Support Us

މުޞްޙަފެއް އަންދައިލުމާ ވިދިގެން ހިނގި އިޙްތިޖާޖެއްގެ މަންޒަރެއް

ސްވިޑްންގައި މިނިވަންކަމުގެ ނަމުގައި މުޞްޙަފުތައް އަންދަން ފަށައިފި

ސްވިޑްންގެ ހައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ ޙަރަކާތެއް ކަމުގައިވާ "ސްޓްރާމް ކުރަސް" އިން ސްވިޑްންގެ ދެ ސަހަރެއްގައި މުޞްޙަފުތައް އެންދުމާ ވިދިގެން އިސްލާމީ ބައެއް ޤައުމުތަކުންނާއި ޖަމްޢިއްޔާތަކުން މި ޢަމަލު ކުށްވެރިކޮށްފިއެވެ.

މި ޙަރަކާތުގެ މި މުޑުދާރު ޢަމަލު ކުށްވެރިކޮށް ސްވިޑްންގެ ރަށްރަށުގައި ބޭއްވުނު އިޙްތިޖާޖުތަކުގައި ސްވިޑްން ފުލުހުންގެ 26 މީހަކާއި މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން 14 މީހަކު ޒަޚަމުވި ކަމަށް ސްވިޑްންގެ ފުލުހުން އިއްޔެ ބުންޏެވެ. ސްވިޑްންގެ މި ޙަރަކާތުގެ ވެރިއަކީ ސްވިޑްން– ޑެންމާކީއެއް ކަމުގައިވާ ރަސްމޮސް ޕަލުޑާނެވެ.

ސްވިޑްންގެ ފުލުހުންގެ ޙިމާޔަތް ލިބިގެން އޭނާގެ ޙަރަކާތަށް ތާއީދު ކުރާ ކަނާތުފިޔައިގެ ހަރުކަށި މީހުން ސްވިޑްންގެ މަލްމޯ ސަހަރާއި ލިންޝޯޕިންގް ސަހަރުގައި ކީރިތި ޤުރްއާނުގެ ދެ ކޮޕީއެއް އަންދައިލިއެވެ.

ސުޢޫދީ ޚާރިޖިއްޔާއިން މި ޢަމަލު ކުށްވެރިކޮށް ނެރުނު ބަޔާނުގައި "މިއީ ކީރިތި ޤުރްއާނަށް ގަސްތުގައި ކުރި ފުރައްސާރަކުރުމެއް" ކަމަށް ބުނެފައި ވެއެވެ. އަދި މި ޢަމަލަކީ ރަމަޟާން މަހުގައި މުސްލިމުންނަށް ޖެއްސުންކުރުމަށް ހިންގި ލާއަޚްލާޤީ ޢަމަލެއްކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ. "ދީންތަކަށާއި އެ ދީންތަކުގެ މުޤައްދަސް ރަމްޒުތަކަށް އިހާނެތިކޮށް ހިތުމާ ދުރަށް ދާންޖެހޭނެ" ކަމަށް ސުޢޫދީ ޚާރިޖިއްޔާގެ ބަޔާނުގައި އައިސްފައި ވެއެވެ.

ސުޢޫދީ ބޮޑެތި ޢިލްމުވެރީންގެ ވިދާރާއިން މި ކަން ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ. މި ބަޔާން ބުނާގޮތުގައި މިއީ ހައްދުފަހަނަޅަފައިވާ ބަލިމާނަކު ހިންގި ޢަމަލެކެވެ. މިއީ ލާއިންސާނީ ހަމަނުޖެހޭ ޢަމަލެއް ކަމަށް ވެސް މި ބަޔާނުގައި އައިސްފައި ވެއެވެ. މާތްﷲ ރައްކައުތެރިކުރައްވައި މަތިވެރި ކުރައްވައިފައިވާ ކީރިތި ޤުރްއާނަށް މިފަދަ ހަޑިހުތުރު ޢަމަލުތަކުގެ ސަބަބުން ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް ސުޢޫދީ ދަންނަބޭކަލުންގެ ވިދާރާއިން ބުނެފައި ވެއެވެ.

ޤަޠަރުގެ ޚާރިޖިއްޔާއިން މި ޢަމަލު ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ. ޤަޠަރު ބުނި ގޮތުގައި "މި ޢަމަލަކީ ދުނިޔޭގެ ދެ ބިލިއަން މުސްލިމުންގެ ޝުޢޫރުތައް ކެކިގެންދާނެ ނުބައި ޢަމަލެކެވެ." މިފަދަ ޢަމަލުތަކުގެ ނަތީޖާއާމެދު ވިސްނަން ޖެހޭނެ ކަމަށް ޤަޠަރުގެ ބަޔާނުގައި އައިސްފައި ވެއެވެ.

