އިދިކޮޅު މައި ޕާޓީން ކުރިއަށްގެންދާ "އިންޑިއާ އައުންޓް" ކެމްޕޭން ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ނެރުއްވި ގަރާރު ގާނޫނު އަސާސީއާ ޚިލާފު ކަމަށާއި "އިންޑިއާ އައުޓޭ ކިޔާ ޓީވީތަކާއި ނޫސްތައް، އިންޑިއާގެ ނުފޫޒުން ނެރޭ ރައީސްގެ ޤަރާރަކުން މާދަމާ ބަންދުކޮށްފާނެ" ކަމުގައި ރައްޔިތުންގެ މަޖިލިސްގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ "ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސްގެ ޤަރާރަކުން ހަނިކުރެވޭނެ އެއްޗެއް ނޫން" ކަމަށް ވިދާޅުވެ އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ "ރާއްޖެ މިވެއްޓުނީ 30 އަހަރު ފަހަތަށް" ކަމަށެވެ.
ލަތީފު މިހެން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާގޮތަށް އިންޑިއާއިން ހިންގަމުންދާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން އިދިކޮޅު ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލީޝަނުން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައި، މާލޭގެ އެކި ސަރަހައްދުތަކުގައި އެލުވާފައި ހުރި "އިންޑިއާ އައުންޓް" ބެނާތައް ފުލުހުން ފޮނުވައިގެން ނެގުމާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސްގެ ޤަރާރު ޤއއާ ޚިލާފު. ޤއއިން ކަށަވަރުވެފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސްގެ ޤަރާރަކުން ހަނިކުރެވޭނެ އެއްޗެއްނޫން. އިންޑިއާއައުޓޭ ކިޔާ ޓީވީތަކާއި ނޫސްތައް، އިންޑިއާގެ ނުފޫޒުން ނެރޭ ރައީސްގެ ޤަރާރަކުން މާދަމާ ބަންދުކޮށްފާނެ. ރާއްޖެ މިވެއްޓުނީ 30 އަހަރު ފަހަތަށް.
— Abdul Latheef (@funamalatheef) April 21, 2022
މީގެ އިތުރުން މަޝްހޫރު ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވިދާޅުވީ "ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހަނިކުރެވޭނެ އަދި ހުއްޓުވޭނެ ކަންކަމެއް ނޫން" ކަމަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން ހަނިކުރެވޭނެ. އަދި ހުއްޓުވޭނެ ކަންކަމެއް ނޫން.
— Ali Hussain (@AleeVoice) April 21, 2022
ރައީސް ސޯލިހު މިއަދު ގަރާރު ނެރުއްވީ "އިންޑިއާ އައުޓް" ޖަހައިފައިވާ 75 ފޫޓުގެ ބޮޑު ބެނަރއެއް އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީންގެ ގެކޮޅުގައި މިދިޔަ އަންގާރަ ދުވަހު އެލުވިތާ 48 ގަޑިއިރު ނުވަނީހެވެ.
ހެންވޭރު އިރު ދެކުނު ފަރާތުގައި ހަދަމުން އަންނަ 16 ބުރީގެ ހ. ދޫވެހީގައި އެލުވާފައިވާ މި ބެނަރ، ބޮޑުތަކުރުފާނު މަގުން ދަތުރުކުރާ މީހުންނަށް އެހާ ރީއްޗަށް ނުފެނުނަސް، ސިނަމާލެ ބުރިޖު މައްޗަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ރީއްޗަށް ފެނެއެވެ.
"އިންޑިއާ އައުޓް" ބެނަރއެއް ޕީ.ޕީ.އެމް/ ޕީ.އެން.ސީގެ އޮފީސް ބޭރުގައިވެސް މިދިޔަ ހަފުތާގައި ވަނީ އެލުވައިފައެވެ. އެއީ 45 ފޫޓުގެ ބެނަރއެކެވެ. ރައީސްގެ ގަރާރާއެކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނުކުމެ އެ ބެނާތައް ވަނީ ނަގައިފައެވެ.
"އިންޑިއާ އައުޓް" ހަރަކާތްތައް މިދިޔަ އަހަރު ފެށިގެން އައިއިރު، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ އެކަމުގައި ބައިވެރިވަނީ ޑްރަގު ނެޓްވޯކުގައި އުޅޭ މަދު ބައެއް ކަމަށެވެ. ނަމަވެސް އޭރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ ނޮވެމްބަރު 30 ގައި މިނިވަންވުމާއެކު، "އިންޑިއާ އައުޓް" ޖަހައިފައިވާ ޓީޝަރޓް ތުރުކުރައްވައިގެން މުޒާހަރާތަކަށް ނުކުންނަވައި، އެ ހަރަކާތުގެ ފޯރި ގަދަކުރެއްވުމުން މާރިޔާ މިހާރު ވިދާޅުވަނީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ފަހުގެ ތާރީހެއްގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށާއި އެ ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި, ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާވެ، ރާއްޖޭގެ ގައުމީ ދިފާއު އާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭނެ ކަމަށެވެ.
"އިންޑިއާ އައުޓް" ކެމްޕޭނު ހުއްޓުވަން ރައީސް ގަރާރަކުން އަންގަވައިފި



advertisment