Support Us

އަޤްޞާ މިސްކިތަށް ޔަހޫދީން ވަނުން މަނާކުރަނީ

މި އަންނަ ހުކުރު ދުވަހުން ފެށިގެން ރަމަޟާން މަސް ނިމެންދެން އަޤްޞާ މިސްކިތަށް ޔަހޫދީން ވަނުން މަނާކުރުމަށް އިސްރާއީލުގެ ސިޔާސީ ބާރުތަކުންނާއި ސަލާމަތީ ބާރުތަކުން ނިންމައިފިއެވެ.

އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި އިސްރާއީލު ސަރުކާރުން މި ގޮތަށް ނިންމީ ކަނާތުފިޔައިގެ ހަރުކަށި ޔަހޫދީން އަޤްޞާ މިސްކިތަށާއި ޚަލީލު ސަހަރުގެ އިބްރާހީމީ މިސްކިތަށް ވަދެ މުސްލިމުންނަށް ޖެއްސުންކުރުމުގެ ސަބަބުން ފަލަސްޠީނުގެ މަސްރަޙު ހޫނުވެ ކުރިމަތިލުމަކާ ހަމައަށް ހިނގައިދާނެތީ ބިރުންނެވެ.

ބޮޑުވަޒީރު ބެނެޓްގެ ޤަރާރު ބުނާގޮތުގައި ޔަހޫދީންނަށް އަޤްޞާ މިސްކިތަށް އެރުމަށް ހުއްދަދީފައިވާ ދުވަސްތަކުގައި އެމީހުންނަށް ރަމަޟާން މަސް ނިމެންދެން ނުވަދެވޭނެއެވެ. ޔަހޫދީ ދީން ބުނާގޮތުން އެމީހުންނަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މިސްކިތަށް ދިޔުން މަނާވާނެއެވެ.

އިސްރާއީލުގެ ދުވަހު ނޫސް ބަދީޢޫތު އަހްރަނޫތު ބުނާގޮތުގައި އިސްރާއީލު ފުލުހުން މިހާރު ވަނީ ޔަހޫދީން ބާއްވާ ހިނގައިލުންތައް ރާވާ ފަރާތްތަކަށް ފުލުހުންގެ ޙިމާޔަތް ނުލިބޭނެކަން އަންގައިފައެވެ. ޙަމާސުން ވަނީ އަޤްޞާއަށް ވަދެއްޖެނަމަ ޙަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ.

ފަލަސްޠީނުގެ ޖަމާޢަތްތައް ތައްޔާރީ ޙާލަތުގައި

ޖަޒީރާ ބުނާގޮތުގައި ފަލަސްޠީނުގެ ޖަމާޢަތްތަކުން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ޖަމާޢަތްތައް ތައްޔާރީ ޙާލަތަށް ގެނައުމަށް އެއްބަސްވެފައެވެ. ޔަހޫދީންގެ ހިނގައިލުންތައް ނުބޭއްވުމަށް ވަނީ އިންޒާރުކޮށްފައެވެ. މި ޖަމާޢަތްތަކުން ނެރުނު ބަޔާން ބުނާގޮތުގައި އެމީހުން މިހާރު ވަނީ ބަޑިއަށް ވަޒަންލައިފައެވެ. ޖަޒީރާ ބުނާގޮތުގައި ފަލަސްޠީނުގެ މަސްރަޙު މިހާރު އޮތީ ވަރަށް ހޫނުވެފައެވެ. އިސްރާއީލުން އަޤްޞާ މިސްކިތާއި އިބްރާހީމީ މިސްކިތް މުސްލިމުންނާ ޔަހޫދީންނަށް ބަހައިފައިވާ ގޮތް ބަލައިނުގަނެވޭނެކަމަށް ފަލަސްޠީނުގެ ޖަމާޢަތްތައް ބުންޏެވެ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް

ޣައްޒާއާއި ހުޅަނގު އައްސޭރި ހޫނުވަމުންދާތީ އެކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް ޓަކައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ރޭ ބޭއްވުނެވެ. މި ސިއްރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަލަސްޠީނުގެ މަންދޫބު ރިޔާޟު މަންޞޫރު ވިދާޅުވިއެވެ. "އިސްރާއީލުގެ ޢުދްވާނީ ޙަމަލާތަކުން ފަލަސްޠީނު މީހުން ޙިމާޔަތްކޮށްދިނުމަކީ ސަލާމަތީ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ." އޭނާ ހާމަކުރެއްވި ގޮތުގައި މަސްރަޙު ހޫނުކުރުމާ ދުރުހެލިވާން ޖެހިފައިވާ ކަމަށް ހުރިހާ މެންބަރުން ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.

ސަލާމަތީ މަޖިލީހުގައި ހިމެނޭ ޢަރަބި ޤައުމުތަކުގެ މަންދޫބު އިމާރާތުގެ ސަފީރު ވާހަކަފުޅު ދައްކަވަމުން އަލްމަސްޖިދުލްއަޤްޞާއަށް ދެވޭ ޢުދްވާނީ  ޙަމަލާތަކާއި އެ ޙަރަންފުޅުގައި ނަމާދުކުރާ މީހުންނަށް ކުރާ ޖެއްސުންކުރުންތައް ތަޙްޤީޤު ކުރުމަށް ގޮވައިލެއްވިއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ބައިނަލްއަޤްވާމީ ހިމާޔަތް ތަނަވަސްކޮށްދިނުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.ޤުދްސް ސަހަރާއި އަލްމަސްޖިދުލްއަޤްޞާގެ ތާރީޚީ ޙާލަތު ބަދަލުކުރުން ހުއްޓުވުމަށް ޓަކައި ފިޔަވަޅު އެޅުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

ސަލާމަތީ މަޖިލީހުގައި ހިމެނޭ ޔޫރަޕްގެ ފަސް ޤައުމުން އިސްރާއީލަށާއި ފަލަސްޠީނަށް ޖެއްސުންކުރުމުގެ ޢަމަލުތައް ހުއްޓައިލުމަށް ގޮވައިލިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *