Support Us

ރޫސީންގެ ވައިގެ ޙަމަލާތައް ވަރުގަދަކޮށްފި

ރޫސީ ސިފައިން ޔުކްރޭންގެ އިރުމައްޗާއި ދެކުނުގެ ސަރަޙައްދުތަކަށް ދެމުންގެންދާ ވައިގެ ޙަމަލާތައް މިއަދު ވަރުގަދަކޮށްފިއެވެ.

މޮސްކޯއިން ބުނާގޮތުގައި މި ޙަމަލާތަކުގެ އަމާޒަކީ އެމެރިކާއާއި ޔޫރަޕުން ޔުކްރޭނަށް ދީފައިވާ ހަތިޔާރު ގުދަންތަކާއި ޔުކްރޭންގެ ބިނާރުތަކެވެ. މި ގުދަން ހުރީ އޮޑީސާ ސަހަރު ކައިރި ހިސާބެއްގައި ކަމަށް މޮސްކޯއިން ބުންޏެވެ. ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި އަމާޒު ކަށަވަރު ވިސްނުން ތޫނު މިސައިލް ބޭނުންކޮށްގެން މި ދިން ޙަމަލާގައި އެމެރިކާއިންނާއި ޔޫރަޕުން ޔުކްރޭނަށް ފޮނުވައިފައި ހުރި ވަރަށް ބައިވަރު ހަތިޔާރުތައް ނައްތައިލެވުނެވެ.

ރަޝިޔާ ބުނާގޮތުގައި މި ހަތިޔާރުތައް ގުދަންކޮށް ފޮރުވައިފައި ހުރީ އޮޑީސާ ސަހަރު ކައިރީގައި އޮތް ޢަސްކަރީ ވައިގެބަނދަރެއްގެ ކައިރީގައި ހަދައިފައިވާ ލޮޖިސްޓިކް އިސްޓޭޝަނެއްގައެވެ. ރޫސީ ދިފާޢީ ވުޒާރާގެ ތަރްޖަމާނު އީގޯރު ކޮނަޝިންކޯފު ވިދާޅުވިގޮތުގައި މި ޙަމަލާގައި ޔުކްރޭންގެ ޢަސްކަރީ އަށް މަރްކަޒެއް ފުޑުފުޑުކޮށްލެވުނެވެ.

އޮޑީސާގެ މެޔަރު ސިފަކުރެއްވި ގޮތުގައި ރަޝިޔާގެ މި ޙަމަލާތަކަކީ ވަރަށް ލާއިންސާނީ ޙަމަލާތަކެކެވެ. މި ޙަމަލާގެ ސަބަބުން އަށް މީހަކު މަރުވިކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް ޔުކްރޭންގެ އިރުމަތީ ސަރަޙައްދަށް ރަޝިޔާއިން ދެމުންދާ ޙަމަލާތައް ވަނީ މި ދިޔަ ހުކުރުދުވަހުން ފެށިގެން އިތުރުކޮށްފައެވެ. ޚާރުކީވްގެ ގަވަރނަރު ވިދާޅުވާ ގޮތުގައި ޔުކްރޭން ސިފައިން މިހާރު ވަނީ ރޫސީ ސިފައިންނާ ދެކޮޅަށް ޙަމަލާތައް ފަށައިފައެވެ.

މީހުން ބޭލުން

އަނެއްކޮޅުން ބަލާއިރު ރޫސީ ސިފައިން ޙިޞާރުކޮށްފައިވާ ޔުކްރޭނުގެ މާރިޔޯޕޮލް ސަހަރުން މީހުން ބޭލުމުގެ މަސައްކަތްތަކާ ހުރަސްތަކަކާ ކުރިމަތިވެފައިވާ ކަމަށް ޔުކްރޭނުން ބުންޏެވެ. އެ ސަހަރުން ބުނާގޮތުގައި މަރިއޯޕޯލުން މަދު މީހުންކޮޅެއް ވަނީ ޒަބަރޯޖިޔާއަށް ގެންދެވިފައެވެ.މި ރަށުން ފޭބުމުގެ ނަސީބު ލިބުނު މީހުން ބުނާގޮތުގައި އެމީހުންނަށް ބޭނުންވާ އިންސާނީ އެހީއެއް ނުލިބުނެވެ.ރަޝިޔާއިން ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ދިހަވަރަކަށް މިލިއަން މީހުން މިހާރު ވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް އެކި ހިސާބުތަކަށް ހިޖްރަކޮށްފައެވެ.

