ކަރަޖުގައި ހުންނަ އީރާނުގެ ނިޔުކްލިއަރ މަރްކަޒަށް ނިރުބަވެރި ޙަމަލާއެއް ދެވޭތޯ އިޒްރޭލުން މަސައްކަތްކޮށްފި ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޒައްރީ ހަކަތައާ ބެހޭ އިދާރާގެ ތަރްޖަމާނު ބަހްރޫޒު ކަމާލްވަންދީއާ ޙަވަލާދީ އީރާނުގެ މީޑިއާތައް ބުނީ މިހެންވުމުގެ ސަބަބުން އީރާނުގެ ސެންޓްރިފުގަލް އާލާތްތައް ކުރިއަށްވުރެ އަމާންކަން ބޮޑު ހިސާބަކަށް މިހާރު ވާނީ ބަދަލުކޮށްފައެވެ.
މި ކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ވެރިޔާ ޙުސައިން ސަލާމީ އިސްރާއީލަށް އިންޒާރެއް ދެއްވިއެވެ. އޭނާ ވިދާޅުވީ އިސްރާއީލުގެ ރުޅިވެރި ޙަމަލާތަކުގެ ސަބަބުން އެ މީހުން އެ ހާސާ ކުރަނީ އެމީހުންގެ އަމިއްލަ ހަލާކަށް ކަމަށެވެ.
ޤުދްސް ދުވަހުގެ (ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަސް) ޚާއްޞަ އިޙްތިފާލުގައި ވާހަކަފުޅު ދައްކަވަމުން އޭނާ އިސްރާއީލާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ހަޑި ހުތުރު ޢަމަލުތައް ހުއްޓައިލާށެވެ! ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނެ ފަދައިން އަހުރެމެންނަކީ ޢަމަލީ ބައެކެވެ. އަދި ރައްދުޢަމަލުގެވެސް ބައެކެވެ. އަހުރެމެންގެ ރައްދު ވަރަށް ހިތިވާނެއެވެ. އެއިން ވަރަށް ދިލަ ނަގާނެއެވެ. ތިޔަބައިމީހުން މިހާރު ތިޔަ އުފައްދަނީ ތިޔަބައިމީހުންގެ ހަލާކެވެ. އަހުރެމެން ތިޔަބައިމީހުންނަށް ދުލެއް ނުކުރާނަމެވެ. އިންތިޒާރު ކުރާށެވެ!"
ޒައްރީ ހަކަތަޔާ ބެހޭ ބައިނަލް އަޤްވާމީ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފާއީލް ގަރޯސީ ވަދާޅުވާ ގޮތުގައި ނަޠަންޒުގައި ހުރި ސެންޓްރަފިއުގަލް ސާމާނުތަކާއި އާލަތްތައް އުފައްދާ ވަރކްޝޮޕް މިހާރު ވަނީ ބިމުއަޑީގެ ތަނަކަށް ބަދަލުކޮށްފައެވެ. މި ދިޔަ އަހަރުގެ ޖޫންގައި އިސްރާއީލުން ވަނީ ކަރަޖުގައި ހުންނަ އީރާނުގެ ނިޔުކްލިއަރ ވަރކްޝޮޕަށް ނިރުބަވެރި ޙަމަލާއެއް ދީފައެވެ.
ކަމާލްވަންދީއާ ހާވާލާދީ އީރާނުގެ މީޑިއާތައް ބުނާގޮތުގައި ތަސާކަރަޖު އެކުވެންޏަށް އިސްރާއީލުން ދިން ނިރުބަވެރި ޙަމަލާއާ ވިދިގެން އެ ތާނގައި ހުރި ސެންޓްރަފިއުގަލް ސާމާނުތަކާއި އާލަތްތައް އެއަށްވުރެ އަމާންކަންބޮޑު ތަނަކަށް ބަދަލު ކުރާން މަޖްބޫރުވިއެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ބައިނަލްއަޤްވާމީ އޭޖެންސީން މި ފަދަ ޢަމަލުތައް ކުށްވެރިއެއް ނުކުރެއެވެ. އަދި އެކަމާ އަޅައެއް ވެސް ނުލައެވެ. އިސްރާއީލުން މިފަދަ ޙަމަލާތައް ދެނީ މި ކަމަށް އެ އޭޖެންސީން ހިތްވަރު ލިބޭތީއެވެ.
ޒައްރީ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން މީގެ ދެ ހަފުތާ ކުރިން މި ކަން ވަނީ މެންބަރު ޤައުމުތަކަށް އަންގައިފައެވެ. މި އޭޖެންސީ ބުނާގޮތުގައި ކަރަޖުގައި ހުރި ސާމާނުތަކާއި އާލަތްތައް ގެންދެވުނީ ބިމުއަޑިގައި ހުރި ތިން ބުރި ޢިމާރާތަކަށެވެ.



advertisment