ރޭ ފަތިސްނަމާދުގެ ވަގުތުގައި އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް އިސްރާއީލު ފުލުހުން އަލުން ވަދެއްޖެއެވެ. ޤުދްސުގައި ހުންނަ ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި އިސްރާއީލު ފުލުހުން އަޤްޞާއަށް ވަދެގަތުމުގެ ތެރޭގައި ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 40 މީހަކު ޒަޚަމުވިއެވެ. އޭގެ ތެރޭގައި ތިން ނޫސްވެރިއަކު ވެސް ހިމެނެއެވެ. އިސްރާއިލު ފުލުހުން އަޤްޞާ މިސްކިތަށް މިއަދު ހުކުރު ނަމަދަށް ދާ މީހުންނަށް ހުރަސްއެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި ކަމާ ވިދިގެން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް މި މަސްއަލައިގެ ތެރެއަށް އަވަހަށް ވަނުމަށް އެމެރިކާއަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި އިސްރާއީލުން ފަލަސްޠީނު މީހުންނަށާއި މުސްލިމުންގެ މުޤައްދަސް ތަންތަނަށް ޙަމަލާދީ މަސްރަޙު ނުތަނަވަސްކޮށް ހޫނުކުރަމުންދާ ނަމަ އިސްރާއީލު ދައުލަތެއް ކަމުގައި ޤަބޫލުކުރާ ޤަބޫލުކުރުން ބާޠިލު ކުރައްވަން އޭނާއަށް ޖެހިވަޑައިގެންފާނެއެވެ. ޕީއެލްއޯގެ މަރްކަޒީ މަޖިލީހުން ވަނީ މިކަމަށް އަމުރުކޮށްފައެވެ. އޭނާ ވިދާޅުވިގޮތުގައި އެފަދަ ފިޔަވަޅެއް އަޅަން ޖެހިވަޑައިގެންފިނަމަ އެއްވެސް ކަމެއްގައި އިސްރާއީލާއެކު ވިލަރެސް ކުރުމެއް ނޯންނާނެއެވެ.
ޢައްބާސް ރޭ ރާމަﷲގައި އެމެރިކާގެ ވަފްދަކާ ބައްދަލު ކުރައްވަމުން މަސްރަޙު ހޫނުވުމުގެ މަސްއޫލިއްޔަތު އިސްރާއީލުގެ ބޮލުގައި އެޅުއްވިއެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި އިސްރާއީލުގެ ވިސްނުމުގައި ސިޔާސީ އުދަރެހެއް ނެތެވެ. ފަލަސްޠީނުގެ އިސް ބޭފުޅަކު ވިދާޅުވިގޮތުގައި ޢައްބާސް– އެމެރިކާ ބައްދަލު ކުރެއްވުން އޮތީ ވަރަށް ދަތި ވެށްޓެއްގެ ތެރޭގައެވެ.
އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ދެކުނު ޢަސްކަރީ އިސްވާރިއްޔަތަށް ތައްޔާރަށް ތިބުމަށް އިސްރާއީލުގެ ޗީފް އޮފް ސްޓާފް އަވީވް ކޯޚާވީ ރޭ އަމުރު ކުރައްވައިފިއެވެ. ފަލަސްޠީނުގެ ޖަމާޢަތްތަކުން އިސްރާއީލާ ދިމާއާށް ރޮކެޓުތައް ފޮނުވަމުންދާނަމަ ޣައްޒާއަށް އަރަން ޖެހިދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ހުކުރު ނަމާދަށްފަހު މަސްރަޙު ހޫނުވެދާނެތީ އަޤްޞާ މިސްކިތާއި އެ މިސްކިތުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި އިސްރާއީލު ފުލުހުން މިހާރު ވަނީ ފެތުރިގަންފައެވެ.ރަމަޟާން މަހުގެ މި ދިޔަ ދެ ހުކުރުގައި ވެސް ކުރިމަތިލުންތައް ހިނގައިފައި ވެއެވެ.



advertisment