Support Us

އެމެރިކާގެ ދެ ވަޒީރުން ޔުކްރޭނަށް ވަޑައިގެން ޒިލެންސްކީއާ ބައްދަލުކުރައްވައިފި

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެނާއި ދިފާޢީ ވަޒީރު ލުއިސް އެސްޓަން ޔުކްރޭނަށް ވަޑައިގެން ރައީސް ޒިލެންސްކީއާ ރޭ ބައްދަލު ކުރައްވައިފިއެވެ.

ޔުކްރޭންގެ ރިޔާސީ މުޝީރާ ޙަވާލާދީ އެސޯޝިއޭޓެޑް ޕްރެސް ބުނިގޮތުގައި މި ދެބޭފުޅުން ރައީސް ޒިލެންސްކީއާ ބައްދަލު ކުރެއްވީ ވެރިރަށް ކިޔޭވްގައެވެ. މި ކަމާބެހޭގޮތުން އިތުރު ތަފްޞީލެއް ނުދެއްވައެވެ.

ޔުކްރޭންގެ ރައީސް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވިގޮތުގައި އެމެރިކާގެ މަސްއޫލުވެރީން މި ވަޑައިގަންނަވަނީ ޔުކްރޭނަށް ބޭނުންވާ ހަތިޔާރާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ޓަކައެވެ.

ޔުކްރޭންގެ ރައީސްގެ ސިޔާސީ މުޝީރެއްކަމުގައިވާ އެލެކްސީ އެރިސްޓޯވިޗް ވިދާޅުވާ ގޮތުގައި ކިޔޭވަށް މި ވަގުތު ބޭނުން ވަނީ "ޙަމަލާދިނުމަށް ބޭނުންވާ ހަތިޔާރު" އެވެ. އޭނާ ވިދާޅުވިއެވެ. "އެމެރިކާގެ މަސްއޫލުވެރީން މިފަދަ ވަގުތެއްގައި ކިޔޭވަށް މި ވަޑައިގަތީ ޔުކްރޭނަށް ބޭނުންވާ ހަތިޔާރު ދެއްވަން ބޭނުންފުޅުވާތީއެވެ."

މިއީ ރޫސީ ޢަސްކަރީ ޚާއްޞަ ޙަމަލާތައް ފެށުނުފަހުން ކިޔޭވަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ މަސްއޫލުވެރީންގެ ފުރަތަމަ ވަފްދެވެ. ޔޫރަޕްގެ ބައް ޤައުމުތަކުގެ ޒަޢީމުން ޔުކްރޭނަށް ވަޑައިގެން ޔުކްރޭނާއެކުގައި އެ ޤައުމުތައް އޮތްކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ޒިލެންސްކީ އެންމެ ބޮޑަށް ބޭނުންފުޅު ވަނީ އެމެރިކާގެ ރައީސް ބައިޑްން ކިޔޭވަށް ޒިޔާރަތް ކުރެއްވުމަށެވެ.   

ރޫސީ އެންބެސީ ޙިޞާރުކޮށްފާ

އަނެއްކޮޅުން ބަލާއިރު  ވޮޝިންގްޓަންގައި  ހުންނަ ރަޝިޔާ އެންބެސީގެ މަސައްކަތަށް އެމެރިކާ ސަރުކާރުންނާއި އޭޖެންސީތަކުން ހުރަސްއަޅަމުންދާ ކަމަށް ވޮޝިންގްޓަންގައި ހުންނަވާ ރޫސީ ސަފީރު އެނަޓޮލީ އެންޓަނޯވް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ވޮޝިންގްޓަންގައި ހުންނަ ރޫސީ އެންބެސީ ހުރީ އެމެރިކާ ސަރުކާރުގެ މުއައްސަސާތަކާއި އޭޖެންސީތަކުގެ ޙިޞާރުގެ ދަށުގައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ހިސްޓަނާއި ނިވްޔޯރކްގައި ހުންނަ ރަޝިޔާ ކޮންސްލޭޓްތަކުގެ ބޭންކް އެކައުންޓްތައް  ބޭންކް އޮފް އެމެރިކާއިން ވަނީ ގަނޑުކޮށްފައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ފޯނުގެ ޒަރީޢާއިންނާއި މީސްމީޑިޔާގެ ތެރެއިން އެންބެސީގެ މުއައްޒަފުންނަށް އިންޒާރުތަކާއި ބިރުދެއްކުންތައް ދަނީ ލިބެމުންނެވެ.

ޞުލްޙައާ ބެހޭ ވާހަކަދެއްކުންތައް

ޔުކްރޭނާ ރަޝިޔާއާ ދެމެދުގައި ބޭއްވެމުންދާ ޞުލްޙައިގެ ވާހަކަދެއްކުންތައް ހުއްޓުމަކަށް ނައިސް ކުރިއަށް ދާކަމަށް ޔުކްރޭން ވަފްދުގެ ރައީސް ރޮސްޓީމް އޮމެރޯފް ރޭ ވިދާޅުވެއްޖެއެވެ. ޖަޒީރާއާށް އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި ޔުކްރޭނުން ޖާމިނުވުންތަކަކަށް އެދެއެވެ. އެއީ ރަޝިޔާއާށް އިތުބާރު ނުކުރެވޭތީއެވެ.

ޔުކްރޭން ވަފްދުގެ ރައީސް ވިދާޅުވާ ގޮތުގައި ޔުކްރޭނަށް މި ވަގުތު ބޭނުން ވަނީ ދިފާޢީ ހަތިޔާރަށްވުރެ ބޮޑަށް ޙަމަލާދިނުމަށް ބޭނުންވާ ހަތިޔާރެވެ. ޚާޢްޞަކޮށް ޔުކްރޭނުގެ ވައިގެ ސަރަޙައްދު ދިފާޢު ކުރުމަށް ބޭނުންވާ ދިފާޢީ ނިޒާމުތަކާއި މިސައިލް ހަރުތަކާއި ކްރޫޒް މިސައިލްތައް ވައްޓައިލެވޭވަރުގެ ބާރުގަދަ ހަތިޔާރަށެވެ. އޭނާ ވިދާޅުވިގޮތުގައި ކިޔޭވުން ވަނީ ޔުކްރޭނަށް ބޭނުންވާ ހަތިޔާރުތަކުގެ ލިސްޓެއް ވޮޝިންގްޓަނަށް ފޮނުވައިފައެވެ.

ޔުކްރޭންގެ ރައީސް ޒިލެންސްކީ އިންޒާރު ކުރައްވާ ގޮތުގައި  ދެކުނު ޔުކްރޭންގެ ޚާރުސަން ސަރަޙައްދުގައި ރަޝިޔާއިން ފެންނަނުފެންނަ ވޯޓެއް ނަގައި އެ ސަރަޙައްދު ޔުކްރޭނާ ވަކިކޮށްލައިފިނަމަ ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތަކެއް ނޯންނާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *