ބައްދަލު ކުރައްވާ އެ ދެ ޤއުމުގެ ދެމެދުގައިވާ މާލީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތަކާއި ވުނަކުރުމުގެ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިއީ އުރްދުގާނުގެ ދަތުރުފުޅަށް ޓަކައި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނުގެ އެދިވަޑައިގަތުމަކަށް މަޢުލޫމާތު ހޯއްދެވުމަށް ޓަކައި ބޭއްވެވި ބައްދަލުވުމެކެވެ.

ސުޢުދީ މަޞްލަޙަތަކީ ކޮބާ!

ސުޢުދިޔާއަށް ބަލާއިރު މި ވަގުތަކީ ރިޔާޟު– ވޮޝިންގްޓަން ގުޅުން ނުތަނަވަސްވެފައިވާ ވަގުތެކެވެ. މިހެންވެ ރިޔާޟުން ދަނީ އެ ޤައުމުގެ ގުޅުންތައް އެހެން ޤައުމުތަކާއެކު ފުޅައު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ރައީސް ބައިޑްން ވެރިކަމަށް ވަޑައިގެންފަހުން އޭނާ ސުޢޫދީ ވަލީޢަހްދަކާ ނުގުޅުއްވައެވެ. ބައިޑްންގެ ޑިމޮކްރެޓިކްގެ ޕާޓީގެ ވަރަށް ގިނަ ކޮންގްރެސް މެންބަރުން ސުޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދަނީ ގޮވައިލައްވަމުންނެވެ. އެބޭފުޅުން ސިފަކުރައްވާ ގޮތުގައި ސުޢޫދީ ޢަރަބިއްޔާއަކީ "ނުބައި އިސްތްރާތީޖީ ބައިވެރިއެކެވެ."

ޔުކްރޭން މަސްއަލައިގައި ސުޢޫދީން އޯޕެކް- ރޫސީ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރަމުންދާތީ އެ ބޭފުޅުން ވަނީ ސުޢޫދީ ޢަރަބިއްޔާ ދެކެ ކޯފާވެފައެވެ.

މި ދުވަސްވަރަށް ބަލާއިރު ސުޢޫދިޔާއިން ދަނީ ގަލްފްގެ ޤައުމުތަކާއެކު ގުޅުންތައް ރަނގަޅުކޮށް އިޞްލާޙު ކުރަމުންނެވެ. ޤަޠަރުން އިޚްވާނުލް މުސްލިމީނަށް ތާއީދު ކުރާތީއާއި ނިރުބަވެރި ޢަމަލުތަކަށް ވާގިވެރިވާކަމަށް ތުހްމަތުކޮށް އެތައް އަހަރެއް ވަންދެން ގުޅުންތައް ކަނޑައިލައިފައި ބޭއްވުމަށް ފަހު މި ގުޅުން ވަނީ އަލުން އިޢާދަކޮށް ގަލްފްގެ އެއްބާރުލުން އަލުން ޙަރަކާތްތެރި ކުރުވައިފައެވެ. ތުރްކީއަކީ ޤަޠަރުގެ ވަރަށް ގާތް ޤައުމެކެވެ. ޤަޠަރަށް ޙަމަލާދީފާނެތީ ތުރްކީން ވަނީ ޤަޠަރަށް ޢަސްކަރީ އެހީ ފޯރުކޮށްދީފައެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި ރައީސް އުރްދުގާންގެ މި ދަތުރުފުޅުގެ ސަބަބުން ޚަޝްޤަޖީގެ މަސްއަލައަށް މުޅިން ފަސްއެޅި ވަޅުލެވިގެންދާނެއެވެ. ރައީސް އުރްދުގާނުގެ އަރިހުގައި ޢަދްލުއިންސާފާ ބެހޭ ތުރްކީގެ ވަޒީރާއި ޖާސޫސީ އިދާރާގެ ވެރިޔާ ގެންދެވުމުން މި ކަން ސާފުވާ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. ޚަޝްޤަޖީ ގެ މައްސަލައިގެ ސަބަބުން ހުޅަނގުގެ ވުނޭރުންނާއި އިސް ސިޔާސީ ބޭފުޅުން ވަނީ ރިޔާޟާ ތަންކޮޅެއް ދުރަށް ޖެހިވަޑައިގެންފައެވެ. އެހެނަސް ވިޔަފާރީގެ ގުޅުންތައް ކެނޑިގެން ނުދެއެވެ.

ގުޅުންތައް ބަދަހިވުމުގެ ސަބަބުތައް

        އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ދުވަހުނޫސް ބުނާގޮތުގައި އީރާނާ އެމެރިކާގެ ގުޅުން ރަނގަޅުވެދާނެތީ ސުޢޫދީ ޢަރަބިއްޔާ ވަރަށް ކަންބޮޑުވެއެވެ. އީރާނުގެ ނިޔުކްލިއަރ ފައިލްގެ މަސްއަލައިގައި އެމެރިކާއިން އީރާނާއެކު އެއްބަސްވުމަކަށް އަތުވެދާނެކަމަށް ލަފާކުރެވެއެވެ. މިއީ އިސްރާއީލުގެ އިތުރަށް ގަލްފުގެ ބައެއް ޤައުމުތައް ވެސް ކަންބޮޑުވާ ކަމެކެވެ.

ތުރްކީއާއި އީރާނާކީ ދެ ހަތުރުވެރީންނެއް ނޫނެވެ. ޢިރާޤުންނާއި ސޫރިޔާއިން މި ކަން ފެނެއެވެ. އެ ދެ ޤައުމުގައި އީރާނާ ތުރްކީއާ ދެމެދުގައި އެއްވެސް ކުރިމަތިލުމެއް ނުހިނގައެވެ. ސުޢޫދިޔާއާއެކު ތުރްކީގެ ގުޅުން ރަނގަޅުވުމަކީ ގަލްފްގެ ފިއްތުންތައް އީރާނަށް އިތުރުވާނެ ކަމެކެވެ.

ތުރްކީ ސުޢޫދީ ގުޅުންތައް ރަނގަޅުވުމަކީ ލީބިޔާގެ މަސްއަލައަށް ވެސް ޙައްލެއް ގެނައުމަށް އެހީވެދޭނެ ކަމެކެވެ. ލީބިޔާގައި ވަނީ ތުރްކީއާއި އިމާރާތާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގައިފައެވެ. ލީބިޔާގައި އިމާރާތުގެ ފަރާތުން ހަނގުރާމަ ކުރަނީ ރިޓަޔަރޑް ޖެނެރަލް ޙަފްތަރެވެ. އޭނާއަށް މިޞްރުން ވެސް ވަނީ އެހީވެދީފައެވެ.

ޚަޝްޤަޖީގެ މަސްއަލައިގައި އެމެރިކާއާއި ހުޅަނގުން ތުހްމަތު ކުރާ ގޮތުގައި  ސުޢޫދީ ވަލީ ޢަހްދުގެ ސީދާ ދައުރެއް އެކަމުގައި ވެއެވެ. ނަމަވެސް ތުރްކީން މި މަސްއަލައިގައި ވަލީޢަހްދުގެ ނަންފުޅެއް ނުގަނެއެވެ. ތުރްކީން ބުނެފައިވާ ގޮތުގައި މި ކަމުގައި ސުޢޫދީ މަސްއޫލުވެރީންގެ ދައުރެއް ވެއެވެ.މި މަސްއަލަ ތަޙްޤީޤު ކުރުމަށްފަހު ސުޢޫދީ 26 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ތުރްކީން ވަނީ ނިންމައިފައެވެ. ނަމަވެސް މި މަސްއަލަ ބެއްލެވުމަށްފަހު ތުރްކީގެ އެޓަރނީ ޖެނެރަލް ވަނީ މި މަސްއަލަ ސުޢޫދީ ކޯޓަށް ހުށައެޅުމަށް ޓަކައި މަސްއަލައާ ބެހޭ ފައިލްތައް ސުޢޫދިޔާއާ ޙަވާލު ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *