ތުރްކީގެ މަޝްހޫރު މިސްކިތެއް ކަމުގައިވާ އާޔާޞޫފިޔާ މިސްކިތުގައި 88 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ރޭ ލައިލަތުލްޤަދްރި ވިލޭރޭ ފާހަގަކޮށްފިއެވެ.
އަނާޟޫލު ނޫސް އޭޖެންސީ ބުނާގޮތުގައި ރޭ މި ބޮޑު މިސްކިތް ފުރި ބަންޑުން ދިޔައެވެ. ތުރްކީގެ ޢަލްމާނީ ރައީސް އަތާތުރްކު މި މިސްކިތް ދާރުލްއާސާރަކަށް ބަދަލުކުރެއްވި ފަހުން މި ތަން އަލުން މިސްކިތަކަށް ބަދަލު ކުރެއްވީ ރައީސް އުރްދުގާނެވެ. ކޮރޯނާ ރޯގާގެ ސަބަބުން ވޭތުވެ ދިޔަ ދެ އަހަރު މި މިސްކިތުގައި ވަނީ ލައިލަތުލްޤަދްރި ވިލޭރޭ ފާހަގަނުކުރެވިފައެވެ.
އާޔާޞޫފިޔާ މިސްކިތުގައި ރޭ ޤުރްއާން ކިޔަވާވިދާޅުވެ އިމާމުވެ ނަމާދު ކުރެއްވީ މިޞްރުގެ މަޝްހޫރު ޤާރީއެއް ކަމުގައިވާ ޑރ. އަޙްމަދު ނުޢަޔިނަޢު އެވެ. ޑރ. ނުޢަޔިނަޢު އޭނާގެ ފޭސްބުކްގައި އިއްޔެ ލިޔުއްވިއެވެ. "މިއަދު އަހުރެން މި ހުރީ ތުރްކީގައެވެ. ފައްޅިއަކުން މިސްކިތަކަށް ބަދަލުވި އާޔާޞޫފިޔާ މިސްކިތުގައި ޤުރްއާން ކިޔަވައި ލައިލަތުލްޤަދްރި މި ރޭ އިޙްޔާކުރާނަމެވެ."
މިޞްރު މީހުން ޑރ. އަޙްމަދު ނުޢަޔިނަޢަށް "ރައީސުންގެ މުޤްރީ"ގެ ލަޤަބު އަރުވައިފައި ވެއެވެ. އޭނާ ވަރަށް ތުއްޕުޅުއިރު ރައީސް ޖަމާލް ޢަބްދުއްނާޞިރުގެ ކުރިފުޅުމަތީގައި އަލްފަތުޙު ސޫރަތް ކިޔަވާ ވިދާޅުވިއެވެ. އޭނާ ސިފައިންގެ ޚިދްމަތުގައި އުޅުއްވިއިރު މިޞްރުގެ އިސްކަންދަރިއްޔާގައި ރައީސް މުޙައްމަދު އަންވަރުއްސާދާތުގެ ކުރިފުޅުމަތީގައި ޤުރްއާން ކިޔަވާ ވިދާޅުވިއެވެ. އަދި 1979ވަނަ އަހަރު މިޞްރުގެ ޓީވީތަކާއި ރޭޑިއޯތަކުގައި ކިޔަވާ މުޤްރީއަކަށް ވެވަޑައިގަތުމާ ވިދިގެން އެތައް މުނާސަބާތު ތަކެއްގައި ރައީސް ސާދާތުގެ ޖަލްސާތަކުގައި އޭނާ ކިޔަވާ ވިދާޅުވެފައި ވެއެވެ. އޭގެ ފަހުން ރައީސް ޙުސްނީ މުބާރަކުގެ ވެރިކަމުގައި އޭނާ ވެފައިވަނީ ރައީސް މުބާރަކުގެ ޚާޢްޞަ މުޤްރީއަށެވެ. ޑރ. އަލްމުޤްރިއު އަޙްމަދު ނުޢަޔިނަޢު މާލެ ވަޑައިގެން އިސްލާމީ މަރްކަޒުގައި ވެސް ޤުރްއާން ކިޔަވާ ވިދާޅުވެ، ޤުރްއާން ކިޔެވުމުގެ ފަންނުތަކާ ބެހޭގޮތުން ތަޤްރީރު ކުރައްވައިފައިވެއެވެ.
އާޔާޞޫފިޔާ މިސްކިތުގައި 86 އަހަރަށްފަހު ކުރެވުނު ފުރަތަމަ ހުކުރު ނަމާދު ކުރެވުނީ 24 ޖުލައި 2020 ގައެވެ. މި ރަސްމިއްޔާތުގައި ރައީސް އުރްދުގާން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާޔާޞޫފިޔާ މިސްކިތް ހުންނަނީ އިސްތަންބޯލުގެ އައްސުލްޠާން އަޙްމަދު އަވަށުގައެވެ. ޖުމްލަ 481 އަހަރުވަންދެން މިސްކިތެއްގެ ގޮތުގައި ހުރުމަށްފަހު ދާރުލްއާސާރަކަށް އަތާތުރްކު ބަދަލުކުރެއްވީ 1934ވަނަ އަހަރުއެވެ.



advertisment