ގުޅިފައިވާ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށާއި ގޮންޖެހުންތަކާއި ނުރައްކާތައް ގިރާކުރުމަށް ޓަކައި އީރާނާއެކު އެއްބާރުލުމަށް ޗައިނާ ތައްޔާރަށް އޮތްކަމަށް ޗައިނާގެ ދިފާޢީ ވަޒީރު ވީ ވިންގ ޚާ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ވަޒީރު އީރާނަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އީރާނުގެ ދިފާޢީ ވަޒީރު މުޙައްމަދު ރިޒާ އަޝްތިޔާނީއާއި ޗީފް އޮފް ސްޓާފް މުޙައްމަދު ބާޤިރީއާ ވަކިވަކިން ބައްދަލު ކުރެއްވިއެވެ.
ޗައިނާގެ ދިފާޢީ ވުޒާރާއިން މި ދަތުރުފުޅާ ބެހޭގޮތުން މިއަދު ނެރުނު ބަޔާނުގައި ޗައިނާގެ ދިފާޢީ ވަޒީރާ ޙަވާލާދީ ބުނެފައި ވެއެވެ. "ބައިނަލްއަޤްވާމީ ވެށި ގަޑުބަޑުވެފައިވާ ދުވަސްވަރަކަށް ވާތީ މިއީ ވަރަށް މުހިއްމު ޒިޔާރަތެކެވެ. މި ޒިޔާރަތުން ޗައިނާ- އީރާން ގުޅުންތަކުގެ މުހިއްމުކަން ރިވެލިވެގެން ދެއެވެ. އަދި ޗައިނާ- އިރާން ގުޅުމުގެ ހަރުދަނާކަން ވެސް ފެނިގެން ދެއެވެ."
ޗައިނާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. "އީރާނުގެ ދައުލަތުގެ ސިޔާދަތާއި ވަޠަނީ ކަރާމަތް ޙިމާޔަތް ކުރުމަށް ޓަކައި ޗައިނާއިން ގަދަ ބާރާއެކު ވާގިވެރިވާނެއެވެ. އިރާނާ ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި އީރާނާއެކު އެއްބާރުލުމަށް ޗައިނާ އޮތީ ތައްޔާރަށެވެ. ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސުލްޙަމަސަލަސްކަމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމަށާއި ދެ ފަރާތުގެ ގުޅިފައިވާ މަޞްލަޙަތުތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާން ޖެހިފައިވާ ކަމަށް ޗައިނާ ދެކެއެވެ."



advertisment