މިޞްރުގެ ވުޒާރަތުލް އައުޤާފުން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "މިއީ މުސްލިމުންގެ ޝުޢޫރުތައް ކަތިލައި އެމީހުންގެ ހިތްތަކުގައި ރުޅިވެރިކަން އުފެއްދުމަށް ހިންގި މުޑުދާރު ޢަމަލެކެވެ." މިޞްރުން ބުނިގޮތުގައި މިއީ ސުލްޙަމަސަލަސް ކަމުގައި އެކުގައި ދިރިއުޅުމުގެ އުޞޫލަތަކާ ޚިލާފު ޢަމަލެކެވެ.

އުރްދުނުން ނެރުނު ބަޔާން ބުނާގޮތުގައި މިއީ ބަލައިގަނެވޭނެ ޢަމަލެއްނޫނެވެ. މިއީ ހުރިހާ ދީންތަކެއްގެ އަގުތަކާއި އިންސާނީ ޙައްޤުތަކާއި މިނިވަން އަސާސިއްޔަތުތަކާ ޚިލާފު ކަމެއްކަމަށް ޢައްމާނުން ބުންޏެވެ.

މި ޙާދިސާއާ ވިދިގެން ޢިރާޤު ސަރުކާރުން އެ ޤައުމުގައި ހުންނަވާ ސްވިޑްންގެ ސަފީރުގެ ނާއިބު ޚަރިޖިއްޔާއަށް ގެނެސް އެކަން ކުށްވެރިކޮށް ބަޔާނެއް ޙަވާލު ކުރިއެވެ. މިއީ މުސްލިމުންގެ މުޤައްދަސާތުތަކަށް އަރައިގަތުމެއް ކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ސަޢީދު ޚަޠީބު ޒާދާ ސްވިޑްންގެ ބަޔަކު މި ކުރި ނުބައި ޢަމަލަށް ރައްދު ދިނުމަށް ސްވިޑްން ސަރުކާރަށް ގޮވައިލިއެވެ. މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށް އީރާނުން ބުންޏެވެ. އީރާނު ބުނިގޮތުގައި ސުލްޙަމަސަލަސްކަމާއެކު ދިރިއުޅެވެން ޖެހޭނެކަމަށް ޤަބޫލު ކުރާ އެންމެން މި ނުބައި ފިނޑި ޢަމަލު ކުށްވެރި ކުރަން ޖެހޭނެއެވެ.

އަޒްހަރުންނާއި ރާބިޠަތުލް ޢާލަމިލް އިސްލާމީ ފަދަ އިސްލާމީ ބޮޑެތި އިދާރާތަކުން ވެސް މި ޢަމަލު ކުށްވެރި ކުރިއެވެ.

ރަސްމޮސް ޕަލުޑަނަކީ ކާކު

ސްވިޑްން ސްޓްރާމު ކުރަސްގެ ޒަޢީމު ރަސްމޮސް ޕަލުޑަނަކީ މި އަންނަ ސެޕްޓެންބަރުގައި ސްވިޑްންގައި ބޭއްވޭ ބަރްލަމާނު އިންތިޚާބުގައި ގޮނޑިއެއް ލިބޭތޯ އުޅޭ ޙައްދުފަހަނަޅައިފައިވާ މީހެކެވެ. މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ސޮއި ވަނީ އޭނާއަށް އަދި ނުހޯދިފައެވެ. ސްވިޑްންގައި މުސްލިމުން އުޅޭ ރަށްރަށަށް ގޮސް މުޞްޙަފު އެނދުމުގެ މަސައްކަތް މި  ކުރަނީ އޭނާއަށް ބޭނުންވާ ޢަދަދަކަށް ސޮއި ހޯދުމަށް ޓަކައެވެ. މީނާއަކީ 2019ވަނަ އަހަރު ޑެންމާކުގައި ވެސް ބަރްލަމާނީ ގޮނޑިއެއް ލިބޭތޯ މަސައްކަތްކޮށް ނާކާމިޔާބު ވެފައިވާ މީހެކެވެ. އޭނާއަށް ޑެންމާކުން 10 ހާސް ވޯޓުވެސް ވަނީ ނުލިބިފައެވެ.

ފަރަންސޭސިވިލާތުގައި މުޞްޙަފު އަންދަން ވެގެން މަސައްކަތްކުރުމާ ވިދިގެން 2020ގެ ނޮވެންބަރުގައި އޭނާ  ވަނީ ފަރަންސޭސި ވިލާތުން ފޮނުވައިލައިފައެވެ.މީނާ އުފަންވެފައި ވަނީ 1982ވަނަ އަހަރުގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *