Support Us

"އިންޑިއާ އައުޓް" ކެމްޕޭނު ހުއްޓުވަން ރައީސް ގަރާރަކުން އަންގަވައިފި

ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާގޮތަށް އިންޑިއާއިން ހިންގަމުންދާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން އިދިކޮޅު ކޯލީޝަނުން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ގަރާރަކުން މިއަދު އަންގަވައިފިއެވެ.

ރައީސް ނެރުއްވި ހަ ސަފުހާގެ ގަރާރުގައި ވަނީ އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅައިފައިވާތީ އާއި ވަކިވަކި ޤައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމައިފައިވާތީ، "…ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތީން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، މި ޤަރާރު އެކަށައެޅީ" ކަމަށެވެ.

ރައީސް ސޯލިހު މި ގަރާރު ނެރުއްވީ "އިންޑިއާ އައުޓް" ޖަހައިފައިވާ 75 ފޫޓުގެ ބޮޑު ބެނަރއެއް އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީންގެ ގެކޮޅުގައި މިދިޔަ އަންގާރަ ދުވަހު އެލުވިތާ 48 ގަޑިއިރު ނުވަނީހެވެ.

ހެންވޭރު އިރު ދެކުނު ފަރާތުގައި ހަދަމުން އަންނަ 16 ބުރީގެ ހ. ދޫވެހީގައި އެލުވާފައިވާ މި ބެނަރ، ބޮޑުތަކުރުފާނު މަގުން ދަތުރުކުރާ މީހުންނަށް އެހާ ރީއްޗަށް ނުފެނުނަސް، ސިނަމާލެ ބުރިޖު މައްޗަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ރީއްޗަށް ފެނެއެވެ.

"އިންޑިއާ އައުޓް" ބެނަރއެއް ޕީ.ޕީ.އެމް/ ޕީ.އެން.ސީގެ އޮފީސް ބޭރުގައިވެސް މިދިޔަ ހަފުތާގައި ވަނީ އެލުވައިފައެވެ. އެއީ 45 ފޫޓުގެ ބެނަރއެކެވެ.

"އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ތިރީގައި މި ވަނީއެވެ.

"އަހުރެން، އިބްރާހީމް މުޙައްމަދު ޞާލިޙު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބުނެ އަންގަމެވެ.

އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ 2022 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުމުގައި ކަނޑައަޅައިފައި ވީހިނދު؛

ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ޤާނޫނުއަސާސީސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ދެވޭނެ އެންމެ ފުޅާމިނެއްގައި ޖާގަދީ، ދީމިޤްރާޠީ މުޖުތަމުޢުތަކުގައި ޢަޤުލުކުރަމުންދާ އަސާސްތައް ދެމެހެއްޓުން ކަމުގައި ވީހިނދު؛

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި ޢަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމުގައި ވީހިނދު؛

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތައް ކަމުގައިވާ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އާއި، ވިއެނާ ކޮންވެންޝަން އޮން ކޮންސިޢުލް ރިލޭޝަންސް (1963) ގެ ދަށުން، ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަކީ ހޯސްޓް ނޭޝަންގެ ޙައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއް ކަމުގައި ވީހިނދު؛

އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ދު އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭލް ޑިސްކްރިމިނޭޝަން (1966) ގެ ދަށުން، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުން ހުއްޓުވުމަކީ ޤައުމުތަކުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމުގައި ވީ ހިނދު؛

އަދި އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1967) އާއި، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އެކިއެކި މުޢާހަދާތަކާއި، ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގޮވައިލައި އ.ދ. އިން ފާސްކޮށްފައިވާ އެކިއެކި ޤަރާރުތަކަށް ބަލާއިރު، ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތިކުރުން، ނުވަތަ ފުރައްސާރަކުރުން، ނުވަތަ ތަފާތުކުރުމަކީ މަނާކަމެއް ކަމުގައި ވީހިނދު؛

އަދި ޤާނޫނު ނަންބަރު 5/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 124 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި، 61 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅައިފައިވާ ޢަމަލުތަކެއް ކަމުގައި ވީހިނދު؛

އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި ސާފުކޮށް އެނގެން އޮތް ހިނދު؛

މި ހަރަކާތަކީ ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަންއަމާންކަމާއި ދާޚިލީ ހަމަޖެހުން ނަގައިލައި، ސަރަޙައްދީ ސަލާމަތާއި ރައްކައުތެރިކަން ގެއްލުވައިލައި، ރާއްޖޭގެ އިޤްތިޞާދީ ރައްކައުތެރިކަމާއި އިޖުތިމާޢީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމުގައި ގަބޫލުކުރެވޭތީއާއި، އަދި ވަކިން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ފާހަގަކުރެވޭތީ އާއި މި ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަޙައްމަލުކުރަންޖެހޭން ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރުތަކެއް ކަމުގައި ގަބޫލުކުރެވޭތީއާއި، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހީންނަށް ރައްކައުތެރިކުން ކަށަވަރު ކޮށްދިނުމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކައުތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކައުތެރިކަމާއި ޙިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމެއް ކަމުގައި ވެސް ގަބޫލުކުރެވޭ ހިނދު؛

ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވުންޖެހޭން ކަމެއް ކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއް ކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި، ވަކިވަކި ޤައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމައިފައިވީ ހިނދު؛

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި (ށ) އިން ރައީސުލްޖުމްހޫރިއްޔާއް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތީން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، މި ޤަރާރު އެކަށައެޅީމެވެ."

"އިންޑިއާ އައުޓް" ހަރަކާތްތައް މާލޭގެ އިތުރުން އެކިއެކި އަތޮޅުތަކުގައިވެސް އަންނަނީ ބާއްވަމުންނެވެ. އެއާ ވިދިގެން، އިންޑިއާއާ ގާތް ގުޅުމެއް ބާއްވާ އެމް.ޑީ.ޕީ ސަރުކާރުން ގެންދަނީ، ރައްޔިތުންގެ މަޖިލީހުގައާއި އެހެނިހެން ފޯރަމްތަކުގައި އެ ހަރަކާތްތަކާ ދެކޮޅަށް އަޑު އުފުލައި، އެ ހަރަކާތްތައް ހުއްޓުވުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.

"އިންޑިއާ އައުޓް" ހަރަކާތްތައް މިދިޔަ އަހަރު ފެށިގެން އައިއިރު، ސަރުކާރުން ބުނަމުން އައީ އެކަމުގައި ބައިވެރިވަނީ ޑްރަގު ނެޓްވޯކުގައި އުޅޭ މަދު ބައެއް ކަމަށެވެ. ނަމަވެސް އޭރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ ނޮވެމްބަރު 30 ގައި މިނިވަންވުމާއެކު، "އިންޑިއާ އައުޓް" ޖަހައިފައިވާ ޓީޝަރޓް ތުރުކުރައްވައިގެން މުޒާހަރާތަކަށް ނުކުންނަވައި، އެ ހަރަކާތުގެ ފޯރި ވަނީ އިތުރަށް ގަދަކުރައްވައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް