ސަލްމާން ރަސްގެފާނުގެ ދައުވަތަކަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާން ސުޢޫދީ ޢަރަބިއްޔާއަށް ރޭ ވަޑައިގެންފިއެވެ. މިއީ 2017ގެ ފަހުން ރައީސް އުރްދުގާން ސުޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ތުރްކީގެ ރައީސަށް ޖިއްދާގެ ވައިގެ ބަނދަރުން މަރްޙަބާ ދެންނެވީ މައްކާގެ އަމީރު ޚާލިދުލް ފައިޞަލެވެ. ތުރްކީގެ ރައީސްގެ އަރިހުގައި އެ ޤައުމުގެ ދާޚީލީ ވަޒީރާއި ދިފާޢީ ވަޒީރާއި ޢަދްލުއިންސާފާ ބެހޭ ވަޒީރާއި ތުރްކީގެ ޖާސޫސީ އިދާރާގެ ވެރިޔާ ވަޑައިގެންނެވިއެވެ.
އުރްދުގާން އިސްތަންބޯލުން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި މި ދަތުރުފުޅަކީ ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އެދޭތީ އެ ދެ ޤައުމުގެ އެދުމުގެ މަތިން ކުރައްވާ ދަތުރުފުޅެކެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ދެ ޙަރަންފުޅުގެ ޚާދިމުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ޒިޔާރަތުގެ އަމާޒަކީ އަންކަރާއާއި ރިޔާޟާ ދެމެދުގައިވާ ސިޔާސީ ޢަސްކަރީ އިޤްތިޞާދީ އަދި ސަޤާފީ ގުޅުންތަކުގެ ފެންވަރު މަތިކުރެއްވުމެވެ.
އުރްދުގާން ވިދާޅުވިއެވެ. "މި ދަތުރުފުޅުގައި ސިޔާސީ ޢަސްކަރީ އިޤްތިޞާދީ އަދި ސަޤާފީ ގުޅުންތައް ހަރުދަނާ ކުރުމަށް ޓަކައި މުޅިން އައު ޢަސްރަކަށް ދޮރުތައް ހުޅުވައިލެވޭނެއެވެ. އޭނާ އިތުރަށް ވިދާޅުވިއެވެ. "އުއްމީދަކީ އެ ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ އިތުބާރާއި ރަޙްމަތްތެރިކަމުގެ ގިއުގަނޑުގެ ތެރޭގައި ގުޅުންތައް ހަރުދަނާކުރުމަށް ދޮރުތައް ހުޅުވައިލުމަށް މަސައްކަތް ކުރުމެވެ."



advertisment