ގޮވައިލެއްވުން

ސިޔާސީ މައިދާނަށް ބަލާއިރު ޔުކްރޭންގެ ރައީސް ޒިލެންސްކީ  ރައީސް ޕޫޓިނާއެކު ސީދާ ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވާ ކަމަށް މިއަދު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ފެށި މީހާއަށް ނޫނީ ހަނގުރާމަ ނުހުއްޓުވޭނެއެވެ. ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ޒިލެންސްކީ ވިދާޅުވި ގޮތުގައި ރޫސީ ސިފައިން ހިފާފައިވާ ޔުކްރޭންގެ ބިންތަކުން ފުރުވައިލައިފާވާ ޔުކްރޭން މީހުންގެ ޢަދަދެއް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ރައީސް ޒިލެންސްކީ ވިދާޅުވި ގޮތުގައި ރޫސީވިލާތުގެ މަސްއުލުވެރީންނަކީ  ބަހާ ޢަމަލު އެއްގޮތް ބައެއްނޫނެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން މީހުން ބާލައިގެން ގެންދަނީ ރޫސީ ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކަށެވެ. އޭނާ ލަފާކުރައްވާ ގޮތުގައި މި ޢަދަދު ބައި މިލިއަނަށްވުރެ އިތުރުވާނެއެވެ. އޭގެ ތެރޭގައި ފަސް ހާސް ކުޑަކުދިން ހިމެނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒިލެންސްކީ ނޫސްވެރީންނާ ބައްދަލު ކުރައްވަނީ

ރަޝިޔާގެ އައު ހަތިޔާރެއް

އަނެއްކޮޅުން ރަޝިޔާގެ ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި މި އަންނަ ޚަރީފު މޫސުމުގައި އެ ޤައުމުން އަލަށް އުފެއްދި ސާމަރޓް މިސައިލް ޚިދްމަތަށް ނެރެވޭނެއެވެ. ސާމަރޓް މިސައިލަކީ ނިކްލިއަރ ބޯތައް އުފުލުމުގެ ޤާބިލުކަން ހުރި ދުނިޔެ ވަށައި ދަތުރުކުރެވޭ ވަރުގެ ދިގު ރާސްތާ މިސައިލެކެވެ. މި މިސައިލްތައް ބެހެއްޓޭނީ ސައިބީރިޔާ ސަރަޙައްދުގައި ކަމަށް ދިފާޢީ ވުޒާރާގެ ތަރްޖަމާނު ވިދާޅުވިއެވެ. އެއީ މޮސްކޯއާ ތިން ހާސް ކީލޯމީޓަރު ދުރު ހިސާބެކެވެ. އޭނާ ވިދާޅުވިގޮތުގައި މި ހަތިޔާރުގެ ސަބަބުން ރަޝިޔާގެ ތުއްތު ދަރީންގެ ކުރިމަގު ކުރިއަށް އޮތް ތިރީހަކަށް ސާޅީހަކަށް އަހަރަށް އަމާންވެގެންދާނެއެވެ.

މި ދިޔަ ހަފުތާގައި ރޫސީ ދިފާޢީ ވުޒާރާ ހާމަކުރިގޮތުގައި މި އައު މިސައިލް ވަނީ ކާމިޔާބުކަމާއެކު ތަޖްރިބާކުރެވި އަޖުމަބެލިފައެވެ. މި މިސައިލްގެ ބަރުދަނަކީ 100 ޓަނެވެ. މި މިސައިލަށް 10 ޓަނުގެ ގޮވާ އެއްޗެހި އުފުލޭނެއެވެ. މިއީ 1945ގައި އެމެރިކާއިން ހީރޯޝީމާއަށާއި ނަގަޒާކީއަށް ވައްޓައިލި ޒައްރީ ބޮމުގެ ދެ ހާސް ބޮމަށްވުރެ ބާރުގަދަ ގޮވުންތައް ގޮއްވައިލެވޭނެ ބޮންތައް އުފުލޭނެ މިސައިލެކެވެ.

ރަޝިޔާއިން ފަޚްރުވެރިވާ މި މިސައިލަށް އެމީހުން ދީފައިވާ ނަމަކީ "މިސައިލް ރަސްގެފާނު" އެވެ. މި މިސައިލް ފޮރުވައިފައި ބަހައްޓައިފައި ހުރީ ބިމުއަޑީގައި ޚާއްޞަ ހަރުތަކެއްގެ މަތީގައެވެ. މި މިސައިލަށް ދުނިޔޭގެ ދެ ތަނޑި މަތިން ދަތުރު ކުރެވޭނެއެވެ. މިއީ އެމެރިކާގެ މިނެޓްމަން މިސައިލަށްވުރެ މާ ބާރުގަދަ މިސައިލެކެވެ. ރޫސީ ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި މި މިސައިލުން ދިފާޢު ވެވޭނެ ދިފާޢީ ނިޒާމެއް ދުޝްމަނުންގެ އަތުގައި އަދިއެއްނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔަ ހަތިޔާރު ރަސްގެފާނުގެ ސަބަބުން ގަބޫލުކުރެވެނީ 3 ވަނަ ބޮޑު ހަނގުރާމައެއް ނުފެށޭނެ ކަމަށް ކުރިޔަށް އޮތް 40 އަހަރުގަވެސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *